16 ފެބުރުއަރީ 2017 - 10:12

އަރްޝަދު ވާރްސީގެ ބޮލީވުޑްގެ ފެށުން ވަރަށް ރަނގަޅެވެ. އޭނާގެ ފުރަތަމަ ފިލްމު "ތޭރޭ މޭރޭ ސަޕްނޭ" އަކީ ކާމިޔާބު ފިލްމެކެވެ. އަދި އެއާ އެކު އަރްޝަދުގެ ހުނަރު ވެސް ގިނަ ބަޔަކު ފާހަގަކުރި އެވެ. ނަމަވެސް އޭގެ ފަހުން އޭނާ ކުޅުނު ދެތިން ފިލްމެއް ފްލޮޕްވުމާ އެކު ފިލްމު އިންޑަސްޓްރީގެ މީހުން އޭނާގެ މަތިން ހަނދާން ނެތުނު ކަމަށް އަރްޝަދު ބުންޏެވެ.
އޭގެ ފަހުން ތިން އަހަރު ވަންދެން އެއްވެސް މަސައްކަތެއް ނެތި ހުރި ކަމަށާއި "ސެހެރް" އާއި "މުންނާބާއީ އެމްބީބީއެސް" އަކީ ތިން އަހަރު ކަމެއް ނެތި ގޭގައި ހުރި ފަހުން ލިބުނު ދެ ފިލްމު ކަމަށް ވެސް އަރްޝަދު ކިޔައިދިނެވެ.
ކްރިޓިކްސްގެ ތައުރީފު އޮހުނު "ވައިސާ ބީ ހޯތާ ހޭ" އާއި "އިޝްގިޔާ" އަދި "ޖޮލީ އެލްއެލްބީ" އަކީ އަރްޝަދުގެ ހުނަރުވެރިކަން ހާމަވެގެންދިޔަ ފިލްމުތަކެވެ. ނަމަވެސް އެއް އިރެއްގައި ވެސް އޭނާއަކީ އޭ ގްރޭޑް ފިލްމީ ތަރިއެއްގެ ގޮތުގައި ނުބެލެވެ އެވެ.
އަރްޝަދު ބުނީ ފިލްމީ ކެރިއަރުގައި ދިމާވި އަޑިގަނޑުގައި އޭނާއަށް ހިތްވަރުދީ އެހީތެރިވީ އަންހެނުން މާރިއާ ގޮރޭޓީ ކަމަށެވެ.
"ފުރަތަމަ ފިލްމު ފެނިފައި އެންމެން ބުނި ވަރަށް ބަރާބަރޭ. ނަމަވެސް އޭގެ ފަހުން ދެތިން ފިލްމެއް ނާކާމިޔާބު ވުމާ އެކު އަހަންނަށް މަސައްކަތް ލިބުން ހުއްޓުނު،" އަރްޝަދު ބުންޏެވެ.
އޭނާ ބުނީ ކުޅޭނެ ފިލްމެއް ނެތި ހުރި ދުވަސްވަރު ދަރަނިވެރިނުވެ ސަލާމަތްވީ އަންހެނުން މާރިއާ ވަޒީފާ އަދާކުރާތީ ކަމަށެވެ. އަދި އެ ދުވަސްވަރު އޭނާއަށް ލިބުނު އާދައިގެ ކުދިކުދި މަސައްކަތްތައް ވެސް ކޮށްފައި ވާނެކަމަށް އޭނާ ބުންޏެވެ.
އަރްޝަދު، 48، ބުނީ ފިލްމެއް ކުޅެން ނުލިބުނަސް އޭނާގެ ހުނަރާމެދު ފުރިހަމައަށް އިތުބާރު އޮތް ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން އޭނާގެ ހުނަރު އެހެން މީހުންނަށް ފެންނާނެކަމުގެ ޔަގީންކަން އޮތް ކަމަށް ބުންޏެވެ.
މަސައްކަތެއް ނެތިފައި އަރްޝަދު ހުއްޓާ އޭނާގެ ނަސީބު އަނެއްކާވެސް އަތުގައި ހިފީ ރާޖް ކުމާރު ހިރާނީ ޑައިރެކްޓްކުރި "މުންނާބާއީ އެމްބީބީއެސް" ކުޅެން ލިބުނު ހިސާބުންނެވެ. އެ ރޯލަކީ ގިނަ އެކްޓަރުންތަކެއް ނުކުޅެން ދޫކޮށްލާފައި އޮތް ރޯލެކެވެ. ނަމަވެސް ފިލްމު ބެލި ގިނަ ބަޔަކަށް އެންމެ ފާހަގަކުރެވުނީ އަދި މަގްބޫލުވީ އަރްޝަދު ކުޅުނު ސާކިޓްގެ ބައެވެ.
އަރްޝަދު ބުނި ގޮތުގައި "މުންނާބާއީ އެމްބީބީއެސް"ގައި އޭނާ އަކީ ސަންޖޭ ދަތުގެ ފަހަތުން އުޅޭ ފަސް ގުންޑާއެއްގެ ތެރޭގައި ހިމެނޭ އެކަކެވެ. ނަމަވެސް އެންމެ ފަހުން ފިލްމު ރިލީޒްކުރުމުން އެހެން މީހުން ކުޅުނު ބައިތަކަށް ވުރެ އޭނާގެ ކެރެކްޓާ ގިނަ ބަޔަކަށް ކަމުދިޔަ އެވެ.
އަރްޝަދު މިހާރު ކުރަމުންދަނީ "އިރާދާ" ކިޔާ ފިލްމެއްގެ މަސައްކަތެވެ. ނަސީރުއްދީން ޝާހާ އެކު އޭނާ ކުޅޭ މި ފިލްމަކީ ބޮލީވުޑްގައި އުފައްދާ ފުރަތަމަ އީކޮލޮޖިކަލް ތުރިލާ އެވެ. އަޕަރްނާ ސިންގް ޑައިރެކްޓްކޮށްފައިވާ މި ފިލްމު އަންނަ ހުކުރު ދުވަހު ރިލީޒްކުރާނެ އެވެ.