ދިވެހިންތަކެއް ސީރިއާ އަށް، އެކަކު އަނބިމީހާ ވެސް ގޮވައިގެން
ދިވެހިންތަކެއް ސީރިއާ އަށް، އެކަކު އަނބިމީހާ ވެސް ގޮވައިގެން

ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނާ ގުޅުމަށް އިތުރު ދިވެހި ގުރޫޕެއް ހިނގައްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ގްރޫޕުގައި އައްޑޫ ހިތަދޫ އަށް ނިސްބަތްވާ ތިން މީހަކު ހިމެނެ އެވެ. އެއީ ދެމަފިރިއަކާއި އޭގެ ތެރެއިން ފިރިހެން މީހާގެ ރަށްޓެހި ފިރިހެނެކެވެ. އެ މީހުން ރާއްޖޭން ފުރީ މި މަހުގެ ތިންވަނަ ވަނަ ދުވަހު ކަމަށްވެ އެވެ.

އެނގިފައިވާ ގޮތުގައި އެމީހުން ސީރިއާ އަށް ދިޔައީ ދުބާއީ އަށް ދިއުމަށް ފަހުގަ އެވެ. އަދި ދުބާއީ އަށް ދަނީ ވިޔަފާރި ދަތުރެއްގައި ކަމަށް، ފުރުމުގެ ކުރިން އާއިލާ މީހުންގެ ކައިރީގައި ބުނެފައިވެ އެވެ.

އެކަމަކު، އެ މީހުން ވަނީ، އެނގިފައިވާ ގޮތުގައި، އިއްޔެ ސީރިއާ އަށް އެތެރެވެފަ އެވެ. އެ ތަނުން އެއް ފިރިހެނަކު އޭނާގެ އާއިލާ އަށް އިއްޔެ މެސެޖު ވެސް ކޮށްފައިވާ ކަމަށް ވެ އެވެ. އޭނާ ބުނި ކަމަށް ވަނީ މިހާރު ތިބީ ސީރިއާގައި ކަމަށާއި އާއިލާގެ އެންމެން ވެސް "ހައްގު މަގު" ހޯދަން ވަސިއްޔަތް ކުރާ ކަމަށެވެ. ދެން ވާހަކަ ދެއްކޭނީ ތަމްރީނުތަކަށް ފަހު ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އަދި އަންހެން މީހާ ވެސް ވަނީ، މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާގެ އާއިލާ މީހަކަށް މިރޭ މެސެޖުކޮށް ސީރިއާ އަށް އެތެރެވިކަން އަންގާފަ އެވެ. އެހެން ނަމަވެސް އެމީހުން ބުނެފައި ވަނީ ހަނގުރާމަ ކުރާ ސަރަހައްދަކަށް ނުދާ ކަމަށާއި ތިބީ ހެޔޮ ހާލުގައި ކަމަށެވެ.

ހަނގުރާމަ އަށް ދާން އުޅޭ ކަމަށް ޝައްކު ކުރެވިގެން މި މީހުންނަށް ފުލުހުން ކުރިން ފާރަލާފައިވާ ކަމަށް ވެސްވެ އެވެ.

ސީރިއާގައި ކުރަމުން ދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވި ވާން ގިނަ އަދަދެއްގެ ދިވެހިން ވަނީ ގޮސްފަ އެވެ. މި ފަހުން ދިޔަ ގިނަ މީހުން ގޮސްފައި ވަނީ އާއިލާ ވެސް ގޮވައިގެންނެވެ. އޭގެ ތެރޭގައި އަނބިންނާއި ވަރަށް ތުއްތު ކުދިން ވެސް ހިމެނެ އެވެ.

ސީރިއާ އަށް ދާ ގިނަ ދިވެހިން ގުޅެނީ އަލްގައިދާއާ ގުޅުން އޮންނަ ޖަބްހަތުއް ނުސްރާ ޖަމާއަތާ އެވެ. އެ މީހުންނާ ގުޅިގެން ހަނގުރާމަ ކުރަނިކޮށް އެތައް ދިވެހިންނެއް މަރު ވެސް ވެފައިވެ އެވެ.