10 ޖެނުއަރީ 2024 - 15:35

ގދ. ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން ފީ ނަގަން އެ ރަށު ކައުންސިލުން ނިންމި ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ނިންމައި އެ ނިންމުން ބާތިލްކުރަން ޖެހޭ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ނިންމައިފި އެވެ.
ތިނަދޫ ސިޓީއަކަށް ހަދަން ކުރާ މަސައްކަތުގައި، އެ ރަށުގެ އާބާދީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގައި ރަށުގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން އިދާރީ ފީއެއްގެ ގޮތުގައި 5،000ރ. ނަގަން އެ ރަށު ކައުންސިލުން މި ހަފްތާގައި ވަނީ ނިންމައިފަ އެވެ.
އެލްޖީއޭގެ ބޯޑުގައި ނިންމި ނިންމުމާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނީ އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ އަސާސީ ހައްގެއް ކަމަށާއި އެއްވެސް ހައްގެއް އެއްވެސް މިންވަރެއްގައި ހިފެހެއްޓޭނީ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގައި ވެސް އެއްވެސް ޝަރުތެއް ނެތި އެއް ރަށުން އަނެއް ރަށަށް ރަށްވެހިކަން އެއްވެސް ތަފާތުކުރުމެެއް ނެތި ބަދަލުކުރެވޭނެ ކަމަށް ބަޔާން ކޮށްފައިވާކަން އެލްޖީއޭއިން ފާހަގަކުރި އެވެ.
އެލްޖީއޭއިން ނިންމާފައިވަނީ ތިނަދޫ ކައުންސިލްގެ ނިންމުން ބާތިލްކުރަން ޖެހޭ ކަމަށް އެ ކައުންސިލަށް އެންގުމަށެވެ.
އާބާދީގައި 10،000 ހަމަ ނުވަނީސް ތިނަދޫ އަކީ ސިޓީއެއް ކަމަށް ކަނޑައެޅީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 30 ގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެއީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާގައި ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ.
އާބާދީގައި 6،000 އުޅޭ ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހެ އެވެ. އެހެންވެ، އެ މަސައްކަތް މަޖިލީހުން މިހާރު އަންނަނީ ކުރަމުންނެވެ. އާ ސަރުކާރުން ވެސް ވަނީ އެ މަސައްކަތަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.