13 ފެބުރުއަރީ 2017 - 12:48

ރ. މަޑުއްވަރިން ފެން ބަރުކޮށްގެން ކައިރި ރިސޯޓަކަށް ތިން މީހުންނާ އެކު ދަތުރު ކުރި ދޯންޏެއް ބަންޑުން ޖަހާލައި، ދޯނި އަޑި އަށް ހިނގައްޖެ އެވެ.
އެ އަތޮޅުގައި ހަދަމުން އަންނަ އާރަށް ރިސޯޓަށް ދަތުރު ކުރި 45 ފޫޓުގެ މި ދޯނި ބަންޑުން ޖަހާލުމުން، ދޯނީގައި ތިބި ތިން ދިވެހިން ކަނޑު މަތީގައި ތިއްބައި، އެ މީހުން ސަލާމަތްކުރީ އެ ސަރަހައްދުން ދަތުރު ކުރި ދޯންޏަކުންނެވެ.
މަޑުއްވަރީ ކައުންސިލް މެމްބަރު ހަސަން އަބްދުއްރަހީމް ވިދާޅުވީ ދޯނި ބަންޑުން ޖަހާލީ ކަނޑު ގަދަވެގެން ކަމަށް ބެލެވޭ ކަމަށެވެ.
"މިކޮޅަށް ވަރަށް ވައި ގަދަ. ކަނޑު ވެސް އެހާ ގަދަ. އެހެންވެ ލަފާކުރެވެނީ ފެން ބަރުކޮށްގެން ދަނިކޮށް ކަނޑު ގަދަވެގެން ބަންޑުން ޖަހާލީ ކަމަށް،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދޯނި ބަންޑުން ޖަހާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ދޯނި އެއްކޮށް އަޑި އަށް ދިޔަ ކަމަށެވެ. އެކަމަކު އެ ދޯނި ތިލަކުރުމުގެ މަސައްކަތް ޑައިވަރުންނާއި މަޑުއްވަރީގެ ބައެއް މީހުން މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ޑައިވަރުން ބުނާ ގޮތުން ދޯނި ކޮންމެވެސް ވަރަކަށް ފެންނަން އެބަ އޮތް. އެހެންވެ، އެ ނެގޭނެ ކަމުގެ އުއްމީދު އެބަ އޮތް،" ހަސަން ވިދާޅުވި އެވެ.