13 ޖެނުއަރީ 2024 - 18:43

ރާއްޖެ އަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް ގެންނަން ތުރުކީ ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެކަން ހާމަކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން މިއަދު ދެއްވީ ސްޓޭޓްމަންޓުގަ އެވެ.
ރައީސް ޑރ. މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރަސްމީ ފުރަތަމަ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ ބައްދަލުކުރައްވައި ރައީސް ޑރ. މުއިއްޒު މުހިންމު މަޝްވަރާތަކެއް ކުރެއްވި އެވެ.
"ހަނޑޫ، ހަކުރު، ފުށާއި އެކިއެކި ބާވަތްތައް ތުރުކީން މުޅި ރާއްޖެ އަށް އެއް އަހަރަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް 10 ޕަސެންޓް ލާފައި މިހާރު ވަނީ އެއްބަސްވުން ހެދިފައި. ފުށުގެ ފުރަތަމަ ޝިޕްމަންޓަށް ވަނީ އޯޑަރު ދެވިފައިި. ފެބްރުއަރީ މަހު އަންނާނެ،" ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން ފިޔާ، އަލުވި އަދި ބިސް ވެސް އެހެން ގައުމުތަކުން ގެންނަން މިހާރު ހަމަޖެހިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މިއަދު ވިދާޅުވީ، ތައިލެންޑާއި ދުބާއީ އިން ދިވެހިންނަށް އާސަންދަ ސްކީމުގެ ދަށުން ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކު އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ އާސަންދަ އަކީ ހަމައެކަނި "ވަކި ގައުމެއް" ގައި ހުންނަ މެޑިކަލް ފެސިލިޓީތަކުން ލިބޭ އެއްޗަކަށް ވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމުގެ މަސައްކަތް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ކަމަށެވެ.