މުދަލު ޒަކާތުގެ ނިސާބު ދަށްވެއްޖެ
މުދަލު ޒަކާތުގެ ނިސާބު ދަށްވެއްޖެ

މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރަށް ކަނޑައެޅި މުދަލު ޒަކާތުގެ ނިސާބު ކުޑަކޮށް ދަށްވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އެ މިނިސްޓްރީން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން، މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 7،140ރ. ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅާފައިވާ އިރު، މިދިޔަ މެއި މަހު ނިސާބު ކަނޑައެޅީ 7،312.55ރ. އަށެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެ އެވެ. ޕަސެންޓްގެ ގޮތުން ބަލާ ނަމަ އެއީ 2.5 ޕަސެންޓެވެ.

ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. އަދި މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ޖުމްލަ ފައިސާގެ އަދަދު މިނިސްޓްރީން އަދި ހާމަނުކުރިޔަސް، މިދިޔަ ޖުލައި މަހު އެ ފައިސާގެ ތެރެއިން 26.8 މިލިއަން ރުފިޔާ ވަނީ ބަހައިފަ އެވެ.

އެއީ ފަގީރުންގެ ލިސްޓުގައި ހިމެނޭ 7،657 މީހަކަށް، ބޮލަކަށް 3،500ރ. ގެ މަގުން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ޒަކާތުގެ އެންމެ ހައްގުވެރިންނަށް ހައްގު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސުމަށްޓަކައި ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް އާ ސަރުކާރުން ވަނީ އުފައްދައިފަ އެވެ.

ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ޒަކާތް ހައްގުވާ ފަރާތްތައްކަށް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި މުދަލު ޒަކާތުގެ ނިސޯބު އިއުލާނުކުރުމާއި ފަގީރުންނާއި މިސްކީނުންގެ ދަފްތަރު ބެލެހެއްޓުން ހިމެނެ އެވެ.

ޒަކާތު ފަންޑުގެ މަންފާ ދެމެހެއްޓެނިވި ގޮތެއްގައި ލިބިދިނުމަށް އެ ފަންޑު ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރުމާއި އެކަމުގެ އަސާސީ މިންގަނޑުތައް ކަނޑައަޅައި އާންމުކުރުމަކީ ވެސް އެ އިދާރާގެ މެންޑޭޓުގައި ހިމެނޭ ކަމެކެވެ.

ރާއްޖޭގެ މާހައުލުގައި ޒަކާތާ ގުޅޭ ގޮތުން ދިމާވާ މައްސަލަތައް ދެނެގަތުމާއި ދިރާސާތައް ކުރުމާއި އެކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަކީ ވެސް ޒަކާތު ހައުސްގައި ހިމެނޭ ކަމެކެވެ.