15 ފެބުރުއަރީ 2017 - 06:06

ފަނިވުމަކީ އިންސާނުންގެ ސިއްހަތަށް ވަރަށް ބޮޑެތި ނުރައްކާތައް ކުރިމަތި ކުރުވާ ކަމެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން 2014 ވަނަ އަހަރު އިންޑިއާގައި އެކަނިވެސް އުމުރުން 1-14 އަހަރާ ދެމެދުގެ 220 މިލިއަން ކުދިންނަށް ފަނިވުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް އަންދާޒާކުރެވެ އެވެ.
ފަނިވުމަކީ އެ ކަމުގެ ޒާތުގައި އެހާ ނުރައްކާތެރި ކަމެއް ކަމަށް ގަބޫލު ކުރެވިފައި ނުވިޔަސް މި މައްސަލަ ދިމާވުމުން ފަނީ ބޭސް ބޭނުން ނުކޮށްފި ނަމަ ބައެއް ފަހަރަށް ފުރާނައަށް ވެސް ގެއްލުން ވެފައި އެބަހުއްޓެވެ.
ކުޑަކުދިން ފަނިވާން މެދުވެރި ވަނީ ސާފުތާހިރުކަމަށް ދެވޭ ސަމާލުކަން ކުޑަވެގެންނެވެ. ބިންމަތީގައި ހުސްފަޔާ އުޅުމާއި ރަނގަޅަށް އަތް ނުދޮވެ ކެއުން އަދި ނުސާފު ކިރާއި ފެން ބުއިން، ތަރުކާރީ ފަދަ ތަކެތި ރަނގަޅަށް ނުދޮވެ ކެއްކުން، ތަޣައްޔަރުވެފައިވާ ސްވިމިންޕޫލް ނުވަތަ މޫދަށް އެރުން އަދި ޖަނަވާރު ފަދަ ތަކެތީގެ ސަަބަބުން ފަނިވުމުގެ މައްސަލަ ކުރިމަތިވެ އެވެ.
ތުއްތު ކުދިން އިންޑިއާގައި އެންމެ ގިނައިން މަރުވާ އެއް ބައްޔަކަށް ވަނީ ވެސް ފަނިވުމެވެ. އެ ގައުމުގައި އެންމެ އާއްމުކޮށް ފެންނަ ފަނީގެ ތެރޭގައި ރައުންޑް ވޯމް، ޓޭޕް ވޯމް އަދި ހުކް ވޯމް ހިމެނެ އެވެ.
ފަނިވާ ހުރިހާ ފަހަރަކު ބަލި ސީރިއަސް ނުވިޔަސް ބައެއް ހާލަތުގައި ބައެއް ކުދިންގެ ފުރާނައަށް ވެސް ނުރައްކާވެ އެވެ. މިފަދަ ކުދިންގެ ފުރަނަ ސަލާމަތް ވިޔަސް ހެދިބޮޑުވުމާއި ވިސްނުމުގެ ގާބިލްކަން ދަށްވުމަކީ ވެސް ވެދާނެ ކަމެކެވެ.
ކާހިތްނުވުން، ވަރުބަލިވުން، ލޭ މަދުވުން، ހުން އައުން، ފުރަގަސްފަރާތް ހިރުވުން، ބަނޑުދިޔާވުން، ބަނޑުގައި ރިއްސުން އަދި ހޮޑުލުން މިއީ ފަނިވުމުން އާއްމުކޮށް ފެންނަ އަލާމާތްތަކެވެ.