ޗައިނާ އިން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ދީފައި: ރައީސް
ޗައިނާ އިން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ދީފައި: ރައީސް

ޗައިނާގެ ސަރުކާރުން ރާއްޖެއަށް 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިލޭ އެހީގެ ގޮތުގައި ޗައިނާ އިން 130 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކުރަން ނިންމާފައި ވަނީ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޗައިނާ ދަތުރުފުޅުގެ ތަފްސީލު ދެއްވައި ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފްރީ ޓްރޭޑް ޒޯނުތަކެއް ހަދަން ކަނޑައަޅާފައިވާތީ ޗައިނާގެ ޝެއަމިންގެ ފްރީ ޓްރޭޑް ޒޯނުތައް މި ދަތުރުފުޅުގައި ބައްލަވާލައްވާފައިވާ ކަމަށެވެ.

އޭގެ ފަހުން ފުޖޯގައި އިންވެސްޓްމަންޓް މޯލްޑިވްސްގެ ނަމުގައި ފޯރަމެއް ބާއްވާފައިވާއިރު އޭގައި ޗައިނާގެ 300 އަށް ވުރެ ގިނަ ކުންފުނި ބައިވެރިވި ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ފޯރަމަކީ ގިނަ ކަންތައްތަކެއް ފަހިވި ފޯރަމެކެވެ.

"މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އަދި ކާމިޔާބު އިންވެސްޓްމަންޓް ފޯރަމް... ރާއްޖޭގެ ވެސް ސަރުކާރު އަދި އަމިއްލަ ކުންފުނިތަކުން ބައިވެރިވި. ވަރަށް ގިނަ ކަންތައްތަކެއް މަޝަވަރާކޮށް ފަހިވި ފޯރަމަކަށްވި،" ރައީސް ވިދާޅުވި އެވެ.

ފުޖޯގެ މަސްވެރިކަމުގެ މަސައްކަތް ކުރާ އެންމެ ބޮޑު ކުންފުނީގެ މަސައްކަތްތައް ވެސް އެ މަނިކުފާނު ވަނީ ބައްލަވާލައްވައިފަ އެވެ.

ފުޖޯއަށް ފަހު ރައީސް ދެން ވަޑައިގަތީ ބެއިޖިން އަށެވެ. އެތަނުގައި ޗައިނާގެ ރައީސްއާ ބައްދަލުކުރެއްވިއިރު 20 ދާއިރާއަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފަ އެވެ.

އެހީދޭނެ ދާއިރާތައް:

- މަސްވެރިކަން

- ޑިޖިޓަލް އިކޮނޮމީ

- ޕަބްލިކް ސާވިސް މީޑިއާ ތަރައްގީކުރުން

- ހިއުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ދާއިރާ އިން 1،000 ސިވިލް ސާވަންޓުންނަށް ފުލީ ފަންޑެޑް ސްކޮލާޝިޕް

- އިކޮނޮމިކް ޑިވެލޮޕްމަންޓް، އެގްރިކަލްޗަރަލް ދާއިރާ ފުޅާކުރުން

- ޓޫރިޒަމް ފުޅާކުރުން، ޗައިނާ ޓޫރިސްޓުން އިތުރުކޮށް ޑައިރެކްޓް ފްލައިޓް އިތުރުކުރުމާއި މާކެޓިން އިތުރަށް ފުޅާކުރުން (ކުރިއަށް އޮތް ދެ އަހަރުގައި ކޮވިޑްގެ ކުރިން ޗައިނާ ޓޫރިސްޓުން އައި ވަރަށް އިތުރުކުރުމަށް އަމާޒުވަނީ ކަނޑައަޅާފައި)

- ރަސްމާލޭގައި 30،000 ސޯޝަލް ހައުސިން ހެދުން

- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

- ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކޮމާޝަލް ޑިސްޓްރިކްޓެއް ތަރައްގީކުރުން

- މާކެޓިން އިތުރުކުރުން

- ބޭންކިން ދާއިރާ

- ތިލަފުށީ ޕޯޓް

- އުތުރު ތިލަފަޅުގައި އެގްރީކަލްޗާ އެސްޓަބްލިޝްމަންޓެއް ގާއިމުކުރުން

- ފޫޖޯ އާއި މާލެ ސިޓީގެ ސިސްޓާ ސިޓީ ގާއިމުކުރުމަށް ނިންމުން

- ކުޅިވަރުގެ ދާއިރާއިން އެހީވާން ނިންމުން

- ރިނުއަބަލް އެނާޖީ ދާއިރާއިން އިންވެސްޓްކުރަން ޝައުގުވެރިކަން ފާޅުކުރި

- ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ހެދުން

- 17 ރަށެއްގެ ސިއްހީ މަރުކަޒުގެ ލެބޯޓްރީތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ހިލޭ ދިނުން

- 4 ރަށެއްގެ ޝޯ ޕްރޮޓެކްޝަން އަދި ވޭސްޓް މެނޭޖްމަންޓް ހިލޭ އެހީ ހަމަޖެހުން

- ރަސްމާލެ އާއި ގުޅީފަޅުގައި ޑިޒައިންކުރުމާއި ކޮންސްޓްރަކްޝަން ހިމެނޭ ގޮތަށް ކަރަންޓު، ފެނުގެ، މަގުހެދުމާއި އަލިފާން ނިވާ ނިޒާމު ހެދުމަށް އެެއްބަސްވުން

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުމަށް މިހާރު އޮތް ޕްލޭނަށް ލުއި ގޮތެއް ހަމަޖައްސައިދިނުމަށް ރާއްޖެއަށް ޓެކްނިކަލް ޓީމެއް ފޮނުވައި، އެކަމުގެ ދިރާސާކުރުމަށް ވަނީ ނިންމައިފަ އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ނަމޫނާ ގުޅުމެއް ކަމަށާއި އެ ގުޅުން ބިނާވެގެން ވަނީ ހަތަރު އަސާސެއްގެ މައްޗަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ދެ ގައުމުގެ މެދުގައި އެއްގައުމު އަނެއް ގައުމަށް އޮންނަ އިހުތިރާމާއި ސަވަރިން އިކުއަލިޓީ އަދި ޓެރިޓޯރިއަލް އިންޓެގްރެޓީ އާއި ދެ ގައުމުގެ އެތެރޭގެ ކަންކަމަށް ދެ ގައުމުން ވެސް ނުބެހުން ކަމަށް ރައީސް ވިދާޅުވި އެވެ.