ހެކި ހުއްޓަސް ފާސްކުރި ގޮތުން އުމުރު ދުވަހުގެ ޖަލު ހުކުމަކުން ސަލާމަތްވެއްޖެ
ހެކި ހުއްޓަސް ފާސްކުރި ގޮތުން އުމުރު ދުވަހުގެ ޖަލު ހުކުމަކުން ސަލާމަތްވެއްޖެ

ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ހުރި ނަމަވެސް، ބަލައިފާސްކުރުމުގެ އޮޕަރޭޝަން ގާނޫނާ ހިލާފަށް ފުލުހުން ހިންގާފައި އޮތުމުން ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާއަކުން މީހަކު ސަލާމަތްވެއްޖެ އެވެ.

މީގެ ތިން އަހަރު ކުރިން، 2020 ވަނަ އަހަރު ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މަގުމަތިން ދައުވާ ލިބޭ މީހާ ހިފަހައްޓައި ފާސްކުރި އެވެ. ނަމަވެސް ބަލައިފާސްކުރުމުން އޭނާގެ އަތުގައި މަސްތުވާތަކެތި ނެތް ކަމަށާއި އެ ތަކެތި ހުންނާނީ އޭނާ ދިރިއުޅޭ ގޭގައި ކަމަށް ބުންޏެވެ.

އޭނާ ދިރިއުޅޭ ގެއަށް ހައްޔަރުކޮށްގެން ގެންގޮސް އެ ތަން ފުލުހުން ފާސްކުރި އެވެ. މި ހުރިހާ ކަމެއް ފުލުހުން ކުރީ ކޯޓު އަމުރެއް ނެތި ފާސްކުރުމުގެ ތެރެެއިން އެ ގޭ ތެރެއިން ފުލުހުން މަސްތުވާތަކެތި ހޯދި އެވެ. އެއީ 27.94 ގްރާމްގެ ކެނެބިސް ހުރި ފިލްމް ހުސްކުރި ދަޅެކެވެ.

މަސްތުވާތަކެތި ފެނުމާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ ކުރުމުން ދިފާއުގައި ނެގީ ކޯޓު އަމުރެއް ނެތި ގާނޫނާ ހިލާފަށް އޭނާ ދިރިއުޅޭ ގެ ފާސްކޮށް ހެކި ހޯދާފައިވާ ކަމެވެ. އެހެންވެ އެ ދައުވާ ބާތިލްކޮށްދޭން ޝަރީއަތުގައި އެދިފައިވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ކޯޓު އަމުރެއް ނެތި މީހަކު ހުއްޓުވައި ފާސްކުރެވޭނީ ދެ ހާލަތެއްގަ އެވެ. އެއީ ކުށުގެ ވެށިން މީހަކު ފެންނަ ހާލަތާއި ކުށެއް ކުރުމަށް ފަހު ކުށުގެ ވެށި ދޫކޮށް ދިޔަތާ ގިނަ އިރުތަކެއް ނުވަނީސް ކުށްކުރި މީހާ ފުލުހުންނާ ދިމާވާ ހާލަތެވެ. އެ ހާލަތުގައި ވެސް ކޯޓު އަމުރެއް ނެތި ހުއްޓުވޭނީ ގާނޫނުގައި ބުނާ ފަދަ އެއްޗެއް އޭނާގެ އަތުގައި އޮތް ކަމަށް ބެލެވޭ ހާލަތުގަ އެވެ.

މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނީ ދައުވާ ލިބޭ މީހާ ހައްޔަރުކޮށްފައި ވަނީ ކުށުގެ ވެއްޓަކުން ނޫން ކަމަށާއި އަދި ކުށުގެ ވެއްޓެއް ދޫކޮށްދިޔަ މަގުމަތީގައި ވެސް ނޫން ކަމަށެވެ. އަދި އޭނާ ހުއްޓުވައި ފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެއްޗެއް ފެނިފައި ވެސް ނުވާ ކަމަށް ހުކުމްގައިވެ އެވެ.

އަދި ފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މަސްތުވާތަކެތި ރައްކާކޮށްފައި ހުރީ އޭނާގެ ދިރިއުޅޭ ގޭގައި ކަމާއި އޭނާގެ އަތުގައި މަސްތުވާތަކެތި ހުރި ކަމަށް އިންޓެލް ރިޕޯޓްގައި ފާހަގަކޮށްފައި ނެތް ކަމަށް ހުކުމްގައި ބުންޏެވެ. އެހެންކަމުން އޭނާ ހުއްޓުވައި ފާސްކޮށްފައި ވަނީ ކޯޓު އަމުރަކާ ނުލައި އެކަން ކުރުމަށް ގާނޫނުގައި ބަޔާން ކުރާ ހާލަތުގައި ކަމަށް ނޫން ކަމަށް ކޯޓުން ބުންޏެވެ.

މީގެއިތުރުން ދައުވާ ލިބޭ މީހާ ދިރިއުޅޭ ގެއަށް ވެސް ފުލުހުން ކޯޓު އަމުރެއް ނެތި ވަދެފައިވަނީ ގޯސްކޮށް ކަމަށް ހުކުމްގައިވެ އެވެ. އަމިއްލަ ތަންތަނަށް ވަރަށް އިސްތިސްނާއީ ހާލަތެއްގައި މެނުވީ ކޯޓު އަމުރެއްގެ ނެތި ނުދަވޭނެ ގޮތަށް ގާނޫނުގައި ލިޔެފައިވާއިރު ކޯޓު އަމުރު ހޯދަން ވަގުތު އޮންނަ ހާލަތުގައި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލަކީ ވެސް ކޯޓު އަމުރު ހޯދުން ކަމަށް ހުކުމްގައިވެ އެވެ.

މި މައްސަލާގައި ވެސް ކޯޓު އަމުރު ހޯދަން ފުލުހުންނަށް އެކަށީގެންވާ ވަގުތު އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ހުކުމްގައިވެ އެވެ. އެހެންވެ، މި އިޖުރާއީ ގޯހަކީ ރަނގަޅު ކުރެވެން ނެތް އަދި ގާނޫނުއަސާސީން ލިބިދޭ ހައްގުތަކެއް ނިގުޅައިގަނެވިގެންދާ ފަދަ ގޯހަކަށްވާތީ ކްރިމިނަލް ކޯޓުން ނިންމީ މައްސަލާގައި ހޯދާފައިވާ ހެކިތައް ބަލައިނުގަތުމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އައިމިނަތު އަޒްލިފާ ހުކުމް ކުރައްވާފައިވަނީ ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.