09 ޖެނުއަރީ 2024 - 10:11

ގައުމީ ވޮލީބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެމްކޯ، މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ވެމްކޯ ފައިނަލުން ޖާގަ ހޯދީ އިއްޔެ ކުޅުނު ތިންވަނަ ސެމީގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާ ވާދަކޮށް ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގެ ސެޓްތައް ވެމްކޯ ގެންދިޔައީ 25-23، 25-17 އަދި 26-24 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ އައިޝަތު މާޖިދާ އެވެ.
މިއީ ވެމްކޯ ގައުމީ މުބާރާތުގެ ފައިނަލުން ވިދިވިދިގެން ޖާގަ ހޯދި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2019 ވަނަ އަހަރުގެ ފައިނަލްގައި ޕޮލިސް ކްލަބް އަތުން ބަލިވި ނަމަވެސް، މިދިޔަ އަހަރު ޖެނުއަރީ މަހު ކުޅުނު 2022 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރީ ފައިނަލްގައި ކްލަބް ވޮލީބޯލް ބަލިކޮށްފަ އެވެ.
ވެމްކޯ އަތުން އިއްޔެގެ މެޗުގައި ބަލިވި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނަށް ވަނީ މުބާރާތުގެ ތިންވަނަ ލިބިފަ އެވެ.
ގުރޫޕް ސްޓޭޖުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާއި ވެމްކޯ ވެސް ވާދަކުރީ އެއް ގުރޫޕަކު އެވެ. ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ވަނީ ގުރޫޕް ސްޓޭޖުގައި ވެމްކޯ ބަލިކޮށް ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ.
މިރޭ 8:15 ގައި ކުޅޭ ވޮލީބޯޅަ ގައުމީ މުބާރާތް 2023ގެ އަންހެން ޑިވިޝަންގެ ފައިނަލްގައި ވެމްކޯ ނުކުންނާނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ.
ވެމްކޯ ވަނީ ޑިސެމްބަރު މަހު ނިމުނު އެސޯސިއޭޝަން ކަޕްގެ ފައިނަލްގައި ޕޮލިސް ކްލަބް ބަލިކޮށް ތަށި އުފުލާލައިފަ އެވެ.