09 ޖެނުއަރީ 2024 - 10:16

ކުށުގެ ވެށީގެ ކޮންޓްރޯލް ނަގައިގެން ތިބި ގޭންގްތައް މައިތިރިކުރުމަށާއި ޑްރަގްސް ހުއްޓުވަން ފުލުހުން އަބަދުވެސް މަސައްކަތްތަކެއް ކުރެ އެވެ. އެކަމަކު ނަތީޖާ ނެރެވޭ ހެއްޔެވެ؟

ވަށައިގެން ފެންނަ މަންޒަރަކީ ގާނޫނާއި ގަވައިދުތަކަށް ވުރެން ގޭންތައް ބާރުގަދަ ތަނެވެ. ނިޒާމުގެ ތެރެއިން ފަސޭހައިން ސަލާމަތްވާނެ ހުރިހާ އުކުޅަކަށް އެ މީހުން މޮޅެވެ. ފުލުހުންނާ ހިސާބުން ނުވަތަ ކޯޓު ތެރެއިން އެ މީހުންގެ ބާރު ދައްކާލަ އެވެ. ކޮންމެ ހޯމް މިނިސްޓަރަކާއި ޕޮލިސް ކޮމިޝަނަރަކު ގޭންގްތައް ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށް ވިދާޅުވިޔަސް ފެންނަން އޮތީ ވަކި ހިސާބަކުން މުއައްސަސާތަކުން ދޫ ދޭން މަޖުބޫރުވާ ތަނެވެ.

އާ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިކަމަށް އެއްބަސްވެވަޑައިގަންނަވަ އެވެ.

"މީގެ 10 އަހަރު ކުރިއަށް ބެލި ކަމުގައި ވި ނަމަވެސް އަދި މި ވަގުތަށް ބެލި ކަމުގައި ވި ނަމަވެސް މި މައްސަލައަކީ ހައްލުވެފައި އޮތް މައްސަލައެއް ކަމުގައި އަޅުގަނޑުމެންގެ އެކަކު ވެސް ގަބޫލެއް ނުކުރާނެ. އަޅުގަނޑުމެން ވެސް ގަބޫލެއް ނުކުރަން," ޝުޖާއު ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މާލެ އާއި ރަށްރަށުގައި ވަރަށް ފުޅާކޮށް ގޭންގްތަކަށް ކުޑަކުދިން ވެއްދުމުގެ މައްސަލަ އެވެ. ސްކޫލަށް ދާ އުމުރުފުރައިގެ ކުދިން ގޭންތަކަށް ވައްދައިގެން އެ ކުދިން ލައްވައި ބޮޑެތި ކުށްތަކަށް އަރައިގަންނަމުންދާ ކަމަށް ވިދާޅުވި އެވެ.
ވަކި ހިސާބަކުން އެ ކުދިން ގޭންގުތަކުގެ އިސް މީހުންނަށް ބަދަލުވެ އަނެއްކާވެސް ނެރެނީ އާ ކުދިންތަކެކެވެ.
"މި ރެކްރޫޓްމަންޓް ހުއްޓުވަން ޖެހޭ. އެއީ އަޅުގަނޑުމެން ބެލިބެލުމުގައި ކުޑަކުދިންނަށް ޓާގެޓްކޮށްގެން އަތޮޅުތަކުން ވެސް އަދި މާލޭގައި ވެސް ގްރޫޕްތަކުން މަސައްކަތް ކުރޭ. ކޮންމެ އަހަރަކު ވެސް އަލަށް ފުލުހުންގެ ބެލުމުގެ ދަށަށް ކުދިން އެބަ ގެނެވޭ. އަލަށް ކުށްކުރާ ކުދިން އެބަ އިތުރުވޭ," އޭނާ ވިދާޅުވި އެވެ.
"މި ކުދިން ސަލާމަތްކުރަން މަސައްކަތްކޮށްގެން މިކަމުގައި ޖުމްލަ ހައްލެއް އަންނާނީ. އެހެން ނޫނީ މިވާގޮތަކީ ގްރޫޕަކުން ކަމެއް ކުރީމަ އެ ކަމެއް މިބަލަނީ. މިސާލަކަށް މާރާމާރީއެއް ހިންގީމަ އެ ކުރި ބަޔަކު ހޯދައި އެ މީހުންގެ މައްސަލަތައް ތަހުގީގުކޮށްފައި އެ އޮންނަ ޕްރޮސެސްގެ ތެރެއިން މިކުރަނީ. އަލަށް ވަންނަ މީހުން ވަންނާނެ."
އަތޮޅުތަކުން މާލެއަށް ކުދިން ގެނެސްގެން އެކި ތަންތަނުގައި ބައިތިއްބައިގެން, ސީޕީ ވިދާޅުވި ގޮތުގައި, ރެކްރޫޓްކުރެ އެވެ. އަދި ކޮންމެވެސް ސަބަބަކާ ހުރެ ސްކޫލަށް ނުދާ ކުދިން ފާހަގަކޮށް ގްރޫޕްތަކުން އެ ކުދިންނަށް ޓާގެޓްކޮށްގެން ވެސް މަސައްކަތްތަކެއް ކުރާ ކަން ފުލުހުންނަށް ތަހުގީގުން ލިބޭ މައުލޫމާތުތަކުން އެނގޭ ކަމަށް ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި ގްރޫޕްތައް ހުއްޓުވަން ކުރާ މަސައްކަތުގައި ދާއިމީ ހައްލަކާ ހިސާބަށް ނުދެވި އޮތީ ކުށްކުރާ ކުޑަކުދިންގެ އަދަދު އިތުރުވަމުން ދިޔައަސް އެކަމަށް ހައްލު ހޯދަން މަސައްކަތްތަކެއް ނުކުރެވޭތީ އެވެ. ޗައިލްޑް ޕްރޮޓެކްޝަން ސާވިސްގައި ކުދިން ކުށަށް އަރައިގަތުމާ ގުޅޭ ގޮތުން ވަރަށް ތަފްސީލް މައުލޫމާތު ހުރި ކަން ފާހަގަކުރައްވައި ވިދާޅުވީ އެ ހިސާބުން ދެން އަޅަންވީ ފިޔަވަޅު ދެނެގަނެ އެކަމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
އެއް ހައްލަކީ ކުށަށް އަރައިގަންނަ ކުދިން ވަކި ތަނެއްގައި ބައިތިއްބައިގެން މަސައްކަތްތައް ދަސްކޮށްދީގެން އަނބުރާ މުޖުތަމައަށް ނެރުމެވެ. ފޭދޫފިނޮޅުގައި ފުލުހުން މީގެ ކުރިން ޕްރޮގްރާމްތަކެއް ހިންގައި ރީހެބިލިޓޭޓް ކުރެވުނު ކަން ޕޮލިސް ކޮމިޝަނަރު ފާހަގަކުރެއްވި އެވެ.
"ކުޑަކުދިން ކުށްކުރަން ތާއަބަދު ދޫކޮށްލައިގެން ތިބޭ ނަމަ އަދަދު ދާނީ ހަމަ އިތުރުވަމުން. ސްކޫލްތަކަށް ނުދާ ކުދިން ނުދަނީ ކީއްވެގެންތޯ ސްކޫލަށް ނުގޮސް އުޅެނީ ކޮންތާކުތޯ ބެލިއްޖެ ނަމަ މައްސަލަ ހައްލުވާނެ."
"މިގޮތަށް ކުރިން މަސައްކަތެއް ނުކުރެވޭ. އެންމެ ބޮޑަށް ގޭންތައް އެކްޓިވްވާ ތަންތަނުގައި ފުލުހުން ބައިތިއްބައިގެން އެ މީހުން ޗެކުކޮށް އުޅޭ ތަންތަން ރެއިޑްކުރުން ފަދަ ކަންކަން މިކުރަނީ. އޭގެއިން މިކުރެވޭ ކަމަކީ އެ ފަރާތްތަކުގެ ބިރުވެރިކަމުން ކޮންމެވެސް ވަރެއްގެ ލުޔެއް ރައްޔިތުންނަށް ހޯދައިދެވެނީ. ދާއިމީ ހައްލެއް ނާދޭ."
އޭނާ ވިދާޅުވި ގޮތުގައި ގޭންތައް ކޮންޓްރޯލްކުރަން އެ ފިޔަވަޅު އެޅިއްޖެ ނަމަ ވަރަށް ބޮޑު ހައްލެއް މި ފަސް އަހަރުގެ ތެރޭގައި ލިބި ނަތީޖާ ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތެވެ.
ފުލުހުންގެ މަސައްކަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވެ އެވެ. އަދި ތަހުގީގު ނިމި ޝަރީއަތުން ބައެއް މީހުންނާ މެދު ފިޔަވަޅު އެޅުނަސް މިކަން ކުރާ މީހުންގެ އަދަދު މަދުވޭތޯ އެއީ ސުވާލެއް ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ. މިކަން ކުރާ މީހުންގެ އުމުރުފުރާ ބަދަލުވޭތޯ އާއި އެތެރެކުރާ މަސްތުވާތަކެތި މަދުވޭތޯ ވެސް އެއީ ބަލަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ބޮޑުން ވެސް ތިބެނީ މިނިވަންކޮށެވެ.
"ދިރާސާކުރިއަސް ކަންބޮޑުވާ ދަރަޖައަށް މިކަމުގައި ކުރިއެރުންތަކެއް ނެތް ކަން އެނގިގެން އެބަދޭ," އޭނާ ވިދާޅުވި އެވެ.
މަސްތުވާތަކެއްޗަށް ބެލި ނަމަވެސް ރާއްޖެއަށް އެތަކެތި އެތެރެވާ ގޮތްތައް ބަލައި ހުއްޓުވުމަކީ ހުރިހާ އެޖެންސީތަކުން ކުރަން ޖެހިފައި އޮތް ކަމެކެވެ. އެއާއެކު މިކަމުގެ ޝިކާރައަކަށް ވެފައި ތިބި މީހުން މިކަމުން ސަލާމަތްކުރެވޭނެ ގޮތެއް ވެސް ހޯދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
މާލޭގައި ހިންގާ ބޮޑެތި ކުށްތަކަށް އަރައިގަންނަނީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައި ތިބި މީހުންނެވެ. މިއީ ރައްޔިތުންނަށް އޮތް ބިރުވެރި ކަމެކެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ކުށްތަކަށް އަރައިގަންނަ މީހުންގެ ހަރަކާތްތައް ފުލުހުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. މި މީހުންނަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާ ކުރެވިއްޖެ ނަމަ މައްސަލައަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ފާރަވެރިވަން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކާއި އެ ވިއްކާ ނެޓްވޯކްތައް ހޯދަން. އެއްވެސް ވަރަކަށް އެ ކަމުގައި އަޅުގަނޑުމެން ދުލެއް ނުދޭނަން. އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ ރިސޯސްއެއް ބޭނުންކޮށްގެން އެ މީހުން ހޯދައި ގާނޫނުގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނަން," ސީޕީ ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ އެކަމުގެ އެންމެ އިސްކޮށް އުޅޭ މީހުން ކޮންމެވެސް ހިސާބަކުން އަބަދުވެސް ދޫވެ އެވެ. މިކަން މިގޮތަށް ހިނގަނީ ފުލުހުންގެ އިހުމާލުންތޯ ވަރަށް ބޮޑަށް ބަލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
"އަބަދުވެސް އަޅުގަނޑުމެން ބަލާ ކަމެއް އެއީ. މިސާލަކަށް ފުލުހުން އަމަލުކުރަން ޖެހޭ ގޮތަކަށް އަމަލު ނުކުރެވިގެން ކަމެއް އަތްދަށުން ގޮސްފައި އޮތް ކަމުގައިވާ ނަމަ ދެ ވަނަ ފަހަރަށް އެކަން އެގޮތަށް ކުރާކަށް ޖާގައެއް ނުދޭނަން. އެކަން އެހެން ވަނީ ޝަރުއީ ނިޒާމްގެ ތެރެއިން ކަމަށްވާ ނަމަ ރަނގަޅަށް ރިވިއުކޮށްފައި އެކަން ވިޔަ ނުދޭން އެ ނިޒާމުން ވެސް މަސައްކަތް ކުރާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން," އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ފުލުހުންގެ އިހުމާލުން އެއްވެސް މީހަކު ދޫވިޔަނުދޭން ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ އެވެ.
މަސްތުވާތަކެއްޗާއި ގޭންގްތައް ހުއްޓުވަން، ކުރާ މަސައްކަތުގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި، ދުލެއް ނުދެއްވާނެ އެވެ. މުއައްސަސާތަކާ ގުޅިގެން ކުރާ މަސައްކަތުން ނަތީޖާ ވެސް ދައްކާނެ އެވެ.