14 ޖެނުއަރީ 2024 - 13:02

ރާއްޖެއިން އިންޑިއާއަށް ދިޔަ މީހަކު ކޮވިޑުގެ އާ ވޭރިއެންޓް، JN.1 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

ރަސްމީ އިދާރާތަކާ ހަވާލާދީ މީޑިއާގައި ބުނެފައިވަނީ އިންޑިއާގެ 33 އަހަރުގެ އަންހެނަކު ކޮވިޑުގެ އާ ވޭރިއެންޓަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އިންދޯރްގެ މަދިޔަ ޕްރަދޭޝްގައި ކަމަށާއި މިހާރު އެ މީހާގެ ބަލި ފަސޭހަ ވެފައިވާ ކަމަށެވެ.
އޭނާ ޕޮޒިޓިވް ވެފައިވާކަން އެނގުނީ ހޯލް ޖިނޯމް ސީކުއެންސިން (ޑަަބްލިޔު.ޖީ.އެސް) ހަދަން އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) އަށް ފޮނުވައި މިދިޔަ ބުރާސްފަތި ދުވަހު ޓެސްޓުގެ ނަތީޖާ ލިބުމުން ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރާއްޖޭގައި ކޮވިޑްގެ އާ ވޭރިއެންޓަށް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ. އަދި ރާއްޖެއިން ދިޔަ މީހަކު ވެސް އެ ވޭރިއެންޓަށް ޕޮޒިޓިވް ވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނެތް ކަމަށް ބުންޏެވެ.
އެޗްޕީއޭ އިން ވަނީ މިދިޔަ ޑިސެމްބަރުގެ ޗުއްޓީ ތެރޭގައި ވަނީ ކޮވިޑުގެ އާ ވޭރިއެންޓް އެކި ގައުމުތަކުގައި ފެތުރެމުން ދާތީ ބައްޔާ މެދު ސަމާލުވާން އެދިފަ އެވެ. އެކަމަކު ރާއްޖޭން މި ވޭރިއަންޓް ފެނުނު ކަމަކަށް ބުނެފައެއް ނުވެ އެވެ.
ޑަބްލިޔުއެޗްއޯ އިން ބުނެފައިވާ ގޮތުގައި 45 ގައުމަކުން މިހާރު ވަނީ ކޮވިޑްގެ އާ ވޭރިއަންޓް ފެނިފަ އެވެ. އެކި ގައުމުތަކުގައި މި ދުވަސްވަރު ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދަނީ އޮމިކްރްރޯން ވޭރިއަންޓަށް ވުރެ ފަސޭހައިން ފެތުރޭ މި ވޭރިއަންޓުގެ ސަބަބުން ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެ އެވެ. އެމެރިކާގައި މިހާރު ކޮވިޑް ޖެހޭ މީހުންގެ 60 ޕަސެންޓަކީ މި ވޭރިއަންޓްގެ ސަބަބުން ބަލިވާ މީހުންނެވެ.
ކޮވިޑްގެ ކޮންމެ ވޭރިއަންޓެއްގައި އަލާމާތްތައް ތަފާތެވެ. މިހާރު ފެތުރޭ ވޭރިއަންޓްގައި ބަލީގެ ހާލަތު ސީރިއަސް ނޫން ކަމަށް މިހާތަނަށް ބެލެވެ އެވެ. އާ ވޭރިންޓުން ކޮވިޑް ޖެހޭ ގިނަ ބަޔަކަށް ފުރަތަމަ އަލާމާތެއްގެ ގޮތުން ފެންނަނީ ކަރުގައި ރިއްސުމެވެ. އަދި އޭގެ ފަހުން ކަރު ބެދި، ރޯގާ ޖެހެ އެވެ.
- އަރިދަފުސް ރޯގާ ޖެހި، ކެއްސާ ކިނބިހި އަޅާއިރު އަނގައާ ނޭފަތް ކުޑަރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާކުރުން.
- އާއްމު ސާފުތާހިރުކަމަށް ސަމާލުވުން އަދި ހާއްސަކޮށް، ސައިބޯނި ލައިގެން އަތް ދޮވުން ގިނަކުރުން.
- ރޯގާ ޖެހި، ކެއްސާ ނަމަ އަނގަޔާއި ނޭފަތް ފޮރުވޭ ގޮތަށް މާސްކް އެޅުން.
- ރޯގާ ޖެހި، ކެއްސާ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި ހާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.
- ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލި މީހާއާ އެކު ވީހާ ވެސް މަދު މީހުން ދިއުން. ބަލި މީހުންނަށް ޒިޔާރަތްކުރުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ނުދިއުން އަދި ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުން
- ރޯގާޖެހި ހުން އައިސް ރަނގަޅުނުވެ ގިނަ ދުވަސްވާ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން