13 ޖެނުއަރީ 2024 - 21:10

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖޭގެ ވެރިއަކު ބޭރު ގައުމަކަށް މިހާތަނަށް ކުރެއްވި އެންމެ ކާމިޔާބު ފުރަމާނަ ދަތުރުފުޅު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ރައީސް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގަތީ މިއަދު އެވެ.
ގާސިމް މިރޭ އެކްސްގައި ވިދާޅުވީ ރައީސް ޗައިނާ އަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖޭގެ އެއްވެސް ވެރިޔަކު މިހާތަނަށް ކުރައްވާފައި ނުވާ ފަދަ ކާމިޔާބު ފުރަމާނަ ދަތުރުފުޅެއް ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ އެއްވެސް ވެރިޔަކު މިފަދަ ކާމިޔާބު ފުރަމާނަ ދަތުރުފުޅެއް މިހާތަނަށް ކުރައްވާފައި ނުވޭ،" ގާސިމް ވިދާޅުވި އެވެ.
އެ ކާމިޔާބު ދަތުރުފުޅުގެ ސަބަބުން ގައުމަށް ރައީސް ހޯދައިދެއްވި އެހީތެރިކަމާއި، ގައުމަށް ލިބިގެންދިޔަ ކުރިއެރުންތަކަށްޓަކައި ގާސިމް ވަނީ ރައީސަށް ޝުކުރު އަދާކުރައްވާފަ އެވެ.
"މި ދަތުރުފުޅުގައި ޗައިނާއިން ދިވެހިރާއްޖޭގެ ރައީސް އަށް ކިޔުއްވާފައިވާ މަރުހަބާ އަކީ މިހާތަނަށް ރާއްޖޭގެ ވެރިޔަކަށް ޗައިނާގައި އަރިސްކޮށްފައިވާ އެންމެ ހޫނު މަރުހަބާ ކަމުގައި އަޅުގަނޑު ފާހަގަކުރަން،" ގާސިމް ވިދާޅުވި އެވެ.
ރާއްޖެ އަކީ ކުޑަ ގައުމެއް ނަމަވެސް، މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި، ޗައިނާއިން ރާއްޖޭގެ ސަރަަހައްދީ ނަޒާހަތްތެރިކަމަށާއި މިނިވަންކަމަށް، ފުރިހަމައަށް އިހްތިރާމުކުރާކަމަށް ގާސިމް ވިދާޅުވި އެވެ.
ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރުގެ ބޮޑު ގްރާންޓެއް މި ދަތުރުފުޅުގައި ލިބިގެންގޮސްފައިވާއިރު، އެތަކެއް ދާއިރާއިން އެތަކެއް ބިލިއަން ޑޮލަރުގެ ތަރައްގީގެ އެއްބަސްވުންތަކުގައި ސޮއިކުރެވިގެން ގޮސްފައިވާކަމީ މިދަތުރުފުޅުގެ ސަބަބުން މި ގައުމަށް ލިބިގެން ދިޔަ ނުހަނު ބޮޑު ކުރިއެރުމެއް ކަމަށް ގާސިމް ފާހަގަ ކުރެއްވި އެވެ.
ގާސިމް ވިދާޅުވީ ރާއްޖެ އިން ޗައިނާ އަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ބޮޑެތި ލުއިތަކެއް ހަމަޖެހިގެންދާނެ ކަމުގެ އުފާވެރި ހަބަރު ދިވެހީންނަށް ދެއްވީތީ އެކަމާ އުފާކުރާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ރަސްމާލޭގައި 30،000 ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑު ކުރުމުގެ މަޝްރޫއާ ގުޅޭ އެެމްއޯޔޫއެއް ގައި ވެސް ޗައިނާއާ އެކު ރާއްޖެ އިން ސޮއިކުރި އެވެ.