10 ޖެނުއަރީ 2024 - 10:30

ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ސާވޭކުރުމަށާއި އީއައިއޭ ހެދުމަށް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފައި ވާތީ އަމިއްލަ ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ވިލިމާލޭގައި ދިރިއުޅޭ އާންމުންގެ ޖަމިއްޔާއެއް ކަމަށްވާ ވިލިޖޯލި އާއި ސޭވް ދަ ބީޗް ޖަމިއްޔާ އިން ގުޅިގެން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އަވަށުގެ މަގުތަކަކީ މިހާރު ވެސް ރަނގަޅު ފެންވަރަކަށް ހަދައިފައި ހުރި މަގުތަކެއް ކަމަށެވެ. ނަމަވެސް މިހާރު ދިމާވެފައިވާ މައްސަލައަކީ މަގުތައް މަރާމާތު ނުކޮށް ގިނަ ދުވަސްވުން ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެހެންވެ އެ ޖަމިއްޔާތަކުން ދެކޭ ގޮތުގައި، ވިލިމާލޭގެ މަގުތައް އަލުން ހެދުމުގެ ބަދަލުގައި މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރުން ރަނގަޅެވެ.
އެ ބަޔާނުގައި ބުނީ ޕޭވްމަންޓް މަރާމާތުކުރުމާއި މަގުތައް އެއްވަރުކުރުމާއި ހަލާކުވެފައިވާ ކާނުތަކާއި މަގުގެ ބައިތައް މަރާމާތުކުރުން ކަހަލަ ކަންކަން ކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް، ޕޭވްމަންޓަށް ގަސްގަހުގެ މޫގަނޑު އަރައިގެން އުފުލިފައި ހުންނަ ތަންތަން ރަނގަޅުކުރުމަށްޓަކާ ގަސްތައް ކެނޑުމުގެ ބަދަލުގައި ތަރައްގީވެފައިވާ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ ތަފާތު ގޮތްގޮތް ބޭނުންކޮށްގެން ގަސްތައް ހިމާޔަތްކުރުމަށް އެދޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"މި އަހަރު ފެށިގެން އައި ދުވަސްވަރު ރާއްޖޭގެ ރަށްތަކަށް ވެހުނު ބޯ ވިއްސާރާގައި ވެސް މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް އެތައް ދަތިތަކާއި ކުރިމަތިވި މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން ދިޔައިރު ވެސް އެހާމެ ކައިރީގައި އޮތް، އެ ރަށެއްގެ ވެށި ދެމެހެއްޓިފައިވާ ވިލިމާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައެއް ދިމާވެފައެއް ނުވެ އެވެ،" އެ ބަޔާނުގައިވެ އެވެ.
"މިފަދަ މޫސުމީ ކަންކަމާއި ކާރިސާތައް ދިމާވާ ދަނޑިވަޅުތަކުގައި ރަށުގެ ގުދުރަތީ ވިލުންތެރިކަމުން ފޯރުކޮށްދޭ ރައްކާތެރިކަން ފާހަގަކުރަން ޖެހެ އެވެ."
ވިލިމާލެ އަކީ އަބަދުވެސް ތިމާވެއްޓާ ރަށްޓެހި ކޮންސެޕްޓަކަށް، އެއްގަމު އުޅަނދު ދުއްވުމަށް ވަކި މިންވަރެއްގައި ކޮންޓްރޯލްކޮށްފައި އޮންނަ މާލޭގެ އަވަށެކެވެ. މިއީ މާލެ ސަރަހައްދުގައި ގުދުރަތީ މާހައުލު މުއްސަނދިކޮށް އޮތް ހަމައެކަނި ރަށެވެ.
ވިލިމާލެ މަގު ހެދުމުގެ މަޝްރޫއުގެ ސާވޭ އަދި އީއައިއޭ ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ސަރުކާރުން 1.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ އެ މަޝްރޫއު ހަވާލުކުރީ ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.