ޓޫރިސްޓުންގެ އަދަދު ހަތް ޕަސެންޓް އިތުރުވެއްޖެ
ޓޫރިސްޓުންގެ އަދަދު ހަތް ޕަސެންޓް އިތުރުވެއްޖެ

މި އަހަރުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު، މިދިޔަ އަހަރުގެ ފުރަތަމަ ހަފުތާއާ އަޅާބަލާއިރު ހަތް ޕަސެންޓަށް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ރާއްޖެ އަށް 45،000 ޓޫރިސްޓުން ވަނީ އައިސްފައިވެ އެވެ. މިއީ އެވްރެޖުކޮށް ދުވާލަކު 5،600 ޓޫރިސްޓުންނެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް އައިސްފައި ވަނީ 42،000 ޓޫރިސްޓުންނެވެ. އެއީ އެވްރެޖްކޮށް ދުވާލަކު 5،300 ޓޫރިސްޓުންނެވެ.

މި އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން ވަނީ 7،000 ޓޫރިސްޓުން އައިސްފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިޓަލީއިންނެވެ. އެ ގައުމުން 6،500 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 3،300 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އިންޑިއާ އިން 3،300 ޓޫރިސްޓުން އައި އިރު ޖަރުމަންވިލާތުން އައިސްފައި ވަނީ 2،700 ޓޫރިސްޓުންނެވެ.

- ރަޝިއާ

- އިޓަލީ

- އިނގިރޭސިވިލާތް

- އިންޑިއާ

- ޖަރުމަންވިލާތް

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާ އާއި އިންޑިއާ އާއި އިޓަލީންނެވެ.

މިދިޔަ އަހަރު ރާއްޖެ އަށް އައިސްފައި ވަނީ 1.8 މިލިއަން ޓޫރިސްޓުންނެވެ. މި އަހަރުގެ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ.