11 ޖެނުއަރީ 2024 - 06:11

އިޒްރޭލުން މިދިޔަ އާދީއްތަ ދުވަހު ޣައްޒާގައި ދިން ހަމަލާއެއްގައި މަރާލި ދެ ނޫސްވެރިންނަކީ ޓެރަރިސްޓު ހަރަކާތްތައް ހިންގާ ދެ މީހުން ކަމަށް އިޒްރޭލުން ބުނެފި އެވެ.
އަލްޖަޒީރާ އާއި އޭއެފްޕީ އާއި އެހެން ބައެއް ނިއުސް އޮގަނައިޒޭޝަންތަކަށް ވީޑިއޯ ނަގައިދިނުމުގެ މަސައްކަތްކުރާ ހަމްޒާ ވާއިލް ދަހްދޫހް އާއި މުސްތަފާ ތުރިއާ ދަތުރުކުރި ކާރަށް ވައިގެ މަގުން ހަމަލާދީ މަރާލީ އަލްޖަޒީރާގެ މަސައްކަތެއްގައި އުޅެނިކޮށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ދެ ނޫސްވެރިންނަކީ ވެސް ގާޒާގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ މެންބަރުން ކަމަށާއި އެ މީހުންނަކީ އިޒްރޭލު ސިފައިންނާ ދެކޮޅަށް ދޭ ހަމަލާތަކުގައި އަމަލީ ގޮތުން ބައިވެރިވާ ދެ މީހުން ކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އެ މީހުންނަށް ހަމަލާ ދިނުމުގެ ކުރިން، އެ ދެ ނޫސްވެރިން ވަނީ އިޒްރޭލު ސިފައިންނަށް ނުރައްކާވާ ގޮތަށް ޑްރޯންތަކެއް ދުއްވާފައި،" ބަޔާނުގައިވެ އެވެ.
އިޒްރޭލުގެ މި ތުހުމަތާ ގުޅިގެން އަލްޖަޒީރާއިން އަދި ވާހަކައެއް ނުދައްކަ އެވެ.
މި ނޫސްވެރިން ބޭނުންކުރީ ކޮން ކަހަލަ ޑްރޯންތަކެއްތޯ އާއި އޭގެ ސަބަބުން އިޒްރޭލު ސިފައިންނަށް ކުރިމަތިވީ ކޮން ނުރައްކަލެއްތޯ އޭއެފްޕީން އިޒްރޭލު ސިފައިންނާ ސުވާލުކުރުމުން ބުނީ "އެކަން ބަލަމުންދަނީ" ކަމަށެވެ.
އިޒްރޭލުން ބުނީ ތުރިއާ އަކީ ހަމާސްގެ "ޣައްޒާ ސިޓީ ބްރިގޭޑް" ގެ މެންބަރެއް ކަމަށާއި ދަހްދޫހް އަކީ އިސްލާމިކް ޖިހާދުގެ މެންބަރެއްކަން އިޒްރޭލު ސިފައިންނަށް ޣައްޒާއިން ލިބުނު ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އިޒްރޭލު ސިފައިން ނެރުނު ބަޔާނުގައި އިސްލާމިކް ޖިހާދުގެ "އިލެކްޓްރޯނިކް އިންޖިނިއަރިން ޔުނިޓް" ގެ މެންބަރެއްގެ ގޮތުގައި ދަހްދޫގެ ނަން އޭނާގެ އަސްކަރީ ނަންބަރާ އެކު ޖަހާފައިވާ ޑޮކިއުމެންޓެއް ހިމަނާފައިވެ އެވެ.
އިޒްރޭލުގެ މި ވާހަކަތަކުގެ ސައްހަކަން ކަށަވަރުވާނެ ގޮތެއް އަދި ނެތެވެ.
މަރާލި ދަހްދޫހް ބައްޕަ އަކީ އަލްޖަޒީރާގެ ޣައްޒާ ބިއުރޯ ޗީފް ވާއިލް ދަހްދޫހް އެވެ. އޭނާ ވެސް މީގެ ކުރިން އިޒްރޭލުގެ ހަމަލާއެއްގައި ޒަހަމްވެފައި ވާއިރު އަނބިމީހާ އާއި ދެ ދަރިން ވަނީ މަރުވެފަ އެވެ. އުމުރުން ތިރީހަކަށް އަހަރުގެ ތުރިއާ އަކީ 2019 އިން ފެށިގެން އޭއެފްޕީ އަށް މަސައްކަތްކޮށްދޭ ވީޑިއޯ ޖާނަލިސްޓެކެވެ. އޭނާ މީގެ ކުރިން ވަނީ އޭޕީ، ރޮއިޓާސް، އަލްޖަޒީރާ އަދި ސީއެންއެން އަށް ވެސް މަސައްކަތްކޮށްދީފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 7 ގައި އިޒްރޭލުން ހަމަލާތައް ދޭން ފެށި ފަހުން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ފަލަސްތީނުގައި 77 ނޫސްވެރިޔަކު ވަނީ މަރާލައިފަ އެވެ. މީގެ ތެރެއިން 70 މީހުންނަކީ ފަލަސްތީނު މީހުންނެވެ. ދެން ހިމެނެނީ އިޒްރޭލުގެ ހަތަރު މީހަކާއި ލުބްނާނުގެ ތިން މީހެކެވެ. -- އޭއެފްޕީ