09 ޖެނުއަރީ 2024 - 19:46

ޜައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ވެރިރަށް ބެއިޖިން އަށް މިރޭ ވަޑައިގެންފި އެވެ.

މިދިޔަ ހޯމަ ދުވަހު ޗައިނާ އަށް ފެއްޓެވި ދަތުރުފުޅުގައި މި ދެ ދުވަސް ހޭދަކުރެއްވީ ފުޖިއާން ޕްރޮވިންސްގަ އެވެ.
ކުރިން ތާވަލު ކުރެއްވި ގޮތަށް ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ރައީސް މުއިއްޒު ބައްދަލު ކުރައްވާނީ މާދަމާ ހަވީރެވެ. އެއާ އެކު ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވަވައި ބައެއް އެއްބަސްވުންތަކުގައި ދެ ގައުމުން ސޮއިކުރާނެ އެވެ. އޭގެ އިތުރުން ރައީސް މުއިއްޒުގެ ޝަރަފުގައި ޗައިނާގެ ރައީސް ޝީ ދެއްވާ ރަސްމީ ޖާފަތް ވެސް މާދަމާ އޮންނާނެ އެވެ.
ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުން ވެސް އޮންނާނީ މާދަމާ އެވެ.
ރައީސް ޝީ ގެ ދައުވަތަކަށް ރައީސް މުއިއްޒު އަންނަ ހުކުރު ދުވަހާ ހަމައަށް ޗައިނާ އަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ބާއްވައިފަ އެވެ.
އެ ފޯރަމްގައި ވަނީ ރައީސް މުއިއްޒުގެ އިގްތިސާދީ އެޖެންޑާގެ މުހިންމު ޕްރޮޖެކްޓްތަކަށް އިންވެސްޓަރުން ހޯދުމަށްޓަކައި ޕްރެޒެންޓޭޝަނަކާ އެކު މައުލޫމާތު ހިއްސާކޮށްފަ އެވެ.