ލަސްވުން
ލަސްވުން

ބުދަ ދުވަހާ ގުޅޭ

"ވަޓް؟" ސިއްސައިގެންގޮސްފައި ފަރްހާއަށް ބުނެވުނެވެ. "ކީކޭ ތި ބުނީ؟"

ރަޒީން އިވުނުކަމަކަށް ނެހެދިއެވެ. އޭނަ އުޅުނީ އެ ތަނުން ތެދުވެގެން ދާށެވެ. އެހެނަސް ފަރްހާ އެ ފުރުސަތެއްނުދިނެވެ. ރަޒީންގެ އަތުގައި ހިފައި ލުތްކެއްޖެހިއެވެ.

"ކީކޭހޭ ތި ބުނީ؟" ފަރްހާ ތަންކޮޅެއް ބާރަށް އެހިއެވެ. "އަޑެއްނީވޭތަ؟"

"ކީކޭތަ މަ ބުނީ؟" ރަޒީން ވެސް އެހިއެވެ. "ހިނގާ ކާންދާން. ބަނޑުހައިވެއްޖެ!"

ފަރްހާގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ.

"ހާދަ ގޯހޭ!" އެ ހިސާބަށް ބުނެވުނު އިރު ފަރްހާއަށް ރޮވިއްޖެއެވެ.

ފަރްހާއަކަށް ހުއްޓައެއްނުލެވުނެވެ. ލުބާނާއަށް ރަޒީން ހެދީ ކިހިނެއްތޯ އަހާނެ ހިތްވަރެއް ވެސް ފަރްހާއަކަށް ނުލިބުނެވެ. ފަރްހާ ހިތަށްއެރިއެވެ. ރަޒީން ހާދަހާ މަކަރުގަދައެވެ. ލުބާނާއަށް ކިހިނެއްހޭ ހެދީ އިރުއިރުކޮޅާ ފަރްހާ ކައިރީގައި ރަޒީން އެހީ ރަޒީނަށް އެހެން މީހަކު ޝައްކުކުރިޔަ ނުދިނުމަށް ޓަކައެވެ. އޮޅުވައިލުމަށް ޓަކައެވެ. ރިސޯޓުގެ ސީސީޓީވީ ކެމެރާއަށް ލުބާނާ އަރާފައިހުރި ވާހަކަ ބުނުމުން ރަޒީން ކަންބޮޑުވީ ރަޒީން ވެސް ފެންނަން ހުރެދާނެތީއެވެ. އެކަމަކު ލުބާނާ މަރައިލަންވީ ކީއްވެގެންހެއްޔެވެ؟ އޭނަގެ ބަނޑުގައި އެހެން ފުރާނައެއް އޮތްހެން ވެސް ފަރްހާއަށް ވަރަށް ހީވިއެވެ. ފަރްހާއަށް ވިސްނައިދޭން ބުނާނެ އެއްޗެއް ނޭނގި އެތައް އިރަކު އިނުމަށް ފަހު، އެއްޗެއް ބުނަން ރަޒީން އަނގަ ހުޅުވައިލިއެވެ.

"ދަރިފުޅާ!" އެ ވަގުތު މައުސޫމާ ގޮވައިލި އަޑުއިވުނެވެ.

ރަޒީން ފަހަތް ބަލައިލި އިރު މަންމަ ފެންނަން ހުއްޓެވެ. އޭރު ވެސް ފަރްހާ ހުއްޓައެއް ނުލައެވެ. ފަރްހާ ރޯއަޑު މަންމައަށް އިވޭނެކަން ރަޒީނަށް އެނގެއެވެ. ރަޒީން ތެދުވެގެން މައުސޫމާ ގާތަށް ދިޔައެވެ. މައުސޫމާއަށް ދޭނެ ޖަވާބަކާ މެދު ވިސްނަމުންނެވެ.

"އޭނަ ކޮން ކަމަކާ މި ރޮނީ؟" ނުރުހުމުގެ ގޮތަކަށް ފަރްހާއަށް ބަލައިލަމުން މައުސޫމާ މަޑުމަޑުން ބުންޏެވެ.

"ސާބަހޭ މަންމާ!" ރަޒީން ވެސް މަޑުމަޑުން ބުންޏެވެ. "ލުބާއަކީ ފަރޫގެ ކޮއްކޮއޭ! ދެރަވާނެ ދޯ؟"

މައުސޫމާ އަނެއްކާ ވެސް ފަރްހާއަށް ބަލައިލިއެވެ. ފަރްހާ ދެރަވާނެކަމާ މެދު މައުސޫމާއަށް ޝައްކެވެ. ހަފީޒާ ހުރީ މައުސޫމާއަށް ނިކަން ރަނގަޅަށް ފޮޅުވަތްއަޅައިދީފައެވެ. ފަރްހާ ގާތަށް ގޮސް ހިތްވަރުގެ ބަހެއް ބުނުމުގެ ޝައުގުވެރިކަމެއް ވެސް މައުސޫމާގެ ނެތެވެ. މައުސޫމާ ބަލައިލީ ރަޒީނަށެވެ.

"ކީއްވެތަ ފޯނު ނުނަގަނީ؟" މައުސޫމާ ބުންޏެވެ. "ހާދަ ވަރަކަށް ގުޅައިފީމޭ! މޫސަ ވެސް ހަފީޒާ ވެސް ބޭނުމެއް ނޫން ދެން މި ކޮޅުގަ ތިބޭކަށް. ދަރިފުޅު ކިހިނެއް ހަދަނީ؟ ހިނގާ ދާން؟"

ރަޒީނަކަށް އެ ވަގުތަކު ގޮތެއް ނުނިންމުނެވެ. ފަރްހާ ނުދަންޏާ ރަޒީން ބޭނުންވަނީ ރިސޯޓުގައި މަޑުކުރާށެވެ. މައްސަލައަކީ ފަރްހާ ނިންމާނެ ގޮތެއް ނޭނގުމެވެ.

"ފޯނު ސައިލެންޓަށްލެވިފަކަން ނޭނގެ އޮތީ. ލުބާގެ އެއްވެސް ނިއުސްއެއް ލިބޭ އިރު އަހަރެން ބޭނުން މި ތާ ހުންނަން،" ރަޒީން ބުންޏެވެ. "މަންމަމެން ނައްޓާލާ! އަހަރެން އަމިއްލައަށް ވެސް މި ކޮޅުން ރައިޑެއް ހަމަޖައްސަފާނަން."

ވަރަށް ވާހަކަދައްކައިގެން މަންމަ ރުއްސައިފައި ފޮނުވައިލިއެވެ. އަނެއްކާ ވެސް ރަޒީން ދިޔައީ ފަރްހާ ކައިރިއަށެވެ. ނުބުނަންވީ އެއްޗެއް ބުނެވުނީތީ ރަޒީން ވަރަށް ހިތްހަމަނުޖެހުނެވެ. އެކަމަކު ދެން ކޮންމެހެން އެ ކަން ސިއްރުކުރާކަށް ރަޒީން ނޫޅެއެވެ. ފަރްހާ ގާތުގައި ރަޒީން އިށީނެވެ.

"ފަރޫ ބޭނުމީ މިރޭ މިކޮޅުގަ މަޑުކުރަންތަ؟" ރަޒީން އެހިއެވެ. "މަންމަމެން ފުރަނީޔޯ!"

ފަރްހާގެ ކަމަކީ ރުއިމެވެ. އެއްވެސް ޖަވާބެއްނުދިނެވެ. ތަދު ފިޔަވައި އެހެން އެއްޗެއް ފަރްހާގެ ހިތަކު އެ ވަގުތަކު ނެތެވެ. ފަރްހާގެ ހިތަށްއެރިއެވެ. ކުށަށް އެއްބަސްވުން ނޫން ގޮތެއް ރަޒީނަކަށް ނެތެވެ. އެ ވަރުގެ ކުށެއް ފަރްހާ ނުފޮރުވާނެއެވެ.

"ކޮން ކަމަކާތަ ތި ރޮނީ؟" ކުޑަކޮށް ނުރުހިފައި ރަޒީން އެހިއެވެ. "ފަރޫ ރޯންޖެހޭ ވަރުގެ ކޮން ކަމެއްތަ އަހަންނަށް ކުރެވުނީ؟"

"އަހަރެން ހީ ވެސް ނުކުރަން ރަޒީން.." ރޮވޭ ވަރުން ފަރްހާއަކަށް ވާހަކައެއް ނުދެއްކެއެވެ. "ބޭބީ ވެސް ބަނޑުގަ އޮއްވާ.. މިހާރު ހިތަށްއަރާ މި ދަތުރު ނާދެވުނު ނަމައޭ.. ތި ކަހަލަ އެނިމަލްއެއް ދެކެ ކާކު ލޯބިވާނީ؟ ތީ ހަމަ އެނިމަލްއެއް.. ކީކޭ ހިތަށްއަރައިގެން ލުބާ.."

"ފަރޫ ދެކެ ލޯބިވާތީ!" ރަޒީން މަޑުމަޑުން ބުންޏެވެ. "ހަމަ އެކަނި ފަރޫއަށް ޓަކާ ކުރި ކަމެއް އެއީ. ލުބާ އައިސް ފުރަތަމަ ވެސް އަހަންނަށް ދެއްކީ ބިރު. ޑިވޯސްކުރި ވާހަކަ މަންމަ ކައިރީގަ ހަމަ މިރޭ ބުނާނަމޭ، ކިޑްގެ ވާހަކަ ވެސް ބުނާނަމޭ ކިޔާ ރުޅިއައިސް ހަޅޭއްލަވާ، އަހަރެންގެ ފޯނުގަނޑު ވެސް ޖަހައިގަނެގެން ފާހާނަޔަށް ވަނީ. އޭރު ފޯނުގެ ލޮކް އޮތީ ހުޅުވިފަ. އެއްކަލަ ފޮޓޯތައް ވެސް އޭނައަށް ފެނިއްޖެ!"

"ވަޓް؟" ފަރްހާއަށް ބުނެވުނެވެ.

"ޔޭސް!" ރަޒީން ބުންޏެވެ. "ހުރިހާ ކަމެއް ބަސްޓުވީ! ދެން އަހަރެން ކިހިނެއްހަދާނީ؟ ބުނެބަލަ! އަހަރެން ބަސްޓުކޮށްލިޔަސް އަހަންނަށް އޯކޭ! އެކަމަކު ފަރޫއަށް ކިހިނެއްވާނީ؟ އޭނަޔާ ހެދި ފަރޫގެ މުޅި ފެމެލީ ފަލީހަތްވާން ދޫކޮށްލަންވީ؟ ފަރޫއަށް އެނގޭނެ އޭނަ ކޮށްފާނެ ކޮންމެ ފަދަ ކަމެއް ވެސް."

ފަރްހާގެ ރުއިން މަޑުޖެހިލިއެވެ. ވިސްނައިލިއެވެ. ރަޒީން އެ ދަނޑިވަޅުގެ ބޭނުންހިފިއެވެ.

"އަނެއްކޮޅުން ފަރޫ ކީއްވެ އޭނައަށް މާ ސިމްޕަތީ ތި ވަނީ؟" ހައިރާންވެފައި ރަޒީން ބުންޏެވެ. "ފަރޫމެނަށް ވަގަށް ގޮވި މީހާއެއްނު އެއީ. އަހަންނަށް އެ ކަން އެނގެޔޭ! ލުބާ ބުނީ ވެސް. އޭނަ ބުނި ގޮތަށް، އެގްޒެކްޓް ބަހުރުވައިން ބުނެފިއްޔާ..."

"ކީކޭ އޭނަ ބުނީ؟" ރުއިން އެއްކޮށް ހުއްޓައިލާފައި ފަރްހާ ސުވާލުކުރިއެވެ. "އަޅެ ބުނި ގޮތަށް ބުނެބަލަ! ތި ހިސާބަށް ބުނެފަ ދެން ނުބުނާނެކަމެއް ނެތެއްނު!"

ބުނަން ބޭނުންވިޔަސް ރަޒީން އުޅުނީ ނުބުނެވިގެންނެވެ. އެހެނަސް ފަރްހާ ދުލެއްނުދިނެވެ.

"ބުނީ... ހާދަ އުނދަގުލޭ ބުނަން ވެސް. ފަރޫއާ، ފަރޫ ދޮންތަޔާ، ތި ދެބެންގެ މަންމަޔާ ތިން މީހުންނަކީ ވެސް.. ބުނަންވީ؟ ވަގުންނޯ!" ރަޒީން ބުންޏެވެ. "ވައްކަންކުރާށޯ އެ ގެއަށް އަންނަނީ ވެސް. ހުރިހާ ރޭވުމެއް ރާވަނީ ފަރޫގެ މަންމަޔޯ! މަންމަޔާ ދިމާއަށް ވަރަށް ހަޑި އެއްޗެހި ވެސް ކިއި. އަހަންނަކަށް ނުކެރޭނެ ކިޔާކަށް."

"އެކަމަކު އަހަރުމެން ވައްކަމެއް ނުކުރަމޭ!" ފަރްހާއަށް ބުނެވުނެވެ. "އެ ކަހަލަ ކަމެއް ކުރަން ހިތަށް ވެސް.."

"އަހަންނަށް އެނގެޔޭ!" ރަޒީން ވަގުތުން ބުންޏެވެ. "އެކަމަކު ލުބާ..."

"ވަޓްއެވަރ!" ފަރްހާގެ ވިސްނުން ބަދަލުވިއެވެ. "ރަޒީން ތި ހެދީ ހަމަ ރަނގަޅަށް! ހިނގާ ފުރަމާ! ކީއްކުރަން މި ތާ ތިބެނީ؟"

ވިދިގެން އައި ދުވަހެވެ. ރަޒީންއާއި ފަރްހާ ހުރީ މާލޭގައެވެ. އޭރު ވެސް ތޫބާ ހުރީ މާލެއާ އެތަކެއް ސަތޭކަ މޭލެއް ދުރުގައެވެ. ތޫބާ ބޭނުން ނަމަ މާލެދެވުނީހެވެ. އޮފީހުން އެ ފުރުސަތުދިނެވެ. އެހެނަސް ދަތުރުގެ ބާކީ އެންމެ ދުވަހެއް އޮތުމާއި، އާއިލާގެ އެންމެނާ ފޯނުން ގުޅޭތީ، ތޫބާ މަޑުކުރީއެވެ. ލުބާނާ ގެއްލުނު ހާދިސާގެ ޚަބަރުތައް ތޫބާ އަދާހަމަކުރީ ނޫސްތަކުންނެވެ. ލުބާނާ ފެންނާކަށް ތޫބާ ބޭނުމެއް ނޫނެވެ. ތޫބާ ވިސްނީ އެންމެ މީހަކާ މެދުގައެވެ. އޭނައަށް ގުޅުމަށް ޓަކައި ފޯނު އަތަށްލައިގެން ތޫބާ އޮންނަތާ ގަޑިއެއްހައި އިރު ވެއްޖެއެވެ. ގުޅާކަށް ނުކެރެއެވެ. ހިތުވިންދު އަވަސްވާތީއެވެ. ދައްކަން ބޭނުންވާ ހުރިހައި ވާހަކައެއް އަލިފުން ޔާއަށް ހިތުގައި ރާވައިނުލެވޭތީއެވެ.

"ފިނޑިކުކުޅާ ދެން ގުޅާބަލަ!" ހިތާހިތުން ތޫބާ ބުނެލިއެވެ. "ޗާންސް ގެއްްލިދާނެ."

ބިސްމިކިޔައި، ފުން ނޭވައެއް ބޭރުކޮށްލުމަށް ފަހު ރަޒީނަށް ތޫބާ ގުޅިއެވެ. އެ ވަގުތު ތޫބާ އޮތީ ކޮޓަރީގައެވެ. އެނދުގައެވެ. އިވޭ ކޮންމެ ރިންގުޓޯނަކަށް ތޫބާގެ ހިތް ދެވިންދުޖަހާ ކަހަލައެވެ.

"ހަލޯ!" ރަޒީން ފޯނުނެގިއެވެ.

"ހަލޯ!" އުފާވެރި ރާގަކަށް އެހެން ބުނެވުމާއެކު ތޫބާ އަނެއްކާ ވެސް ރާގު ބަދަލުކޮށްލިއެވެ. ދެރަވެލިއެވެ. "ހަލޯ! ކޮބާ ކިހިނެއް؟"

"އަނެއްހެން ދެން އޯކޭ!" ލޮނުމަޑު ގޮތަކަށް ރަޒީން ބުންޏެވެ. "އެކަމަކު ލުބާ ވަރަށް ވަރަށް މިސްވޭ! އަޅެ އެ ކަހަލަ ސޭކުކަމެއް ކުރުމުގެ ކުރިން ވިސްނާލި ނަމަ ދޯ؟"

"ދުނިޔޭގަ އުޅޭ އިރު ކަންތަކާ ދިމާވާނެ،" އެއް އަތް މޭގައި ޖައްސައިލައިގެން އޮވެ ތޫބާ ބުންޏެވެ. "ކޮންމެ މީހަކަށް ވެސް ލޯބިވާ މީހާ މިސްވާނެ. އެ މީހާ މަތިން ހަނދާން ވެސް ވާނެ. ހިތަށްއަރާނެ އެއްފަހަރު ވިޔަސް އޭނަ ފެންނާނެ ނަމައޭ! ވަރަށް ބޭނުން ރަޒީން ކައިރީގަ މި ވަގުތު ހުންނަން. މާލެދާ ގޮތަށް ދާނަން ތިކޮޅަށް."

ރަޒީން ވަރަށް އުފާވިއެވެ. ކުރިޔަށް އޮތް ތަނުގައި ރަޒީނަށް އެންމެ ރުހުން ބޭނުންވާނެ މީހަކީ ތޫބާއެވެ. ފަރްހާޔާ ކައިވެނިކޮށްގެން ރަޒީން އުޅެން ބޭނުންވަނީ ފަރްހާގެ ގޭގައެވެ. އެހައި ހިސާބަށްދާ އިރު ތޫބާގެ ހަމުދަރުދީ ހޯދިއްޖެއްޔާ ރަޒީނަށް މަގު އަމާންވާނެއެވެ.

"ހާދަ ރަނގަޅޭ!" ރަޒީން ބުންޏެވެ. "އަހަންނަކީ ވަރަށް ފަސޭހައިން ލޯންލީވާ މީހެއް. ދެން ވިސްނާލަބަލަ.."

"އެހެން ހީނުކުރޭ!" ތޫބާއަށް ރަނގަޅު ދަނޑިވަޅެއް ލިބުނެވެ. "ރަޒީން އަދި ނުލާހިކު ޔަންގެއްނު! ހުރިހާ ގޮތަކަށް ވެސް ރެޑީވެގެން ހުންނަންވާނީ. ތަންކޮޅެއް އަވަސްކަން ނޭނގެ މި ވާހަކަދައްކަން. އެކަމަކު ލުބާ ވެސް ބޭނުމެއް ނުވާނެ ރަޒީން ސިންގަލްކޮށް ހުންނާކަށް ދޯ؟ އަދި އިހަށް އަހަރުމެން ދެމީހުންގެ މެދުގަ މި ވާހަކަ ބާއްވައްޗޭ! ފަހަރެއްގަ ލުބާ ދެން ނުފެނުނަސް، މި ފެމެލީ ދޫކޮށްލާފަ ރަޒީން ގޮސްގެންނުވާނެ."

ނުބީހި ދެވޭނެ އެންމެ ތިލަ ހިސާބުން ތޫބާގެ ލޯބީގެ ބައްތެލި ދަތުރުކުރިއެވެ. ރަޒީނަށް ނެގުނީ މުޅީން އެހެން މާނައެކެވެ.

"ތީ ހަމަ އަހަރެންގެ ހިތުގަ އޮތް ގޮތް!" ރަޒީން ބުންޏެވެ. "ހާދަ ސީދަލަށޭ ތި ދިމާކޮށްލީ! ތިގޭ ދޮރުގަ ނޮކްކުރަން ނިންމައިގެން މި ހުންނަނީ."

ތޫބާގެ އަތުން ފޯނު ދޫނުވީ ކިރިޔާއެވެ. ތޫބާޔާ ދޭތެރޭ ރަޒީން ވިސްނާކަމަކަށް ތޫބާ ހިޔެއްނުކުރެއެވެ.

"އެހެން ނުވާނެ!" ތޫބާއަށް ބުނެވުނެވެ. "އަހަރެން އަދިވެސް މީނީ ހަމަ ޝޮކުގަ!"

"ހަމަ ސީރިޔަސްކޮށޭ!" ރަޒީން ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "ފަރޫ ނުބުނޭތަ؟"

"ފަރޫއަށް ވެސް އެނގޭ؟" ކަންބޮޑުވެފައި ތޫބާ އެހިއެވެ.

ނުނިމޭ