10 ޖެނުއަރީ 2024 - 05:37

ބޮލީވުޑްގެ ތަރި ރަވީނާ ޓެންޑޮންގެ ދެވަނަ ވެބް ސީރީޒް "ކަރްމާ ކޯލިން" މި މަހު 26 ގައި ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.
މި ސީރީޒްގެ ޓްރެއިލާ ވެސް އިއްޔެ ވަނީ ނެރެފަ އެވެ.
"ކަރްމާ ކޯލިން"ގައި ރަވީނާ ކުޅެނީ މަހުޖަނަކާ އިނދެގެން އުޅޭ ނުފޫޒުގަދަ އަންހެނެއްގެ ރޯލެވެ. މި ސީރީޒްގައި ދައްކާނީ މާޒީގައި ހިނގި ކަމެއްގެ ސަބަބުން ރަވީނާ ކައިރިން ބަދަލުހިފަން އުޅޭ އެހެން އަންހެނަކާ ދެމެދުގައި ހިނގާ ކަންތައްތަކެކެވެ.
ރަވީނާއާ އެކު މި ސީރީޒްގެ މުހިންމު ރޯލުތަކުން ފެންނާނީ ވަރުން ސޫދު، ވިކްރަމްޖީތު ވިރްކް، ވަލޫޝާ ޑި ސޫސާ، ގައުރަވް ޝަރްމާ، ވިރާފް ޕަޓޭލް އަދި އެމީ އައިލާ އެވެ.
މި ސީރީޒް ބިނާކޮށްފައި ވަނީ 2011 އިން 2015 ވަނަ އަހަރުގެ ނިޔަލަށް ގެނެސްދިން އެމެރިކާ ޓީވީ ސީރީޒް "ރިވެންޖް" އަށެވެ.
ރަވީނާގެ ފުރަތަމަ ވެބް ސީރީޒް "އާރްޔަންކް" އަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެއީ 2021 ވަނަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން ސީރީޒެކެވެ.