ކުޅިވަރު މަޝްރޫއުތައް އަވަސްކުރަން ދަރަނީގެ ބޮޑު ބައެއް ދައްކައިފި
ކުޅިވަރު މަޝްރޫއުތައް އަވަސްކުރަން ދަރަނީގެ ބޮޑު ބައެއް ދައްކައިފި

ދަރަނި ބޮޑުވެ، ފައިސާގެ ދަތިކަމާ ހުރެ ހުއްޓިފައިވާ ކުޅިވަރު ޕްރޮޖެކްޓްތަކުގެ މަސައްކަތް އަވަސްކުރަން، ދަރަނީގެ ބޮޑު ބައެއް ދައްކައި، ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމަށް ކުޅިވަރާއި ފިޓްނެސް އަދި ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު އިއްޔެ ވިދާޅުވެއްޖެވެ.

ކުޅިވަރު މަޝްރޫއުތައް އަވަސްކުރަން ދަރަނީގެ ބޮޑު ބައެއް ދައްކައިފި
ކުޅިވަރު މަޝްރޫއުތައް އަވަސްކުރަން ދަރަނީގެ ބޮޑު ބައެއް ދައްކައިފި

އާ ސަރުކާރުގެ "ހަފްތާ 14" ގައި ކުރަން ކަނޑައަޅާފައިވާ ކަންކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވިއިރު އެ ތަނުގައި 160 މިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކަމަށެވެ. އޭގެ ސަބަބުން އޭރު ފެށި ކަންކަމުގެ ތެރެއިން 232 މަޝްރޫއެއް ހުއްޓިފައި އޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ހުއްޓިފައި ހުރި މަޝްރޫއުތައް އަވަހަށް ކުރިއަށް ގެންދިޔުމުގެ ގޮތުން ސަޕްލިމެންޓަރީ ބަޖެޓުން 125 މިލިއަން ރުފިޔާ ދައްކައި، 64 މަޝްރޫއެއް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންގޮސް، ރަށްރަށުގައި ކުޅިވަރު ވަސީލަތްތައް ފުރިހަމަކުރުމުގެ ޕްރޮގްރާމްގެ އިތުރުން، "ހަފްތާ 14" ގައި ސަރުކާރުން ކުޅިވަރުގެ ހަތް ލަނޑުދަނޑިއެއް ހާސިލްކުރަން ވަނީ ނިންމައިފަ އެވެ. މިނިސްޓަރު ވިދާޅުވީ އެ ކަންކަމުގެ ބޮޑު ބައެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.

އެގޮތުން ދަނޑުތަކާއި އިތުރު ވަސީލަތްތައް އެކުލެވޭ ގޮތަށް ފަރުމާކޮށްގެން މާލެ ސަރަހައްދުގައި "ފުޓްސަލް ކޮމްޕްލެކްސް" އަދި "ނެޓްބޯޅަ ކޮމްޕްލެކްސް" އިމާރާތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.

ރާފިއު ވިދާޅުވީ ފުޓްސަލް ކޮމްޕްލެކްސް އާއި ފަސް ދަނޑުގެ ނެޓްބޯޅަ ކޮމްޕްލެކްސްގެ ކޮންސެޕްޓް ވެސް ތައްޔާރުކޮށް، ގާއިމްކުރާނެ ބިމެއް ކަނޑައެޅުމުގެ ގޮތުން ބޭނުންވާ ލިޔެކިޔުންތައް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އޭގެ އިތުރުން ކުރީގެ ގައުމީ އެތުލީޓުންގެ މައްޗަށް އެކުލެވޭ "ނެޝަނަލް ސްޕޯޓްސް ވެޓަރަން އެމްބެސެޑާސް"ގެ ދަފްތަރެއް އެކުލަވާލުމަށް، އޭގައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރާފިއު ވިދާޅުވި އެވެ.

އެކަމުގެ މައިގަނޑު މަގްސަދަކީ ބޮޑެތި ގުރުބާނީތަކެއް ވެގެން ރާއްޖެއަށް ރީތި ނަން ހޯދައިދޭން އެތައް މަސައްކަތެއް ކުރުމަށް ފަހު އެތުލީޓުން ކެރިއަރު ނިންމާލާ ހިސާބުން، އެ މީހުންގެ އަގުވަޒަން ކުރުން ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ދަފްތަރުގެ ކްރައިޓީރިއާގެ މަސައްކަތް ގައުމީ ކުޅިވަރު ކައުންސިލުން މި ހަފްތާ ނިންމާލާފައި ކަމަށާއި އެންމެ އަވަހަށް އޮންނަ ކެބިނެޓް ބައްދަލުވުމެއްގައި އެ ކްރައިޓީރިއާ އެހެން މިނިސްޓްރީތަކާ ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ސްޕޯޓްސް އެންޑް ފިޓްނެސް މިނިސްޓްރީން އަންނަނީ "ފިޓް މޯލްޑިވްސް"ގެ ނަމުގައި އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ ކުޅިވަރާއި ކަސްރަތުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެންނާއި ކްލަބު ޖަމިއްޔާތައް އަދި ގައުމީ ކުޅިވަރު އެސޯޝިއޭޝަންތަކުގެ އިތުރުން އާއްމުންނަށް ހިލޭ ބޭނުންކުރެވޭނެ ޕްރިމިއަމް އެޕްލިކޭޝަނެކެވެ. އޭގެ ސަބަބުން ހިތުގެ މައްސަލަތަކާއި ހަކުރު ބަލި އަދި ބަރުދަން އިތުރުވުން ފަދަ މުޖްތަމައުގައި ގައިންގައިން ނާރާ ބަލިތައް މަދުކުރަން މަސައްކަތްތަކެއް ކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ކުޅިވަރުގެ ގިނަ އިވެންޓްތަކެއް ރާއްޖޭގައި ބާއްވަމުން އަންނައިރު، މުބާރާތްތައް ބާއްވާ ސްޓޭޑިއަމްތަކުގައި ހުރުން ލާޒިމް ސިއްހީ ހިދުމަތްތަކާ ބެހޭ މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން މިދިޔަ ހަފްތާ ވަނީ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. މީގެ މުހިއްމުކަން ހާމަކުރައްވައި މިނިސްޓަރު ވިދާޅުވީ، ކުޅިވަރުގައި ބައެއް ފަހަރު ކުއްލިއަކަށް ވަރަށް ހިތާމަވެރި ހާދިސާތައް ދިމާވާ ކަމަށާއި އެފަދަ ކަންކަން މަދުކުރެވޭނީ ވަގުތުން ވަގުތަށް އެންމެ ރަނގަޅު އަވަސް ފަރުވާ ދެވިގެން ކަމަށެވެ.

އެ މަސައްކަތުގެ ގާތްގަނޑަކަށް 95 ޕަސެންޓް ވަނީ ނިމިފަ އެވެ. އެ މިންގަނޑުގެ މަސައްކަތް ނިންމައި ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އެއަށް އަމަލުކުރަން ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 20 އަހަރުގެ ދިގުރާސްތާ ޕްލޭނެއްގެ ދަށުން މުޅި ރާއްޖޭގައި މޮޅު އެތުލީޓުން އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއާއެކު، މުޅި ރާއްޖޭގައި ވަކި އުސޫލެއްގެ ދަށުން ކުޅިވަރު ޕްރޮމޯޓްކޮށް، ސްކޫލް ކުޅިވަރުތަކުގައި ވެސް ދަރިވަރުންނަށް އެންމެ ރަނގަޅު ތަމްރީނު ފޯރުކޮށްދެވިގެންދާނެ ކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، އޭގެ ތެރޭގައި ހައި ޕާފޯމަންސް ސެންޓަރެއް ވެސް ހިމެނޭނެ ކަމަށެވެ.