މާލެ އާއި އައްޑޫގައި މާރާމާރީ، ސީރިއަސް ޒަހަމްތަކެއް!
މާލެ އާއި އައްޑޫގައި މާރާމާރީ، ސީރިއަސް ޒަހަމްތަކެއް!

މާލެ އާއި އައްޑޫގައި މާރާމާރީތަކެއް ހިންގައި މިރޭ ބަޔަކު ޒަހަމްކޮށްލައިފި އެވެ. މީގެ ތެރެއިން ސީރިއަސް ޒަހަމްތަކެއް ލިބުނީ އައްޑޫގައި ހިންގި މާރާމާރީގަ އެެވެ.

ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ދަންވަރު 12:00 ހާއިރު އައްޑޫ ހިތަދޫގައި މާރާމާރީ ހިންގީ ދެ ގްރޫޕެއްގެ ދެމެދު އެވެ. މި މާރާމާރީގައި ޒަހަމްވި ފަސް މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އައްޑޫގައި ހިންގި މާރާމާރީގައި ވަޅިން ހަމަލާ ދީފައިވެ އެވެ. މި މާރާމާރީގައި މުޅިން ވެސް ޒަހަމް ވެފައި ވަނީ، އެނގިފައިވާ ގޮތުގައި، ވިއްސަކަށް އަހަރުގެ ޒުވާނުންނަށެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ބޯ ފަޅައިގެން ގޮސް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވެ އެވެ.

އައްޑޫގެ މާރާމާރީއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން މިހާރު ތިބީ، ފުލުހުން ބުނި ގޮތުގައި، ހިތަދޫ ޕޮލިސް ސްޓޭޝަންގަ އެވެ.

އައްޑޫގައި މި މާރާމާރީ ހިންގި ވަގުތު މާލޭގައި ވެސް ވަނީ މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލާފަ އެވެ.

މި މާރާމާރީ ހިންގާފައި ވަނީ، ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، އާޓިފިޝަލް ބީޗު ކުރިމަތިން ބޮޑުތަކުރުފާނު މަގުގަ އެވެ. މި މާރާމާރީގައި ޒަހަމްވި ފިރިހެން މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެ މީހާ އަށް އަދި ވެސް ފަރުވާ ދެމުން އަންނަ ކަމަށާއި އެކަމަކު ސީރިއަސް ޒަހަމްތަކެއް ލިބިފައި ނުވާ ކަމަށެވެ.

"ބުރަކަށީގައި އެއްޗަކުން ޖަހާފައި ހުރީ. ދެން ހުރީ ގައިގެ އެކި ތަންތަން ކޮންމެ ވެސް ވަރަކަށް މަށައިގެން ގޮސްފައި،"" އޭނާ ވިދާޅުވި އެވެ.

އަނެއްކާ ވެސް މާރާމާރީތައް މި ވަނީ ގިނަވެފަ އެވެ. މި މަހު ކުރީކޮޅު މާލޭގައި ހިންގި ގްރޫޕް މާރާމާރީތަކެއްގައި 14 އަހަރުގެ ދެ ކުއްޖަކު ވަނީ މަރާލާފަ އެވެ. އެ ދެ މާރާމާރީ ވެސް ހިންގީ އެއް ދުވަހަކު އެވެ.