ހޫތީންނާ ދެކޮޅަށް ރަތްކަނޑަށް ލަންކާގެ 100 އަށްވުރެ ގިނަ ސިފައިން ދާނެ
ހޫތީންނާ ދެކޮޅަށް ރަތްކަނޑަށް ލަންކާގެ 100 އަށްވުރެ ގިނަ ސިފައިން ދާނެ

ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހާ އިއުލާނުކުރައްވާފައިވާ ގޮތަށް ލަންކާގެ ކަނޑުގެ ސިފައިން ހޫތީންނާ ދެކޮޅަށް ރަތްކަނޑަށް ދާން ނިންމާފައިވާކަން ކަނޑުގެ ސިފައިން ރަސްމީކޮށް ބުނެފި އެވެ.

އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކާ ދެކޮޅު ހަދައި ފަލަސްތީނާ އެކުގައި ތިބިކަން ހާމަކުރުމުގެ ނަމުގައި ހޫތީން ގެންދަނީ އިޒްރޭލާ ގުޅުން ހުރި އުޅަނދުތަކަށް ރަތްކަނޑުގައި ހަމަލާ ދެމުންނެވެ. އެކަމާ ދެކޮޅަށް "އޮޕަރޭޝަން ޕްރޮސްޕެރިޓީ ގާޑިއަން" ނަމުގައި އެމެރިކާ އިސްވެ ފެށި އޮޕަރޭޝަނުގައި އެކި ގައުމުތައް ދަނީ ބައިވެރިވަމުންނެވެ.

"ލަންކާގެ ކަނޑުގެ ސިފައިން ވެސް އޮޕަރޭޝަން ޕްރޮސްޕެރިޓީ ގާޑިއަންގައި ބައިވެރިވާނެ،" ކަނޑުގެ ސިފައިންގެ ތަރުޖަމާނު ގަޔަން ވިކްރަމަސޫރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްރީ ލަންކާއިން ފޮނުވާނީ 100 އަށް ވުރެ ގިނަ ސިފައިން ހިމެނޭ އުޅަނދެއް ކަމަށެވެ.

ޔަމަންގެ ހޫތީ ހަނގުރާމަވެރިން މިހާތަނަށް ވަނީ ޑްރޯން އާއި މިސައިލްގެ 100 އަށް ވުރެ ގިނަ ހަމަލާ އެކި އުޅަނދުތަކަށް ދީފަ އެވެ. ބައިނަލްއަގުވާމީ ވިޔަފާރީގައި ކަނޑުމަގުން އުފުލާ މުދަލުގެ 12 ޕަސެންޓް ހިއްސާކުރާ މި މަގުގައި ހޫތީންގެ ނުރައްކާ ބޮޑުވުމުން ދިގު މަގުތަކުން ދަތުރުކުރަން ޖެހި މުދާ އުފުލުމުގެ އަގު ދަނީ ބޮޑުވަމުންނެވެ.

ލަންކާގެ ރައީސް ރަނިލް ވިދާޅުވެފައިވާ ގޮތުގައި ހޫތީންގެ ސަބަބުން މިހާރު ވެސް ވަނީ އަންނައުނާއި ސައިފަތް އެކްޕޯޓްކުރުމުގެ ވިޔަފާރިއަށް ނޭދެވޭ އަސަރުކުރަން ފަށައިފަ އެވެ.

އިގްތިސާދީ އަޑިގަނޑެއްގައި އޮތް ސްރީ ލަންކާއިން ރަތްކަނޑުގެ އިއްތިހާދާ ގުޅުމާ ބެހޭ ގޮތުން ކަނޑުގެ ސިފައިން ތަރުޖަމާނު ވިދާޅުވީ މިކަން ކުރިޔަސް އިތުރު ހަރަދެއް ނުހިނގާނެ ކަމަށާއި ރަތްކަނޑަށް ފޮނުވަނީ މިހާރުވެސް ލަންކާގެ ބޭރު ކަނޑުގެ ސަރަހައްދު ޕެޓްރޯލްކުރާ އުޅަނދެއް ކަމަށެވެ. --އޭއެފްޕީ