15 ފެބުރުއަރީ 2017 - 06:01

ކަރީނާ ކަޕޫރު ވަނީ ބަލިވެ އިނުމާ ގުޅިގެން ބަރުދަން އިތުރުވިޔަސް ވަރަށް އަވަހަށް ކުރީގެ ހަށިގަނޑަށް އިޔާދަވެފަ އެވެ. ވިހެއުމަށް ފަހު އޭނާ ކުޅެން ހަމަޖެހިފައިވާ ފުރަތަމަ ފިލްމު "ވީރް ދީ ވެޑިން" ގެ ޝޫޓިން ފަށަނީ އޭޕްރީލް މަހު އެވެ. އެކަމަކު އޭގެ މާ ކުރިން އަލުން ލޫޅާފަތިވެ ފިޓްވާން ކަރީނާ ވަރަށް ބޭނުމެވެ.

ކަރީނާގެ ގާތް މީހަކު ބުނި ގޮތުގައި ބަރުދަން ލުއިކުރުމަށްޓަކައި ކަރީނާ ދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. ކަރީނާ އަކީ އާދަކޮށް ޔޯގާ ހަދާ މީހަކަށް ވިޔަސް އޭގެ އިތުރުން މިހާރު ހަފުތާއަކު ތިން ފަހަރު ކިކް-ބޮކްސިން ކްލާސްތަކެއްގައި ވެސް ބައިވެރިވެ އެވެ. ކަރީނާއަށް މި ކްލާސްތައް ދާން ޚިޔާލު ދިނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި ކުރިން ބައެއް ފިލްމުތައް ކުޅުނު އަމްރިތާ އަރޯރާ އެވެ. އަމްރިތާ ވެސް ވިހެއުމާ ގުޅިގެން ފަލަވެފައި ހުއްޓާ ހިކުނީ ކިކް-ބޮކްސިން ކްލާސްތަކުގައި ބައިވެރިވެގެންނެވެ.
ކަރީނާ ކުރި މަސައްކަތުގެ ނަތީޖާ އެންމެ 45 ދުވަހުގެ ތެރޭގައި ވަނީ ފެނިފަ އެވެ. ދަރިފުޅު ތައިމޫރު އަލީ ޚާން ވިހޭތާ އެންމެ ދޮޅު މަސް ތެރޭ ކަރީނާ ވަނީ މަޝްހޫރު ލަކްމޭ ފެޝަން ވީކް ސަމާ/ރިސޯޓް 2017 ގައި މަޝްހޫރު ޑިޒައިނާ އަނީތާ ޑޮންގްރޭގެ ޝޯގައި އެންމެންގެ ސަމާލުކަން ހޯދައިފަ އެވެ.
ކަރީނާ ބުނީ އޭނާގެ ހަށިގަނޑު އަދި ސައިޒް ޒީރޯ އަށް ނުދިޔަ ނަމަވެސް ރޭމްޕްގައި ހިނގާލެވޭ ވަރު ވެފައިވާ ކަމަށެވެ. ކަރީނާ ބުނީ އިންޑިއާގައި ގިނަ އަންހެނުން ވިހެއުމަށްފަހު އަލުން ނުހިކެނީސް ގެއިން ބޭރަށް ނުކުންނަން ވެސް ލަދުގަންނަ ކަމަށެވެ. ނަމަވެސް ބަނޑުބޮޑުވުމުން ފަލަވިޔަސް އެއީ މައްސަލައެއް ނޫން ކަމަށާއި ގައިގައި ޖަހާފައިވާ އިތުރު މަސްތައް ފަޚުރުވެރިކަމާ އެކު ދައްކާލަން ލިބޭ އެއީ ހަމައެކަނި ފުރުސަތު ކަމަށް ކަރީނާ ގަބޫލުކުރެ އެވެ.
އޭނާ ބުނި ގޮތުގައި ބަނޑުބޮޑު ދުވަސްވަރު އޭނާ އުޅުނުލެއް ބުރަކަމުން އޭނާ ވިހާނީ ވެސް ސްޓޫޑިއޯގައި ކަމަށް ބުނެ ފިރިމީހާ ސައިފް އަލީ ޚާން ޖޯކު ޖެހި އެވެ. ބަލިވެ އިނުމަކީ ކޮންމެހެން ކަންނެތްވާން ދައްކަންޖެހޭ ބަހަނާއެއް ނޫން ކަމަށާއި އޭނާ އަކީ އަބަދުވެސް ވަރަށް ފިޓްކޮށް ހުންނަން ބޭނުންވާ މީހެއް ކަމަށް ކަރީނާ ބުންޏެވެ. އަދި އޭނާ ހެދުން އަޅަނީވެސް އޭނާ ހިތްހަމަޖެހޭ ގޮތްގޮތަށް ކަމަށް ބުންޏެވެ.
ކަރީނާގެ ދަރިފުޅު ތައިމޫރުގެ އާ ފޮޓޮއެއް އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ. އެ ފޮޓޯގަނޑު ފެނުނު އެންމެން ވެސް ތުއްތު ކުއްޖާގެ ރީތިކަމަށް ތައުރީފުކޮށްފައިވެ އެވެ.