11 ޖެނުއަރީ 2024 - 12:17

ރާއްޖޭގެ އުންމީދީ ޓެނިސް ތަރި ނަބާ ނިޝާން، އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ، އޭޝިއާގެ 14 އަހަރުން ދަށުގެ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ވިއެޓްނާމްގައި ކުރިއަށްދާ މުބާރާތުގެ އަންހެން ސިންގަލްސް މެއިން ޑްރޯގެ ފައިނަލަށް ނަބާ ދަތުރުކުރީ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ.
ސްރީ ލަންކާގެ އަކީޝާއާ ވާދަކުރި މެޗުގެ ސެޓްތައް ނަބާ ގެންދިޔައީ 6-1 އަދި 6-3 އިންނެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. ފައިނަލްގައި ނަބާ ވާދަކުރާނީ، ވިއެޓްނާމްގެ އެންގޮކް ކާންހް ބަލިކުރި ސްރީލަންކާގެ އަންނަޔާ ޖައޯނީ އާ އެވެ.
ނަބާ ވަނީ ކުއާޓާ ފައިނަލްގައި ސްރީލަންކާގެ ސަންދިތީ އުސްގޮޑާއާ ވާދަކޮށް ކުރި ހޯދައިފަ އެވެ.
ދެކުނު އޭޝިއާ އާއި އިރުދެކުނު އޭޝިއާގެ އިތުރުން އިރުމަތީ އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ މި މުބާރާތުގައި ރާއްޖޭގެ ޓީމުގައި ދެ އަންހެން ކުޅުންތެރިންނާއި ދެ ފިރިހެން ކުޅުންތެރިން ހިމެނެ އެވެ.
ނަބާގެ އިތުރުން ދެން ހިމެނެނީ މަންހާ މުހައްމަދު އަލީ އާއި މިކާ މުހައްމަދު ކަލީމް އަދި އާދަމް އާލް ނިޔާޒް އެވެ.