12 ޖެނުއަރީ 2024 - 17:07

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާލިބޭ ފިލްމީތަރި މުހައްމަދު ޔުނާން ބަންދުން ދޫކޮށްލާފައި ވަނިކޮށް އަނެއްކާވެސް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހުޅުމާލޭ ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޔުނާނާއި އޭނާގެ އަނބިމީހާ އައިމިނަތު ރިހުލާ 2020 ވަނަ އަހަރު ހައްޔަރު ކުރުމަށްފަހު ރިހުލާ ހުރީ މިދިޔަ އަހަރުން ފެށިގެން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އޭގެފަހުން މިދިޔަ މަހު ހުޅުމާލޭ ކޯޓުން ޔުނާން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު އެވެ.
ޔުނާން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ހަފުތާގައި ނިންމީ އޭނާ ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށްވާތީ އޭނާގެ ބަންދާ މެދު ދަށު ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ފުލުހުން އިއްޔެ ވަނީ އާ އަމުރެއްގެ ދަށުން ޔުނާން ހައްޔަރުކޮށްފަ އެވެ.
ޔުނާންގެ ބަންދާ މެދު ގޮތެއް ނިންމަން ހުޅުމާލޭ ކޯޓަށް ގެންދިއުމުން އޭނާ އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ޔުނާނާއި ރިހުލާގެ މައްޗަށް ދައުވާކުރާ މައްސަލަ ހުޅުމާލޭ ކޯޓުގައި މިހާރު އޮތީ ނިމުމަކާ ގާތަށް ގޮސްފަ އެވެ.