ޗައިނާ އާ އެކު އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަވަހަށް އަމަލުކުރަން ފަށަން ރައީސް ތައްޔާރު
ޗައިނާ އާ އެކު އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަވަހަށް އަމަލުކުރަން ފަށަން ރައީސް ތައްޔާރު

ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއި ކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ވަގުތުން އަމަލު ކުރަން ފަށަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާ އާ އެކު އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަވަހަށް އަމަލުކުރަން ފަށަން ރައީސް ތައްޔާރު
ޗައިނާ އާ އެކު އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަވަހަށް އަމަލުކުރަން ފަށަން ރައީސް ތައްޔާރު

ރައީސް ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ފުޖިއަން ޕްރޮވިންސްގައި ބާއްވާ ރާއްޖޭގެ ބިޒްނަސް ފޯރަމް ފައްޓަވައި ދެއްވައި ވާހަކަ ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ގެންގުޅުއްވާ ތަސައްވަރު ބިނާވެފައިވަނީ ގިނަ ފަރާތްތަކާ އެކު ގުޅިގެން އުފެއްދޭ ހަރުދަނާ ގުޅުންތަކުގެ މައްޗަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ތަރައްގީގެ އެންމެ ބޮޑު ބައިވެރިއަކަށް ޗައިނާ ވާނެ ކަމާމެދު ޝައްކެއް ނުކުރަން،" ގާތްގަނޑަކަށް 300 ބައިވެރިންނާ އެކު ބާއްވާ އެ ފޯރަމްގައި ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއަކީ ދެކުނު އޭޝިއާގެ ގައުމަކާ އެކު ޗައިނާ އިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރި ފުރަތަމަ ގައުމަށް ވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ވިޔަފާރީގެ ގުޅުމުގެ ރަމްޒެކެވެ.

އެ އެއްބަސްވުމުގެ މަގްސަދަކީ ރައީސް ވިދާޅުވި ގޮތުގައި ދެ ގައުމުގެ މެދުގައި ވިޔަފާރި ފުޅާކޮށް، ހާއްސަކޮށް ރާއްޖޭން ޗައިނާއަށް މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރާ މިންވަރު އިތުރުކުރުމެވެ.

"ވީއެންމެ އަވަހަކަށް އެ އެއްބަސްވުމަށް އަމަލުކުރަން ފަށަން އަޅުގަނޑުގެ ސަރުކާރުން އޮތީ ތައްޔާރަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެ އެއްބަސްވުމާ ގުޅުވައި، ރައީސް ވަނީ ރީއެކްސްޕޯޓަށާއި ޓްރާންސްޝިޕްމަންޓަށް ހާއްސަކޮށް ދާދިފަހުން އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނި ފާހަގަކުރައްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ ކުންފުނިން ރާއްޖޭގެ ފުޑް ސެކިޔުރިޓީ އާއި، މަސް އެކްސްޕޯޓުގެ އިތުރުން ސަރަހައްދީ ތަރައްގީގެ އިންވެސްޓުމަންޓުތަކަށް ހާއްސަ އިސްކަމެއް ދޭނެ އެވެ.

ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އެ ގައުމުން ސޮއިކުރީ ކުރީގެ ރައީސް ޔާމީން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ޑިސެމްބަރު 18، 2014 ގަ އެވެ. އެ އެއްބަސްވުން ކުރިއަށް ގެންދަން މަޖިލީހުން ފާސްކުރީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް މަޖިލިހުން ނޮވެމްބަރު 29، 2017 ގަ އެވެ.

އެކަމަކު އޭގެ ފަހުން ސަރުކާރުން ބަދަލުވެ، އެ އެއްބަސްވުން މުރާޖައާ ކުރަމުންދާ ކަމަށް ބުނެ، ކުރީގެ ސަރުކާރުގައި އެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައެއް ނުވެ އެވެ.