14 ފެބުރުއަރީ 2017 - 06:23

ވަރުން ދަވަން އޭނާގެ ޒަމާންވީ ލޯބިވެރިޔާ ނަތާޝާ ދަލާލްއާ ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭކަމުގެ އިޝާރާތެއް އޭނާ ދީފި އެވެ.
އާދިއްތަ ދުވަހުގެ ރޭ ދެއްކި "ކޮފީ ވިތު ކަރަން ސީޒަން 5" ގެ ވަރުން އާއި އާލިއާ ބަޓް ބައިވެރިވި އެޕިސޯޑުގައި ލޯބީގެ ދިރިއުޅުމާ ބެހޭ ގޮތުން ކަރަން ސުވާލުކުރުމުން ވަރުން ބުނީ ވަރަށް އަވަހަށް ކައިވެނިކުރަން ގަސްތުކުރާ ކަމަށެވެ. އަދި އޭނާއަކީ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ މީހަކަށް ވާތީ ވަރަށް އަވަހަށް ދަރިން ހޯދަން ވެސް ބޭޏުން ކަމަށް ވަރުން ބުންޏެވެ.
ކައިވެންޏާއި ދަރިންގެ ވާހަކަ ދެއްކި ނަމަވެސް ލޯބިވެރިޔާ ނަތާޝާގެ ވާހަކަ ދައްކަން ވަރުން އިންކާރު ކުރި އެވެ. އޭނާ ބުނީ ކުރިން އޭނާ އެ ވާހަކަ ދައްކާފައިވާނެ ކަމަށާއި އިތުރަށް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.
މި ޝޯގައި ވަރުންއާ އެކު ބައިވެރިވި އާލިއާ ގާތު ވަރުންގެ ކައިވެނީގެ ހަފުލާގައި ނަށާނަންތޯ ކަރަން ސުވާލުކުރުމުން އާލިއާ ބުނީ އޭނާ ފަހަރެއްގައި ނަށާފާނެ ކަމަށާއި ނަމަވެސް އޭނާ ނަށަންޏާ ނަށާނީ އެހެން އެންމެން ނަށާ ނިމުމުން ކަމަށެވެ. ނަމަވެސް އާލިއާގެ ކައިވެނީގެ ހަފުލާގައި ނުނަށާނެކަމަށް ވަރުން ބުންޏެވެ. އޭނާ ބުނީ އެ ރަސްމިއްޔާތުގައި ބައިވެރިވިޔަސް ނުނަށާނެ ކަމަށެވެ. އަދި އާލިއާ އަވަހަށް ކައިވެންޏެއްކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅުމަށް އެދޭ ކަމަށް ވެސް ބުންޏެވެ.
ނަތާޝާ އާ ކައިވެނިކުރަން ވަރުން ތައްޔާރުވަމުން ދިޔަ ނަމަވެސް އޭނާއާ ބެހޭ ގޮތުން މީޑިއާއާ ވާހަކަ ދައްކަން ވަރުން އަބަދުވެސް ދެކޮޅު ހަދަ އެވެ. ނަތާޝާއާ އެކު އެކިއެކި ހަފުލާތަކާއި ބޭރުތެރޭން ވަރުން އަބަދުވެސް ފެނެ އެވެ.
ވަރުން ބުނި ގޮތުގައި އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަ ނުދައްކަނީ ދައްކަން ހުރި ވާހަކަތައް މާ ގިނަކަމުންނެވެ.