12 ޖެނުއަރީ 2024 - 06:14

ޗައިނާގެ ސަރުކާރުގެ 1,000 ސްކޮލަޝިޕް ސިވިލް ސާވަންޓުންނަށް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ ޗައިނާގައި ދިރިއުޅޭ ދިވެހިންނާ ބެއިޖިންގައި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް މި ގައުމަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ފުރަމާަނަ ދަތުރުފުޅުގައި ރައީސް ވިދާޅުވީ, އަހަރަކު 200 ސްކޮލަޝިޕް ދޭން ނިންމަވާފައިވާ ކަމަށެވެ. އެ ހުރިހާ ސްކޮލަޝިޕްތައް ހާއްސަކުރީ ސިވިލް ސާވިސް މުވައްޒަފުންނަށެވެ.
ޗައިނާގައި ދިރިއުޅޭ ދިވެހިންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒަށް ބައެއް ކަންބޮޑުވުންތައް ހިއްސާކުރި އެވެ.
އޭގެ ތެރޭގައި ހިމެނެނީ ރާއްޖެ އިން ބޭރުގައި ތިބި ދިވެހިންނަށް ދިވެއްސާއި އިސްލާމް ކިޔަވައި ނުދޭތީ, ދިވެހި ސަރުކާރުގެ ސްކޮލަޝިޕްތަކަށް ޝަރުތު ހަމަނުވާ މައްސަަ އެވެ.
އޭގެ ޖަވާބުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ, ރާއްޖެ އިން ބޭރުގައި ތިބޭ ދިވެހިންނަށް އިސްލާމާއި ދިވެހި މާއްދާ ކިޔަވައި ދިނުމުގެ ޕައިލެޓް ޕްރޮގްރާމެއް ދިވެހި ސަރުކާރުން ފައްޓާފައިވާ ކަމަށާއި އޭގެ ސަބަބުން އެފަދަ މައްސަލަތައް ހައްލު ވާނެ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު މިދިޔަ ހޯމަ ދުވަހު ޗައިނާ އަށް ފެއްޓެވި ދަތުރުފުޅު ނިންމަވައިލައްވާނީ މިރޭގަ އެވެ.
އެ މަނިކުފާނު ވަނީ ޗައިނާގެ ރައީސް ޝީ އާ ބައްދަލުކުރައްވައި ދެ ސަރުކާރުގެ ރަސްމީ ވާހަކަތައް ބާއްވައިފަ އެވެ. ދެ ސަރުކާރުން ވެސް ބުނެފައި ވަނީ ރަސްމީ މަޝްވަރާތައް ކާމިޔާބު ކަމަށާއި ބިނާކުރަވަނި ވާހަކަތައް ދެއްކެވުނު ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅުގެ ސަބަބުން އިތުރު ހަރުފަތަކަށް ދެ ގައުމުގެ ގުޅުން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އާއި ޗައިނާ އިން 20 އެމްއޯއޯޔޫއެއްގައި ސޮއިރި އެވެ. އޭގެ ތެރޭގައި ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ތަރައްގީގެގެ ވަރަށް މުހިންމު ޕްރޮޖެކްޓްތައް ހިމެނެ އެވެ.