13 ފެބުރުއަރީ 2017 - 13:24

ލީމާ (ފެބްރުއަރީ 13) - ޕެރޫގެ ކުރީގެ ރައީސް އަލެހެންދުރޯ ޓޮލެޑޯ ޑިޕޯޓް ކޮށްދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަރިހުގައި ޕެރޫގެ ރައީސް ޕެޑްރޯ ޕަބްލޯ ކުޒިންސްކީ އެދިވަޑައިގެންފި އެވެ.

އެމެރިކާގެ ސެން ފްރެންސިސްކޯގައި މިހާރު ދިރިއުޅޭ ޓޮލެޑޯގެ މައްޗަށް ވަނީ 20 މިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ މައްސަލައެއް ތުހުމަތުކޮށްފަ އެވެ. އޭނާ ހައްޔަރު ކުރަން މަގުފަހިކޮށް ދިން ފަރާތަކަށް 30،000 ޑޮލަރުގެ އިނާމެއް ދޭނެ ކަމަށް ޕެރޫގެ ސަރުކާރުން ވަނީ ބުނެފަ އެވެ.
ރައީސް ޓްރަމްޕަށް އިއްޔެ ފޯނުން ގުޅުއްވާ ކުޒިންސްކީ ވަނީ ހާލަތު ރަނގަޅަށް ވަޒަން ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. ޓޮލެޑޯ ހައްޔަރު ކުރުމަށް މިހާތަނަށް ހުރަސް އަޅާފައި ވަނީ ގާނޫނީ މައްސަލަތައް ދިމާވެގެންނެވެ. އެމެރިކާ އިން ބުނެފައި ވަނީ ޓޮލެޑޯގެ މައްސަލައާ ގުޅޭ އިތުރު ތަފްސީލް ނުލިބެނީސް އޭނާ ހައްޔަރު ނުކުރެވޭނެ ކަމަށެވެ.
ޕެރޫން ބުނެފައި ވަނީ ޓޮލެޑޯ އިޒްރޭލަށް ވެސް ހިނގައިދާނެ ކަމަށެވެ. އެކަމަކު އިޒްރޭލުން ބުނެފައި ވަނީ ޓޮލެޑޯގެ މައްސަލަ ޕެރޫން ހައްލު ކުރުމުން ނޫނީ އެ ގައުމަށް އޭނާ އެތެރެވިޔަ ނުދޭނެ ކަމަށެވެ. ސްޓެންފޯޑް ޔުނިވާސިޓީގެ ވިޒިޓިން ޕްރޮފެސަރެއް ކަމަށްވާ ޓޮލެޑޯގެ އަންހެނުންނަކީ އިޒްރޭލުގެ ރައްވެއްސެކެވެ.
ޕެރޫގައި 2001 އިން 2006 އަށް ވެރިކަން ކުރެއްވި ރައީސްގެ މައްޗަށް ތުހުމަތުކޮށްފައިވާ 20 މިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރު ކުރަން މިހާރު ވަނީ ކޯޓު އަމުރެއް ވެސް ނެރެފަ އެވެ. މި ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކޮށްފައި ވަނީ ސަރުކާރުގެ ބައެއް ޕްރޮޖެކްޓްތައް ބްރެޒިލްގެ ކުންފުންޏަކަށް ދީގެންނެވެ.
ޓޮލެޑޯގެ ކުރިން ޕެރޫގައި ރައީސްކަން ކުރެއްވި އަލްބާޓޯ ފުޖިމޯރީ މިހާރު ހުންނެވީ ޖަލުގަ އެވެ.
ޕެރޫގެ ކުރީގެ ރައީސް ޓޮލެޑޯ ރިޝްވަތު ނެންގެވި ކަމަށް ބުނާ ބްރެޒިލްގެ ކުންފުނި ވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބަލާ މަލްޓި-ނޭޝަނަލް ކޮރަޕްޝަނުގެ މައްސަލައެއްގެ ސަމާލު ކަމަށް އައިސްފަ އެވެ. ލެޓިން އެމެރިކާގެ އެކި ގައުމުތަކުގެ ސަރުކާރުތަކަށް ރިޝްވަތުގެ ގޮތުގައި 800 މިލިއަން ޑޮލަރު ދީފައިވާ ކަމަށް އެ ކުންފުނިން ވަނީ އެއްބަސްވެފަ އެވެ. އޭގެ ތެރޭގައި ޕެރޫ ސަރުކާރަށް 2005 އިން 2014 އާ ދެމެދު ދިން 29 މިލިއަން ޑޮލަރުގެ ރިޝްވަތު ވެސް ހިމެނެ އެވެ.