09 ޖެނުއަރީ 2024 - 10:10

ގައުމީ ވޮޅީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގެ ފަހު ޖާގަ ކްލަބް އާބަންކޯ ހޯދައިފި އެވެ.

އާބަންކޯ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދީ ރޭ ކުޅުނު ސެމީފައިނަލް މެޗުގައި ސިޓީ ސްޕޯޓްސް ކްލަބާ ވާދަކޮށް 3-1 ސެޓުން މޮޅުވެގެންނެވެ.
ފުރަތަމަ ސެޓް 25-23 އިން ކާމިޔާބުކުރީ އާބަންކޯ އެވެ. ދެވަނަ ސެޓުގައި 25-23 އިން ކުރި ހޯދީ ސިޓީ އެވެ. ތިންވަނަ ސެޓް އާބަންކޯ އިން ފަސޭހަ ކަމާއެކު 25-12 އިން ގެންދިޔަ އިރު، މޮޅުވީ ވާދަވެރި ކުޅުމަކަށް ފަހު ހަތަރުވަނަ ސެޓްގައި 27-25 އިން ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާބަންކޯގެ ލަސިންދު މެތަމަލް ވަސަންތަޕްރިޔާ ގޮނާރާ ގާމަގޭ އެވެ.
މި ނަތީޖާއާ އެކު އެސޯސިއޭޝަން ކަޕްގެ ތަށި އުފުލާލި ސިޓީ އަށް ވަނީ ގައުމީ މުބާރާތުން ތިންވަނަ ލިބިފަ އެވެ.
އާބަންކޯ އާއި ސިޓީ އަކީ ވެސް އެންމެ ފަހުން ބޭއްވި އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުން ފެށިގެން ކުޅޭ ދެ ޓީމެވެ. އެސޯސިއޭޝަން ކަޕްގައި އާބަންކޯ އަށް ލިބުނީ ތިންވަނަ އެވެ.
ގައުމީ ލީގުގެ ދެވަނަ ހޯދައިގެން ގައުމީ މުބާރާތުން ޖާގަ ހޯދި އާބަންކޯ، މުބާރާތުގެ ފައިނަލްގައި ވާދަކުރާނި ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށެވެ.
ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 8:15 ގަ އެވެ.