ޓްރެވެލޫޝަން އެވޯޑްސް އޭޕްރިލް މަހު ބާއްވަނީ
ޓްރެވެލޫޝަން އެވޯޑްސް އޭޕްރިލް މަހު ބާއްވަނީ

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކުންފުނިތަކާއި ހިދުމަތްތެރިންގެ މަސައްކަތްތައް ފާހަގަކޮށް ދޭ ޓްރެވެލޫޝަން އެވޯޑް މި އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ނިންމައިފި އެވެ.

ޓްރެވެލޫޝަން އެވޯޑްސް އޭޕްރިލް މަހު ބާއްވަނީ
ޓްރެވެލޫޝަން އެވޯޑްސް އޭޕްރިލް މަހު ބާއްވަނީ

މި އެވޯޑަކީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އަދި އެމްޓީޑީސީ އާއި އެމްއައިޓީސީން އެންޑޯސްކޮށްފައިވާ އެވޯޑެކެވެ. އަދި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އާއި ޝެފްސް ގިލްޑްސް އޮފް މޯލްޑިވްސްގެ އިތުރުން ނެޝެނަލް ބޯޓިން އެސޯސިއޭޝަންސް އޮފް މޯލްޑިވްސް އާއި ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވެސް މި އެވޯޑު ވަނީ އެންޑޯސްކޮށްފަ އެވެ.

ޓްރެވެލޫޝަން އެވޯޑްސްގައި ފަސް ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި އެވޯޑުތަކަކީ ތަޖުރިބާކާރު ޖަޖުން ޕެނަލަކުން ބެލުމަށް ފަހު, އާއްމުންގެ ވޯޓާ އެކު ދޭ އެވޯޑުތަކެކެވެ.

މި އެވޯޑުތަކުގެ ތެރޭގައި އެކި ކެޓަގަރީތަކަށް ބަހާލައިގެން, އެކި ފެންވަރުގެ ހޮޓެލްތަކާއި ގެސްޓް ހައުސް އަދި ވިލާތަކުން 50 އަށް ވުރެ ގިނަ ފަރާތްތަކަށް ދޭ ޓޫރިޒަމް އެވޯޑާއި ޓެކްނޮލޮޖިކަލް އަދި ލޮޖިސްޓިކަލް ވަސީލަތްތައް ހިމެނޭގޮތަށް އެކި ޕްރޮޑަކްޓުތައް ޓޫރިޒަމް އިންޑަސްޓްރީ އަށް ފޯރުކޮށްދެމުންދާ 15 އަށް ވުރެ ގިނަ ސަޕްލަޔަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ސަޕްލަޔާ އެވޯޑްސް ހިމެނެ އެވެ. އޭގެ އިތުރުން އޭވިއޭޝަން, ޓްރެވަލް އެންޑް ޓޫރިޒަމް, ލިވަބޯޑްސް އަދި ގެސްޓް ހައުސްތަކާއި ޓްރެވަލް އޭޖެންސީތަކުގެ ތެރެއިން އަގުހުރި ހިދުމަތްތަކެއް ފޯރުކޮށްދީފައިވާ ފަސް ފަރާތަކަށް ދޭ ޓްރެވެލޫޝަން އުޓްސްޓޭންޑިން ކޮންޓްރިބިއުޝަން އެވޯޑްސް ހިމެނެ އެވެ. މި އެވޯޑު ހަފްލާގައި ދިގު މުއްދަތަކަށް ޓޫރިޒަމް ދާއިރާ އަށް ހިދުމަތްކޮށްފައިވާ ފަރާތަކަށް ޓްރެވެލޫޝަން ލައިފްޓައިމް އެވޯޑް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ޓްރެވެލޫޝަން އެވޯޑުގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން "ބެއާފުޓް" ތީމުގައި ޕާޓީއެއް އޮންނާނެ އެވެ. މި ޕާޓީގައި ބޮޑުބެރާއި ލައިވް މިޔުޒިކް އަދި ޑީޖޭއެއް ކުރިއަށް ދާނެ އެވެ. މި ހަރަކާތް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ލައިޓްޝޯއެއް ކުރިއަށް ގެންދިއުމަށް މިޔުޒިކާއި އެއްވަރަށް ކުލަ ބަދަލުވާ ބޭންޑެއް ކޮންމެ ބައިވެރިޔަކަށް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ހަރަކާތުގައި އަގުހުރި އިނާމުތަކެއް ލިބޭ ލަކީޑްރޯއެއް ވެސް ކުރިއަށް ދާނެ އެވެ.

ޓްރެވެލޫޝަން އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ރިސޯޓެއްގަ އެވެ. މިއީ އަހަރުގެ އެންމެ ބޮޑު އެއް އެވޯޑު ހަފްލާ އެވެ.