14 ޖެނުއަރީ 2024 - 11:16

މި އަހަރުގެ އެންމެ ހޫނު ދުވަސްވަރު، މެދުނުކެނޑި ރައްޔިތުންނަށް ކަރަންޓު ލިބޭނެ މަގު ފަހިކޮށްދިނުމަށް ދެ ޖަނަރޭޓަރު ސެޓު ސްޓެލްކޯއިން ގެނެސްފި އެވެ.
ސްޓެލްކޯއިން ބުނީ މި އަހަރުގެ ހޫނު މޫސުން (ޕީކް ސީޒަން) އަށް ތައްޔާރުވުމަށްޓަކައި، ގެނައުމަށް ހަމަޖެހިފައިވާ ޖެނަރޭޓަރު ސެޓްތަކުގެ ތެރެއިން 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރު ސެޓް އިއްޔެ ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
އަދި މިހާރު އެ ޖަނަރޭޓަރު ސެޓްތައް ބެހެއްޓުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އިތުރު ދެ ސެޓު ގެންނަން ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ޖުމްލަ ހަތަރު ސެޓާ އެކު 6.4 މެގަވޮޓުގެ ކަރަންޓު އިތުރަށް އުފެއްދޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކުންފުނި އަބަދުވެސް ދެމި އޮންނާނީ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށް ދިނުމުގައި ކަމަށެވެ.
އެ ކުންފުނިން ހިންގަން ރާވާފައިވާ މާލެ ސަރަހައްދުގެ ބިޔަ ޕަވާ ޕްރޮޖެކްޓު، ސިކްސްތު ޕަވާ ޑިވެލޮޕްމަންޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ވަގުތު މާލޭ ސަރަހައްދުގެ ކެޕޭސިޓީއަކީ 122 މެގަވޮޓެވެ. މި ވަގުތު މާލޭގައި ކަރަންޓު ބޭނުން ކުރަނީ ވެސް ގާތްގަނޑަކަށް އެ އަދަދަށެވެ. އެހެންވެ، މި ސަރަހައްދުގެ ކަރަންޓުގެ ހިދުމަތް ފުޅާކުރަން އިތުރު 100 މެގަވޮޓް ބޭނުންވާ ކަމަށް ފަހުމީ މީގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވެސް ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ ފަސް އަހަރު އިތުރު އިންވެސްޓްމެންޓެއް ކޮށްފައި ނުވާ ކަމަށާއި މިހާރު 100 މެގަވޮޓް މަސައްކަތް ނުފަށައިފިއްޔާ 2026 ކޭޓާ ނުކުރެވޭނެ ކަމަށް ފަހުމީ އޭރު ވިދާޅުވި އެވެ.