12 ޖެނުއަރީ 2024 - 09:56

ހިންދޫ ދީނާ ދެކޮޅު ފިކުރު ފަތުރާ ކަމަށް ބުނާ ދެކުނު އިންޑިއާގެ ފިލްމެއް ނެޓްފްލިކްސް އިން ނަގައިފި އެވެ.
ތަމަޅަ ބަހުން ނެރުނު އެ ފިލްމަކީ ދެކުނު އިންޑިއާގެ މަޝްހޫރު ތަރިއެއް ކަމަށްވާ ނަޔަންތާރާ ލީޑު ރޯލު ކުޅުނު "އަންނަޕޫރާނީ" އެވެ.
އެ ފިލްމުގައި ދައްކަނީ ހިންދޫންގެ ފައްޅިއެއްގެ ކައްކާއަކަށް އުޅޭ މީހެއްގެ ދަރިއަކު ޕްރޮފެޝަނަލް ޝެފަކަށް ވުމަށް ކުރާ މަސައްކަތެވެ. ޕްރޮފެޝަނަލް ޝެފަކަށް ވުމަށް އޭނާ ކުރާ މަސައްކަތުގައި ނޮން-ވެޖިޓޭރިއަން ކާނާ ވެސް ތައްޔާރުކުރަން ޖެހެ އެވެ. އެކަމާ އޭނާ ބައްޕަ ދެކޮޅު ހަދަ އެވެ. ނަމަވެސް، ބައްޕަގެ އެދުމާ ދެކޮޅަށް އޭނާ ޝެފަކަށް ވުމަށް މަސައްކަތް ކުރެ އެވެ.
ނޮން-ވެޖިޓޭރިއަން ކާނާ ކެއުމަކީ ހިންދޫ ދީނުގައި ސީދާ މަނާ ކަމަކަށް ނުވިޔަސް، އެއީ އެ ދީނުގެ ގިނަ މީހުން ދެކޮޅު ކަމެކެވެ. މި ފިލްމުގެ ބައެއް މަންޒަރުތަކުގައި އެކަމަށް ވަރަށް ބޮޑަށް ހިތްވަރު ދީފައިވާ ކަމަށް، މި ފިލްމު ހިންދޫ ދީނާ ދެކޮޅު ކަމަށް ބުނާ މީހުން ވަނީ ތުހުމަތުކޮށްފަ އެވެ.
މިދިޔަ މަހު އެކެއްގައި ސިނަމާތަކުގައި ރިލީޒްކުރި އެ ފިލްމު ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފެށީ މިދިޔަ މަހު 29 ގަ އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ އެވެ.
އެ ފިލްމު ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މީހަކު ވަނީ، އެއީ ހިންދޫންނާ ދެކޮޅު ފިކުރު ފަތުރާ ފިލްމެއް ކަމަށް ބުނެ އެ ފިލްމުގެ އުފެއްދުންތެރިންނާއި އެކްޓަރުންނާއި ސްޓޫޑިއޯތަކާ އަދި ނެޓްފްލިކްސްއާ ދެކޮޅަށް ބޮންބޭގެ ފުލުހުންގެ އިދާރާ އަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.
އެ މައްސަލަ ހުށަހެޅި ފަހުން ނެޓްފްލިކްސް ވަނީ މިދިޔަ ބުދަ ދުވަހު އެ ފިލްމު އެ ޕްލެޓްފޯމުން ނަގައިފަ އެވެ. އަދި އެ ފިލްމު ގެނެސްދިން ޒީ ސްޓޫޑިއޯސް އިން ވަނީ މާފަށް އެދުމަށް ފަހު، އެ ފިލްމުގައި ހިމެނޭ އާންމުން ހިތްހަމަނުޖެހުނު ބައެއް މަންޒަރުތައް ކަނޑާލުމަށް ފަހު އަލުން ސްޓްރީމް ޕްލެޓްފޯމުތަކަށް ފިލްމު ލާނެ ކަމަށް ބުނެފަ އެވެ.