15 ޖެނުއަރީ 2024 - 14:39

އިރުވައި މޫސުމާ އެކު ވައިގެ މިސްރާބު ބަދަލުވުމުން ރާއްޖެއަށް ކުރިމަތިވާ ވައި ނުސާވުމުގެ މައްސަލަ މި އަހަރު ވެސް ކުރިމަތިވި މާލެ ސަރަހައްދުގެ ވައި މިއަދު ވަރަށް ބޮޑަށް ނުސާފުވެއްޖެ އެވެ.

ވައިގެ ކޮލިޓީ އެނގޭ ގޮތަށް ހަދާފައިވާ ވެބްސައިޓްތަކުން ދައްކާ ގޮތުގައި، މާލެ ސަރަހައްދުގެ ވައިގެ ނުސާފުމިން ހުރީ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) އިން ބަލާނަމަ 71 ގަ އެވެ. އެއީ ވައިގެ ނުސާފުމިނަށް މިންކުރާ ނަމަ ދަށް ފެންވަރެކެވެ.

ވައިގެ ފެންވަރު ދަށްކަމަށް ބަލަނީ 50-99 ސްކޭލްގައި ހުރުމުންނެވެ. އެ މިންވަރަށް ބަލާއިރު، ނާޒުކު ހާލަތުގައި ތިބި މީހުންގެ ސިއްހަތަށް އަސަރުކުރާނެ ކަމެކެވެ. ނޭވާލާން އުނދަގޫވާ ނަމަ ނުވަތަ ކަރުގައި ރިއްސުން ފަދަ އަލާމާތްތައް ފެނިއްޖެ ނަމަ ބޭރުގައި ހޭދަކުރާ ވަގުތު މަދުކުރަން ލަފާދެ އެވެ.
އެއަށްވުރެ ބޮޑަށް ވައި ނުސާފުވެއްޖެ ނަމަ ސިއްހަތަށް ބޮޑެތި ގެއްލުންތައް ލިބޭނެ އެވެ. ބޭރަށް ނުކުތުން އެންމެ ނުރައްކާވާނެ ކަމަށް ދައްކަނީ އޭކިއުއައި 250 އަށްވުރެ މައްޗަށް ހިނގައްޖެ ނަމަ އެވެ.
މެޓު އޮފީހުން ބުނީ އިރުމަތިން ޖެހޭ ވައިގެ ސަބަބުން އުތުރާއި މެދުރާއްޖޭގެ ވައި ނުސާފުވެ، ހަމަ ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. ސާފު ދުވަހެއްގައި 10 ކިލޯ މީޓަރަށް ވުރެ ދުރު ފެނުނަސް، ފާއިތުވި 24 ގަޑިއިރު، ހާއްސަކޮށް މެދުރާއްޖޭގެ ސަރަހައްދަށް އެ މިންވަރު ފަސް ކިލޯ މީޓަރަށް ދަށްވެފައިވާ ކަމަށް ބުންޏެވެ.
"ދުރު ފެންނަ ނިސްބަތް ބަދަލުވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވިއްސާރަވުން މުހިއްމު ދައުރެއް އަދާކުރެ އެވެ." އެ އޮފީހުން ބުންޏެވެ.
މިދިޔަ އަހަރުގެ މި ދުވަސްވަރު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ނުސާފުވެ، ދުރު ފެންނަ ވަރު 60 ޕަސެންޓް ދަށަށް ދިޔަ އެވެ. އުތުރު އިންޑިއާގެ ހިމާލިޔަން ސަރަހައްދުގައި ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެ އަށް މިދިޔަ އަހަރު ވެސް ކޮށްފައި ވާއިރު މި އަހަރު ވެސް އުތުރު އިންޑިއާގައި މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް ވައި ނުސާފުވެ ދަތުރުފަތުރަށް ވެސް ހުރަސްއެޅިފަ އެވެ.