14 ޖެނުއަރީ 2024 - 17:53

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ނުވަތަ 19 ވަނަ ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުން އަންނަ މަހުގެ 5 އަށް މަޖިލިހުގެ އިދާރާ އިން ތާވަލުކުރާ ގޮތަށް ނިންމައިފި އެވެ.
އަންނަ މަހުގެ 5 ވާ ހޯމަ ދުވަހުގެ ހެނދުނު ނުވައެއް ޖަހާއިރު އެ ޖަލްސާ ބޭއްވުމުގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފަ އެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން އިއްވަވާ ފުރަތަމަ ޖަލްސާ އެވެ.
ގާނޫނުއަސާސީގައި ވާ ގޮތުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލިހަށް އިއްވަން ވާނެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ދައުރު ހަމަވާތީ ކުރިއަށް އޮތް ދައުރަށް މަޖިލިހަށް މެމްބަރުން އިންތިހާބުކުރުން އަންނަ މާޗު 17 ގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމާ ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުންތަކެއް ދާދި ފަހުން ގުޅިވަޑައިގެންފައިވާއިރު، 43 މެމްބަރުންނާ އެކު މަޖިލިހުގެ އަޣުލަބިއްޔަތު އަދިވެސް ކޮންޓްރޯލް ކުރަނީ އިދިކޮޅު އެމްޑީޕީ އެވެ. ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 16 އެވެ.