މޭޔަރު އިންތިހާބުން ބަލިވީ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމުން: އަބްދުއްރަހީމް
މޭޔަރު އިންތިހާބުން ބަލިވީ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމުން: އަބްދުއްރަހީމް

މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަނުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނާކާމިޔާބީއާ ކުރިމަތިވީ އިންތިހާބު ކާމިޔާބުކުރުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމުގެ ސަބަބުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ބޮޑު ތަފާތަކުން މިއަދުގެ އިންތިހާބު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

އޭނާއާ އެންމެ ގާތުން ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝުކޫރަށް ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނުއިރު އެކަމާ ގުޅިގެން އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އެ ނަތީޖާއާ ކުރިމަތިލާން ޖެހުނީ ސަރުކާރާ ހަވާލުވެ، ސަރުކާރު އެކުލަވާލުމުގެ މަސައްކަތުގައި އުޅެން ޖެހުމުން ކަމަށެވެ.

"މި އިންތިހާބުގެ ނަތީޖާއިން ލިބުނު ފިލާވަޅުގެ ބޭނުން ހިފައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި އިންތިހާބުތައް ކާމިޔާބުކުރުމުގެ މަސައްކަތް މިއަށް ވުރެ ވަރުގަދައަށް ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންގެ މެމްބަރުންނަށް އަރުވަން،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މިދިޔަ ދުވަސްތަކުގައި އާންމު މެމްބަރުންނާ އެކު މަސައްކަތް ކުރަންޖެހޭ ގޮތަށް ވެސް މަސައްކަތް ކުރިއަށް ގެންދެވިފައި ނުވެ އެވެ. އެހެންވެ، އެކަމަށް މައާފަށް އެދިވަޑައިގަންނަވައި އޭނާ ވިދާޅުވި ގޮތުގައި މޭޔަރުގެ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވި އަނެއް ސަބަބަކީ ވެސް އާންމު މެމްބަރުންނާ އެކު ބާއްވަންޖެހޭ ގުޅުން އެގޮތަށް ނުބޭއްވުމެވެ.

އޭނާ ވިދާޅުވީ އެ ނަތީޖާއާ ކުރިމަވީ ސަރުކާރުގެ ސިޔާސަތުތަކަށް ނުވަތަ ރައީސްއާ މެދު ނުރުހުމެއް އޮވެގެން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެ އިންތިހާބު އާޒިމް ކާމިޔާބު ކުރެއްވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އޭނާއަށް ގުޅުއްވައި މަރުހަބާ ދަންނަވައިފަ އެވެ. އަދި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލާއި މޭޔަރަށް ދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.