ލަސްވުން
ލަސްވުން

އާދިއްތަ ދުވަހާ ގުޅޭ

"އެންމެންގެ ކުރިމަތީގަ އަހަރެން ފަރޫ ކައިރީގަ އަހާނަން ލުބާއަށް ކިހިނެއްހޭ ހެދީ؟" ފޯނުން ފޮޓޯތަކެއް ދައްކައިލަމުން ރަޒީން ބުންޏެވެ.

"ދައްކާނެ މީހަކަށް ދައްކާ! އަހަންނަށް ވަރިހަމަ،" ބިރުނުގަންނަކަން ދައްކަން އެހެން ބުނި ނަމަވެސް، ހަގީގަތުގައި ފަރްހާއަށް ވަރިހަމައެއް ނޫނެވެ. "އެކަމަކު އަހަރެން މި ބުނަނީ ލުބާއަކަށް އަހަރެން އެއްވެސް ކަމެއް ނުކުރަމޭ! އަހަރެން ޓޮއިލެޓަށް ވަންއިރު ލުބާ އޮތީ އެނދުގަ. ލުބާ ދިޔަ އަޑު އަހަންނަށް އިވުނު. ދިޔައަޑޭ މި ބުނަނީ ރޫމްގެ ދޮރު ހުޅުވާފަ ލެއްޕި އަޑުގެ ވާހަކަ. އަހަރެން ނުކުތް އިރު އޭނައެއް ނެތް."

"ކޮބާ ހެކި؟" ރަޒީން ބުންޏެވެ.

އެ ވަގުތު ދޮރު ހުޅުވައިލާފައި ހަފީޒާއާއި ސަފިއްޔާ ވަނެވެ. އެ މީހުން ތިބީ ވަރަށް ހާސްވެފައެވެ. ދެމީހުން ވެސް އަހަނީ އެއްވެސް މައްސަލައެއް ޖެހުނުތޯއެވެ. ލުބާ ރުޅިއަންނަ ކަހަލަ ކަމެއް އެކަކު ވެސް ކުރިތޯއެވެ. އެ ކަހަލަ އެއްވެސް ކަމެއް ހިނގި ވާހަކައެއް ރަޒީން ނުބުނެއެވެ. ފަރްހާ ކުރިމަތީގައި ރަޒީން ދޮގަކަށް ފަހު ދޮގެއްހަދަމުންގެންދިޔައެވެ. ފަރްހާ އެ ތަނުގައި ނެތް ކަހަލައެވެ. އެކަކު ވެސް ފަރްހާއަކާ ސުވާލެއް ނުކުރެއެވެ. ދެން ފެނުނީ ރިސޯޓުގެ މެނޭޖަރު ވަންތަނެވެ. ކައިރީގައި ފުލުހަކު ވެސް ހުއްޓެވެ.

"ކަންދިމާވި ގޮތުން ނާފިއު މިކޮޅުގަ ހުއްޓާ މިކަން މި ދިމާވީ،" ރިސޯޓު މެނޭޖަރު ބުންޏެވެ. "މީ އަޅުގަނޑުގެ ރައްޓެއްސެއް. މާލެއިން ފުލުހުންގެ ޓީމެއް އެބަ އާދޭ! އަންނަންދެން ނާފިއު މައުލޫމާތު އެއްކުރާނެ."

ނާފިއު ފުރަތަމަ ސުވާލުކުރީ ރަޒީންއާއެވެ. އޭނަ އޮޅުންފިލުވަން ބޭނުންވީ ރަޒީން ކޮޓަރިން ލުބާނާ ނުކުތް ސަބަބެވެ.

"އަޅުގަނޑުމެން ތިބީ ލެޕްޓޮޕުން ފިލްމެއް ބަލަން. ވަރަށް ހީނހީނފަ ލުބާ އުޅުނީ،" ރަޒީން ވާހަކައެއް ހެދިއެވެ. "ދެން ހަމަ އެހެން އިނދެފަ ލުބާ އަހައިފި ފަރޫ މިހާރު ކީއްބާއޭ ކުރަނީ؟ މީ ފަރޫ! ލުބާގެ ދައްތަ! ފަރޫއާ މީޓްކުރަން ލުބާ ދިޔައީ ފަރޫގެ ރޫމަށް. ދެން ވީ ގޮތް ފަރޫ ކިޔައިދީބަލަ!"

ފަރްހާ ހިތަށްއެރިއެވެ. ލުބާ ވަރިކުރި ވާހަކައާއި، އޭނަ ރުއި ވާހަކައާއި، ކިހައި ރުޅިއައިކަން ފަރްހާ ކިޔައިދޭންވީހެއްޔެވެ؟ ރަޒީންގެ މޫނަށް ފަރްހާ ބަލައިލިއެވެ. ރަޒީން ކިހައި ހާސްވެފައިހުރިކަން ފަރްހާއަށް އެނގެއެވެ. ފަރްހާ ކިޔައިދޭން އަނގަ ހުޅުވައިލި ވަގުތު މެނޭޖަރަށް ފޯނެއްއައެވެ.

"ކެމެރާއަށް އެބަހުއްޓޯ ލުބާނާ އަރާފަ،" ފޯނުން ވާހަކަދެއްކުމަށް ފަހު ނާފިއުއާ މުހާތަބުކޮށް މެނޭޖަރު ބުންޏެވެ. "ބަލައިލަމާ!"

މެނޭޖަރާއި ނާފިއު އެކުގައި ހިނގައިގަތުމުން ހަފީޒާ ވެސް ދާން ބޭނުންވިއެވެ. ހަފީޒާއަށް ވުރެ ރަނގަޅަށް ލުބާނާ ފާހަގަކުރެވޭނެ އެހެން މީހަކު ނުހުންނާނެތީއެވެ. ރަޒީން ވަރަށް ކަންބޮޑުވިކަން ފަރްހާއަށް ފާހަގަކުރެވުނެވެ. ގާތުގައި ހުރި ރަޒީންގެ މަންމަ މައުސޫމާ ރަޒީންގެ ކޮނޑުގައި ފިރުމައިލިއެވެ. ހިތްވަރުދިނެވެ.

"އިރާދަކުރެއްވިއްޔާ ލުބާ ފެންނާނެ،" މައުސޫމާ ބުންޏެވެ. "ސައިބޮއިފިން؟"

ސައިބޯކަށް ރަޒީން ބޭނުމެއް ނުވިއެވެ. އަނެއްކާ ވެސް ލުބާނާގެ ފޯނަށް ގުޅައިލިއެވެ. އެ ފޯނު އޮތީ ނިއްވައިލައިފައެވެ. ހަފީޒާއާއި ނާފިއު ގޮވައިގެން މެނޭޖަރު ވަނީ ކުޑަ ކޮޓަރިއަކަށެވެ. ރިސޯޓުގެ ހުރިހައި ކެމެރާއެއްގެ ލޯ ހުރީ އެ ތަނުގައެވެ. މެނޭޖަރު ވަނުމުން އެ ތަނުގައިއިން ކުއްޖަކު ވީޑިޔޯތައް ދައްކަން ފެށިއެވެ. މަންޒަރުތައް ވަރަށް ސާފެވެ. އަނދިރި އަލިކޮށް ފެންނަ ކެމެރާއަކުން ނެގިފައިވާ މަންޒަރުތައް ހުރީ ކަޅާއިހުދުންނެވެ. ފެންނަނީ، މަންޒަރުގެ މަތީކަނުން ދެ މީހަކު ހުރަސްކޮށްލާ ތަނެވެ. ވަގުތަކީ ދަންވަރުގެ ވަގުތެވެ. ތިން ސިކުންތުގެ އެ މަންޒަރުން ފެންނަނީ ލުބާނާކަން ހަފީޒާއަށް ޔަގީނެވެ. ޔަގީންނުވީ ލުބާނާ ގާތުގައި ހުރި މީހާއެވެ. އެއީ އަންހެނެއްކަން ނުވަތަ ފިރިހެނެއްކަމެއް ވެސް ހަފީޒާއަކަށް ނޭނގެއެވެ. ނާފިއު ބެލި ގޮތަކަށް ބަލާފައި އޭނަ ނިންމީ އެއީ ފިރިހެނެއްކަމަށެވެ. މެނޭޖަރަކަށް ވެސް ގޮތެއް ނުނިންމުނެވެ.

"ތިޔަކުން އެކައްޗެއް ވެސް ނޭނގުނެއްނު!" މެނޭޖަރު ބުންޏެވެ.

"ނޫނޭ! ވަރަށް ބޮޑު އެއްޗެއް އެނގިއްޖެ!" ވިސްނައިލާފައި ނާފިއު ބުންޏެވެ. "ކޮންމެވެސް މީހަކާ އެއްކޮށް ލުބާނާ އުޅުނީ. މާނައަކީ، ލުބާނާ އަމިއްލައަށް މަރުވީކަމަށް ނިންމޭކަށް ނެތޭ! ލުބާނާ ދެކެ ރުޅިއަންނަ މީހަކު ރިސޯޓުގަ އުޅެފާނެތަ؟"

ހަފީޒާގެ ހިތަށް ފުރަތަމަ ވެސް އައި ނަމަކީ ފަރްހާއެވެ. ތޫބާ ރިސޯޓުގައި ހުރި ނަމަ، އެ ނަން ވެސް ހިތަށްއައީހެވެ. ތޫބާ ހުރީ މާ ދުރު ހިސާބެއްގައެވެ. އެކަމަކު ތޫބާގެ ވެސް ހިތް އޮތީ ރިސޯޓުގައެވެ. ތޫބާ ހިތަށްއެރިއެވެ. ރަޒީން މިހާރު ކުރާނީ ކީއްބާއެވެ؟ ހަމަ އެ ވަގުތު ފަރްހާގެ ކޯލެއް އަންނަން ފެށިއެވެ. ހިނގަމުންދިޔަ ބައްދަލުވުން މެދުކެނޑި އޭރު އޮތީ ސައިގަޑިޖެހިފައެވެ.

"އަހަރެން ނުލާ މަޖާކުރަނީ ދޯ؟" ފޯނު ނެގި ގޮތަށް ތޫބާ ބުންޏެވެ. "މިއަދު ކީއްވެތަ ފޮޓޯއެއް ނުލަނީ؟"

"ދޮންތާ!" ވަރަށް ކަންބޮޑުވެފައި ފަރްހާ ބުންޏެވެ. "ވަރަށް ސަކަރާތްވެގެންނޭ މި އުޅެނީ."

ވާހަކަ ފެށުނީ އެ ގޮތަށެވެ. ލުބާނާ ގެއްލުނު ވާހަކައާއި، ފުލުހުން އަންނަ ވާހަކަ ވެސް ފަރްހާ ބުންޏެވެ. އެކަމަކު ލުބާނާ ވަރިކުރި ވާހަކައާއި، ފަރްހާއާއި ރަޒީންއާ ދެމެދުގައި ހިނގި ކަންތައްތަކުގެ ވާހަކައެއް ފަރްހާ ނުބުނެއެވެ. ހަމަ އެ ގޮތަށް ތޫބާ ވެސް ކަންތައްތަކެއް ސިއްރުކުރިއެވެ. ލުބާނާ ގެއްލުމަކީ ކިހައި އުފާވެރި ޚަބަރެއްކަމާއި، އެއީ ކިހައި ދިގު އިންތިޒާރެއްގެ ނިމުންކަމެއް ވެސް ނުބުނެއެވެ.

"ބައްޕައަށް ވެސް ގުޅައިފިން،" ފަރްހާ ބުންޏެވެ. "ވަރަށް ދެރަވެފަ ހުރީ. ދޮންތަ ވެސް ގުޅާލަބަލަ!"

"އަޅޭ! ލުބާއަށް ކިހިނެއްބާ ވީ؟" ވަރަށް ދެރަވިކަމަށް ހެދިފައި ތޫބާ ބުންޏެވެ. "ރަޒީން ހާދަ ދެރަވާނޭ ދޯ؟ މި ގުޅަނީ ރަޒީނަށް."

ފަރްހާ ވާހަކަދައްކަދައްކައި ހުއްޓައި ތޫބާ ފޯނުކަނޑައިލިއެވެ. އެއީ ފަރްހާ ކުޑަކޮށް ހައިރާންވިކަމެކެވެ. ހިތަށްއެރިއެވެ. އެހެން މީހަކު ނަމަ، ލުބާނާ ގެއްލުނު ގޮތާ ބެހޭ ގޮތުން އެތައް ސުވާލެއްކުރީހެވެ. ދެންވީ ގޮތާއި ދެންވީ ގޮތް ވެސް އެހީހެވެ. ބައްޕައަށް ވުރެ ކުރިން ރަޒީނަށް ގުޅުން ތޫބާއަށް މުހިންމުވި ސަބަބެއް ފަރްހާއަކަށް ނުވިސްނުނެވެ.

ފޯނުކަނޑައިލުމަށް ފަހު، ހިތުވިންދު ހަމައަކަށްއެޅެންދެން ތޫބާ މަޑުކޮށްލިއެވެ. ލުބާނާއަކީ، މިޒާޖުގައި ތަފާތު ގޮތްތަކެއްހުންނަ ކުއްޖެއްކަން ތޫބާއަށް އެނގެއެވެ. ފިރިމީހާއަށް އިހުތިރާމު ނުކުރުމާއި، ހިތަށްއެރި ކަމެއް ހިތަށްއެރި ގޮތަކަށް ކޮށްލާ ކުއްޖެއްކަން ވެސް ތޫބާއަށް އެނގެއެވެ. ތޫބާ ހިތަށްއެރިއެވެ. ޔަގީނެވެ. ކެތްނުކުރެވިގެން ރަޒީން ކޮންމެ ވެސް ކަމެއް ކުރީމައި، އެ ކަމާ ހިތްހަމަނުޖެހިގެން ލުބާނާ ކޮންމެވެސް މޮޔަކަމެއް ކުރީއެވެ. އެ ކަމާ ތޫބާ ދެރަވާންވީ ކީއްވެހެއްޔެވެ؟ އުފާނުކުރަންވީ ވެސް ކީއްވެހެއްޔެވެ؟ ރަޒީންއަށް ގުޅަންވެގެން ރަޒީންގެ ނަން ހޯދަނިކޮށް، އެހެން ކަމެއް ޖެހިގެން ރަޒީންގެ ކޯލު ޖެހުނީ ފަސްކޮށްލާށެވެ.

މާލެއިން އައި ޓީމާ ގުޅިގެން، ރިސޯޓުގެ ފަޅުތެރެއަށް ދާންދެން ފުލުހުން އަތްފުނާއެޅިއެވެ. ލުބާނާގެ ހިލަމެއް ނުވިއެވެ. ނުލާހިކު ލޯބިން އުޅުނު ދެމަފިރިންގެ ތެރެއިން އެކަކު، އެހައި ކުއްލި ގޮތަކަށް ގެއްލެންވީ ސަބަބެއް އެކަކަށް ވެސް ނުވިސްނުނެވެ. ރަޒީންއާއި ފަރްހާ، އެންމެން ގާތުގައި ވެސް ވާހަކަދެއްކީ އެއްގޮތަކަށެވެ. ދެމަފިރިންގެ މެދުގައި ދެބަސްވުމެއްހައި ހިސާބު ވެސް ނުހިނގައެވެ.

ލުބާނާގެ ހިލަމެއް ނުވެ ހޭދަވި ކޮންމެ މިނެޓަކަށް ފަހު، ހަފީޒާގެ އުންމީދު އިތުރަށް ކަނިވިއެވެ. ފެނުނު ކުދިކުދި ހެކިތައް އެއްކޮށްގެން ހަފީޒާއަކަށް އެ މަންޒަރު ރޭވޭ ގޮތެއް ނުވިއެވެ. ހުސްތަން މާ ގިނައީއެވެ. ލުބާނާޔާ އެކުގައި އެ އުޅުނީ ކާކުހެއްޔެވެ؟ ލުބާނާ ނާންނަނީސް އެރޭ ރަޒީން ނިދީ ކީއްވެގެންހެއްޔެވެ؟ ހަފީޒާ ދެކެން ބޭނުންވި ވަރަށް ރަޒީންގެ ލޮލުން ކަރުނަ ނުފެނުނީ ކީއްވެގެންހެއްޔެވެ؟

ލުބާނާގެ ބައްޕަ މޫސަ ވެސް ރިސޯޓަށް އައެވެ. ކައިރި ރިސޯޓުތަކުން ފީނާމީހުން ގެނެސް އެ މީހުންގެ އެހީ ވެސް ހޯދިއެވެ. ލުބާނާގެ އެއްވެސް ހިލަމެއް ނުވިއެވެ. އިރުއޮއްސި އަނދިރިވީ ވެސް އެ ގޮތުގައެވެ. ނޫސްތަކާއި ޓީވީތަކުގެ ފަލަ ސުރުހީއަށް އެ ވާހަކަ އެރިއެވެ. ހަމަ ހުރެފައި މީހަކު ގެއްލެންވީ ކީއްވެގެންހެއްޔެވެ؟ އެންމެން ވެސް ބުނަނީ އެހެންނެވެ.

ރޭގަނޑު އަށެއްޖެހިއެވެ. ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުގެ އަޑުއަހަން، މޫދު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން ފަރްހާ އިނެވެ. އެކަނިމާ އެކަންޏެވެ. ރަޒީންއަށް އެ މަންޒަރު ފެނިގެން އައެވެ. ފިޔަވަޅުގެ އަޑަށް ފަރްހާ ފަހަތްބަލައިލިއެވެ. ދެން ވެސް އިނީއެވެ. ރަޒީން ފުރަގަހުން ފޮޓޯއެއް ނެގިއެވެ.

"ނެގުނު ފޮޓޯ މަދީތަ؟" ފޫހިވެގެން ބުނާ ކަހަލަ ރާގެއްގައި ފަރްހާ ބުންޏެވެ.

"އަހަންނަށް އެނގޭ އަހަރެން އެހެން ބުނީމަ ފަރޫ ރުޅިއަންނާނެކަން،" ފަރްހާ ކައިރީގައި އިށީންނަމުން ރަޒީން ބުންޏެވެ. "މިހިރީ އެ ފޮޓޯތައް."

ރަޒީނާއި ފަރްހާގެ ފޮޓޯތައް ދައްކައިގެން ހުރެ، އެ ހުރިހައި ފޮޓޯއެއް ފުހެލިއެވެ.

"ފަރޫ އުޅުނު ވައްތަރުން ބިރުދައްކަން އަހަންނަށް މަޖުބޫރުވީ،" ރަޒީން ބުންޏެވެ. "ފަރޫ ރުޅިއައިސްގެން ބުނާ އެއްޗަކުން އެއްވެސް ކަމަކާނުލާ އަހަރުމެން ބެދޭނީ. ފަރޫއަށް އެނގޭނެ ފަރޫ ދެކެ އަހަރެން ކިހާ ލޯބިވާކަން. ފޮޓޯތައް މި ފުހެލީ. ފަރޫ ތިހިރީ ފްރީވެފަ."

ރަޒީން ގައިގައި ފަރްހާ ކުޑަކޮށް ލެނގިލިއެވެ. ވަކިވާކަށް ފަރްހާ ބޭނުމެއް ނޫނެވެ.

"އަޅެ ކީއްވެބާ ލުބާ ސުއިސައިޑްކުރީ؟" ފަރްހާ މަޑުމަޑުން ބުންޏެވެ. "އެއީ ކީއްވެގެން އޭނަ ކުރި ކަމެއްބާ؟"

ރަޒީން އެނބުރިލިއެވެ. ފަރްހާޔާ ހަތަރުކަޅި ހަމަކުރިއެވެ.

"ފަރޫ އަސްލު ވެސް ލުބާއަށް ކަމެއްނުކުރަންތަ؟" ރަޒީން ސުވާލުކުރިއެވެ. "ދޮގުނަހަދާ!"

"ސީރިޔަސްކޮށް މި ބުނީ. އަހަރެން ލުބާއަކަށް އެއްވެސް ކަމެއް ނުކުރަން،" ފަރްހާ ބުންޏެވެ. "ކީއްކުރަން ލުބާއަށް ކަމެއްކުރަންވީ؟ އަހަރެން ހުރީ ދެއަންބަށް ވެސް މެރީކުރާ ގޮތަށޭ!"

"ބަލަ މޮޔަޔާ! ލުބާއަކީ ފަރޫ ބައްޕަގެ ދަރިއެކޭ،" ރަޒީން ބުންޏެވެ. "ކިހިނެއް ދެއަންބަށް އިންނަނީ؟"

"ނީނދެވޭނެތަ؟" ހައިރާންވެފައި ފަރްހާ ބުންޏެވެ. "އެއްބަނޑުއެއްބަފާ ވެއްޖެއްޔާއެއްނު ދެއަންބަށް ނީނދެވޭނީ. ނޫންތަ؟"

އޭގެ ޖަވާބެއް ރަޒީންއަކަށް ވެސް ނޭނގުނެވެ. އެހެންކަމުން ޗޮކެއްކަނޑައިލިއެވެ.

"މިހާރު އަހަންނަށް ވެސް އޮޅިއްޖެ! ދެން އެ ކަމާ ނުވިސްނާ! އެ ކަން ނިންމާލާފަ އޮންނާނީ." ބޭއިހުތިޔާރުގައި ރަޒީނަށް ބުނެވުނެވެ.

"ވަޓް؟" ސިއްސައިގެންގޮސްފައި ފަރްހާއަށް ބުނެވުނެވެ.

-ނުނިމޭ-