15 ޖެނުއަރީ 2024 - 21:06

އިމާދުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލަކަށް ހުންނެވި ޒުހުދުލް ހައްގު (ޒުހުދު)، ސީއެޗްއެސްއީގެ ޕްރިންސިޕަލަކަށް ހަމަޖައްސައިފި އެވެ.
ޒުހުދު އެ މަގާމަށް ހަމަޖެއްސީ، ސީއެޗްއެސްއީގެ ޕްރިންސިޕަލްގެ މަގާމުގައި 19 އަހަރު ވަންދެން ހުންނެވި އައިޝަތު ސޮފޫރާ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކުރުމުންނެވެ.
ތައުލީމީ ދާއިރާގައި 15 އަހަރު ހޭދަކުރައްވާފައިވާ ޒުހުދު ކިޔަވައިދޭން ފެއްޓެވީ 2008 ވަނަ އަހަރު ދަރުމަވަންތަ ސްކޫލުގެ ހިސާބު ޓީޗަރެއްގެ ގޮތުގަ އެވެ.
އެއަށްފަހު އިމާދުއްދީން ސްކޫލުގެ ލީޑިން ޓީޗަރެއްގެ ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރެއްވުމަށްފަހު 2021 ވަނަ އަހަރު އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމަށް ވަޑައިގެންނެވި އެވެ.
ސީއެޗްއެސްއީގެ ޕްރިންސިޕަލަކަށް އިއްޔެ ހަމަޖެއްސުމާ ހަމައަށް ވެސް ޒުހުދު މަސައްކަތް ކުރައްވަމުން ގެންދެވީ އިމާދުއްދީން ސްކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލަކަށެވެ.
އޭނާ ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ބެޗްލާސް އިން ފިޒިކްސް އެންޑް މެތްސް އަދި މާސްޓާސް އިން ލީޑާޝިޕް އެންޑް މެނޭޖްމެންޓް ދާއިރާއިން ތައުލީމު ހާސިލް ކުރައްވައިފަ އެވެ.