14 ޖެނުއަރީ 2024 - 11:45

ރިސޯޓު ހެދުމަށްޓަކައި އާ ރަށްތައް ދޫކުރުމުގެ ބަދަލުގައި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ނުހެދި ހުރި ރިސޯޓުތައް ހަދަން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ނުހެދި ހުރި 63 ރަށުގެ މައްސަލަތައް ހައްލު ކުރުމުގެ މަޝްވަރާ މިހާރު ވަނީ ފަށާފައި ކަމަށެވެ. އެކަމަކު، ވިދާޅުވީ ރާއްޖޭގައި ރިސޯޓެއްގެ ގޮތުގައި އާ ރަށެއް ތަރައްގީ ކުރަން ގާބިލް ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅައިފި ނަމަ އެ ކަމާ ވިސްނަވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެ 63 ރަށް މާކެޓަށް ނެރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި އެ މީހުންނަށް ސަރުކާރުން ކޮށްދެވޭނެ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
"ލީސް އެގްރީމަންޓް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަކީ ކޮބައިތޯ ވެސް ބަލަމުން މިދަނީ. އެ ގޮތަށް ބޭނުންވާ ބަޔަކު ވެސް ތިބެދާނެ. އެ ބޭފުޅުންގެ ލިސްޓެއް ހަދައިގެން ބައްދަލު ކުރަމުން މިހާރު ގެންދަނީ. އަޅުގަނޑު މި ބަލަނީ އެ މަސައްކަތްތައް ވަރަށް އަވަހަށް ނިންމައި ކުރިއެރުންތަކެއް ހޯދަން،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިސޯޓުތައް ނުހެދި ލަސްވާ އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކެއް ނެތުމެވެ. ހަތަރު ތަރީގެ ރިސޯޓެއްގެ މަސައްކަތް ނިންމައިލަން 25 މިލިއަނެއްހާ ޑޮލަރު ހަދަރު ވާއިރު، ޓޫރިޒަމް ސިނާއަތަށް އަލަން ވަންނަ މީހުންނަށް އެ ވަރުގެ އިންވެސްޓްމަންޓަކަށް ފައިސާ ދެވޭނެ ބޭންކެއް ރާއްޖޭގައި ނެތް ކަން ފައިސަލް ފާހަގަކުރެއްވި އެވެ.
"ރަށެއް ލިބުނީމާ އިކުއިޒިޝަން ކޮސްޓް މި ދައްކާލެވެނީ. އެ ދައްކާލާފައި އުޅެނީ އިންވެސްޓަރެއް ހޯދަން. އެއް ބަޔަކަށް އިންވެސްޓަރުން ލިބިފައި އަނެއް ބަޔަކު އިންވެސްޓަރާ އެކު މަސައްކަތް ފަށާފައި ވަކި ހިސާބަކުން މަސައްކަތް ހުއްޓެނީ،" ރިސޯޓުތައް ނުހެދި ދިގުލައިގެންދާ މައްސަލާގައި މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ނުހެދި ރިސޯޓުތަކުގެ މައްސަލާގައި ހައްލެއް ހޯދަން މަޝްވަރާ ކުރިއަށް ގެންދަނީ ވަރަށް އެކުވެރި މާހައުލެއްގައި ކަމަށެވެ. އެހެންވެ، ސަރުކާރުން އެހީތެރިކަން ބޭނުން ނަމަ އެ އެހީތެރިކަން ނުވަތަ ލީސް އެއްބަސްވުން ބަދަލުކުރަން ބޭނުން ނަމަ އެ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ޗައިނާއަކީ ވަރަށް ބޮޑެތި އިންވެސްޓަރުން އުޅޭ ގައުމަކަށް ވާތީ، އެ ގައުމުން އިންވެސްޓަރުން ހޯދައިގެން ޓޫރިޒަމް ދާއިރާ އަށް އެހީތެރިކަން ލިބޭތޯ ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.