ޖިންސީ ކުށުގެ ދައުވާއެއް އޮތް މީހަކަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި
ޖިންސީ ކުށުގެ ދައުވާއެއް އޮތް މީހަކަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި

ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އޮތް ގާނޫނީ ވަކީލް އަހުމަދު ޝާން އަށް ޑެޕިއުޓީ މިނިސްޓަރުކަން ސަރުކާރުން ދީފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ގޮތުގައި އަހުމަދު ޝާންއަށް ދީފައިވަނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމެވެ.

ގެސްޓް ހައުސް ކޮޓަރިއެއްގައި 16 އަހަރުގެ ކުޑަކުއްޖަކާ އެކު ހުއްޓާ ފުލުހުން ޝާން ހައްޔަރު ކުރީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކުރި ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ނުބެލޭނެ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ އެންމެ ފުރަތަމަ ބޭރުކޮށްލައިފަ އެވެ.

ނަމަވެސް، އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ކްރިމިނަލް ކޯޓަށް އެންގީ މައްސަލަ ބެލުމަށެވެ. އެ އެންގުމާ އެއްގޮތަށް ކްރިމިނަލް ކޯޓުގައި މިހާރު އެ މައްސަލައިގެ ޝަރީއަތް ކުރިއަށްދާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން "މިހާރު" އަށް ޔަގީންކޮށްދިނެވެ.

މި މައްސަލާގެ އަޑުއެހުމެއް އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު އެވެ. އެ އަޑުއެހުމަކީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށާއި ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް، އެ އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވާފައިނުވެ އެވެ. އެއީ ޝާންގެ ވަކީލުން އިތުރު ފުރުސަތަކަށް އެދިފައިވާތީ އެވެ.

އޭގެ ފަހުން އިތުރު އަޑުއެހުމެއް ބާއްވައިފައެއް ނުވެ އެވެ.

ޝާންގެ ފަރާތުން އޭނާގެ ވަކީލަކު މީގެ ކުރިން ވިދާޅުވެފައި ވަނީ އަންހެން ކުއްޖާ އަށް ޝާން ޖިންސީ ގޯނާ ނުކުރާ ކަމަށާއި އެ އަންހެން ކުއްޖާ ކޮޓަރިއަށް ވެއްދީ އޭނާ ކޮޓަރީގެ ފާހާނައިގައި ފެންވަރަން ހުއްޓާ ކަމަށެވެ. އެކަން ކުރީ ބަޔަކު ރާވައިގެން އޭނާ ފްރޭމްކުރަން ކަމަށް ޝާންގެ ފަރާތުން ބުނެފައިވެ އެވެ.

އެ ކުއްޖާ އަކީ އެފަދަ މައްސަލަތަކުގެ މާޒީއެއް އޮތް ކުއްޖެއް ކަމަށް ވެސް ޝާންގެ ފަރާތުން ބުނެފައިވެ އެވެ. އެ ކުއްޖާއާ މެދު އޭނާ ޖިންސީ އެއްވެސް އަމަލެއް ހިންގި ކަމަށް އެ ކުއްޖާ އެއްވެސް ތަނެއްގައި ބުނެފައި ނުވާ ކަމަށް ޝާންގެ ފަރާތުން ހައި ކޯޓުގައި ބުނެފައިވެ އެވެ.

ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން ޝާން ވަކީލުކަމުން ސަސްޕެންޑް ވެސް ކުރި އެވެ. ނަމަވެސް، އޭނާގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ސަސްޕެންޝަން އުވާލީ އެވެ.