ކަރަންޓުގައި ޖެހިގެން ހާލު ސީރިއަސްވި ފެނަކައިގެ މުވައްޒަފު މާލެ ގެންނަނީ
ކަރަންޓުގައި ޖެހިގެން ހާލު ސީރިއަސްވި ފެނަކައިގެ މުވައްޒަފު މާލެ ގެންނަނީ

ސ. ހިތަދޫ ސްޓޭޑިއަމަށް ކަރަންޓު ދިނުމުގެ މަސައްކަތުގައި އުޅުނިކޮށް ކަރަންޓުގައި ޖެހިގެން ހާލު ސީރިއަސްވި ހިތަދޫ ފެނަކަ ބްރާންޗުގެ މުވައްޒަފު މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

މިިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި އެންމެ ބޮޑު އަނިޔާއެއް ލިބުނީ ހިތަދޫ ބްރާންޗުގެ ސީނިއަ ޓެކްނީޝަން މުހައްމަދު ނާޒިމް (ނާނު) އަށެވެ. އޭނާއާ އެކު މަސައްކަތްކުރި ޓެކްނީޝަން، މުހައްމަދު މުނައްވަރަށް ވެސް އަނިޔާތަކެއް ލިބުނެވެ.

އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އެ ދެ މީހުން ވެސް އިއްޔެ ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

"ސީރިއަސް ކަމެއް ނެތް މިހާރު،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނާނު މާލެ ގެންދަނީ އިތުރު ޓެސްޓްތަކެއް ހެދުމަށެވެ.

ފެނަކައިގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރު އިދުރީސް އަބްދުﷲ ވިދާޅުވީ އާސަންދައިން ކަވަރުނުކުރާ ކަންކަމަށް ހަރަދުކުރާނީ އެ ކުންފުނިން ކަމަށެވެ.

"މި ކުންފުނީގެ ގަވާއިދުގައި އޮންނާނެ މަސައްކަތުގެ ތެރޭގައި އަނިޔާ ލިބޭ މީހުންނަށް އެހީ ދިނުމާ ގުޅޭ ކަންތައްތައް. މި ހާދިސާގައި އަނިޔާ ލިބުނު މީހުންނަށް ވެސް، އާސަންދައިން ކަވަނުކުރާ ބަޔަށް މި ހޭދަކުރަނީ ކުންފުނިން،" އޭނާ ވިދާޅުވި އެވެ.

"މި ވަގުތު މާލެ މި ގެންނަނީ ސީރިއަސް ޒަހަމްލިބުނު މީހާ އެކަނި."

އިދުރީސް ވިދާޅުވީ އިންޖީނުގެތަކުގެ މުވައްޒަފުން ބޭނުންކުރަން ސޭފްޓީ އިކުއިޕްމެންޓްސް މި އަހަރު ތެރޭގައި ހުރިހާ ތަނަކަށް ވެސް ފޮނުވާފައިވާ ކަމަށެވެ.