09 ޖެނުއަރީ 2024 - 12:42

ސަރުކާރުން އަބަދުވެސް އީޖާދީ ވިސްނުންތަކަށް މަރުހަބާ ކިޔާ، ވިޔަފާރީގެ އާ ކަންކަމަށް އިސްކަންދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދު ޗައިނާގެ ފޫޖިއަންގައި ފެށި "އިންވެސްޓް ފޯރަމް"ގައި ސައީދު ވިދާޅުވީ، އާ ސަރުކާރުން މިކަހަލަ ފޯރަމްތައް ބާއްވަނީ، އަމިއްލަ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދޭން ކަމަށެވެ. އޭނާ ވިދާޅުވީ، ފޯރަމެއްގެ ނަތީޖާ ފެންނާނީ، ވިޔަފާރިތައް ފެށި، އަމަލީގޮތުން އެކަންކަން ފެންނަން ފެށުމުން ކަމަށެވެ.
"ޗައިނާއަކީ ރާއްޖެއާ ހާރިޖީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ގާތް އެއް ގައުމު. ދެ ގައުމު ގުޅިގެން އިގްތިސާދީ ގޮތުން އާ ހަރުފަތްތަކަށް ދެވޭނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ އިން އިންތިޒާމު ކޮށްގެން ޗައިނާގައި މިއަދު ފެށި އިންވެސްޓް ފޯރަމްގައި 300 އަށް ވުރެ އެކި ވިޔަފާރިތަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި އޭވިއޭޝަނާއި ޓްރެވެލް ޓޫރިޒަމާއި ރިއަލް އެސްޓޭޓާއި އިންޖިނިއަރިން، ކާގޯ އެންޑް ލޮޖިސްޓިކްސް އާއި ބޭންކިން އެންޑް ފައިނޭންސިން އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވިޔަފާރިވެރިން ހިމެނެ އެވެ.
އެއް ދުވަހުގެ މުއްދަތަށް ބާއްވާ ފޯރަމަށް ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިން ވެސް ވަނީ ޗައިނާ އަށް ގޮސްފަ އެވެ.