16 ޖެނުއަރީ 2024 - 22:53

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ތިން މެޗުން ވެސް ފުރިހަމަ މޮޅެއް ހޯދައިގެން މަސްއޮޑި ސްޕޯޓްސް ކްލަބުން ކުއާޓާގެ ފުރުސަތު މިއަދު ޔަގީން ކޮށްފި އެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި މަސްއޮޑިން މުބާރާތުގައި ކުޅުނު ތިންވަނަ މެޗުގައި ޖޭޖޭ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދީ 6-0 އިންނެނެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް ލީޑު ނަގައިދިނީ އައްޒާމް އަބްދުﷲ ޖަހައިދިން ގޯލުންނެވެ. އެ ޓީމުން ލީޑު ފުޅާކުރީ 51 ވަނަ މިނިޓުގައި އިބްރާހިމް ވަހީދު ހުސެއިން (އިއްބެ) ޖަހައިދިން ގޯލުންނެވެ. އޭގެ 10 މިނިޓު ފަހުން އެ ޓީމުގެ ތިންވަނަ ގޯލު ވެސް ޖަހައިދިނީ އިއްބެ އެވެ.
މެޗުގެ 76 ވަނަ މިިޓުގައި އަލީ ޝާމިސް (ތޮއްޕޭ) މަސްއޮޑި އަށް ހަތަރުވަނަ ގޯލު ޖަހައިދީފައި ވަނިކޮށް، ޖެހިގެން އައި މިނިޓުގައި ފަސްވަނަ ގޯލު ޖަހައިދިނީ ޖަހޯނޯވް ސަރުދާރެވެ. މެޗުގެ އިތުރު ވަގުތުގައި ފަހު ލަނޑު ޖަހައިދިނީ އޮޑިލި ފެލިކްސް ޗީޑި އެވެ.
ގުރޫޕް އޭގެ މަސްއޮޑިން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ނުވަ ޕޮއިންޓް ހަމަކޮށްފަ އެވެ. އެ ޓީމުން ވަނީ ކުޅުނު ފުރަތަމަ ދެ މެޗުގައި 4-0 ގެ ނަތީޖާއަކުން މަހިބަދޫ ސްޕޯޓްސް ކްލަބާއި އެލްޓީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
މި ގުރޫޕުގައި ހިމެނޭ ކުޑަހެންވޭރު ޔުނައިޓެޑުން މިހާތަނަށް ކުޅުނު ދެ މެޗު ކާމިޔާބު ކޮށްފައި ވާއިރު، މަހިބަދޫ ވަނީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކޮށްފަ އެވެ. ޖޭޖޭ ކުޅުނު ތިން މެޗުން ބަލިވެފައި ވާއިރު އެލްޓީ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.
މަސްއޮޑި އަށް ދެން އޮތީ ގުރޫޕް ސްޓޭޖުގެ ފަހު މެޗެވެ. ގުރޫޕްގެ އެއްވަނަ ހޯދަން، ކުޑަހެންވޭރު ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މި މެޗުން މޮޅުވުން މުހިއްމެވެ.
ގުރޫޕް ސީގައި ހިމެނޭ، އެންމެ ފަހުގެ ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަން ލެގޫންސް ސްޕޯޓްސް ކްލަބް ވަނީ ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެ، ކުއާޓާގެ އުންމީދު ހޯދައިފަ އެވެ.
އާދިއްތަ ދުވަހުގެ ހަވީރު ލެގޫންސް ވަނީ 5-0 އިން ބިސްބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
މި މެޗުގައި ލެގޫންސްގެ ފުރަތަމަ ލަނޑު 16 ވަނަ މިނިޓުގައި ޖެހީ ސްރީ ލަންކާގެ ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު ޝިފާން އެވެ. އޭގެ ހަތަރު މިނިޓު ފަހުން އަލީ ރިޝްފާން އަހުމަދު ދެ ވަނަ ގޯލު ޖަހާއި ލީޑު ފުޅާކޮށްދީފައި ވަނިކޮށް 27 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ތިންވަނަ ގޯލު ޖަހައިދިނީ ރަޝިއާ ފޯވާޑް ވްލަޑިސްލާވް ކޯމިޝިން އެވެ.
ފުރަތަމަ ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް، ލެގޫންސްގެ ހަތަރުވަނަ ގޯލު ވެސް ޖަހައިދިނީ އިވާން އެވެ. އެ ޓީމުގެ ފަސްވަނަ ގޯލު މެޗުގެ 68 ވަނަ މިނިޓުގައި ޖަހައިދިނީ އަހުމަދު ރިފްޝާން އެވެ.
ލެގޫންސްގެ އިތުރުން މި ގުރޫޕްގައި ހިމެނޭ ވިކްޓަރީ ސްޕޯޓްސް ކްލަބް ވެސް ވަނީ އެޓީމު މިހާތަނަށް ކުޅުނު ދެ މެޗު ކާމިޔާބު ކޮށްފަ އެވެ.
މި ނަތީޖާއާ އެކު، ލެގޫންސް ވަނީ ގުރޫޕް ސީގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ލޮރެންޒޯ ސްޕޯޓްސް ކްލަބުން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައި ވާއިރު، ބިސްބުރާއި ކްލަބް ޕީކޭ ވެސް ވަނީ ކުޅުނު ދެ މެޗުން ބަލިވެފަ އެވެ.
ގުރޫޕް ބީގެ އެންމެ ކުރީގައި އޮތީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާ ޓެންޓް ސްޕޯޓްސް ކްލަބެވެ.
މި ގުރޫޕްގައި ހިމެނޭ ބީޖީ ސްޕޯޓްސް ކްލަބް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައި ވާއިރު، ޓީނޭޖާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ނިއު ރޭޑިއަންޓަށް މި ގުރޫޕުގައި ތިން މެޗު ބާކީ އޮތްއިރު، އެ ޓީމަށް ވަނީ މެޗެއް ނުކުޅެ ތިން ޕޮއިންތް ލިބިފަ އެވެ.
މި ފަހަރުގެ ދެވަނަ ޑިވިޝަންގައި 15 ޓީމު ވާދަ ކުރާއިރު، ޓީމުތައް ވަނީ ތިން ގުރޫޕަކަށް ބަހާލައިފަ އެވެ. ކޮންމެ ގުރޫޕަކުން އެންމެ ތަނގަޅު ދެ ޓީމުގެ އިތުރުން، ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ޓީމަށް ވެސް ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.
ހަމަ އެއާ އެކު، މުބާރާތުގެ ފައިނަލަށްދާ ދެ ޓީމު، އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.