16 ފެބުރުއަރީ 2017 - 06:15

އެއީ އެއްވައްތަރު ދެ ސެލް އެވެ. ވަޒީފާ އަދާކުރަނީ އެއް އޮފީހުގަ އެވެ. ކުރަނީ އެއް މަސައްކަތެކެވެ. ދެނީ އެއް ޚިދުމަތެކެވެ. އުފެދުނީއްސުރެ ގެންދަވަންދެނެވެ. ނަމަވެސް ވަކި ހިސާބަކުން އެއް ސެލް ކޮންޓްރޯލުން ނެއްޓިދާނެ އެވެ. އެހިސާބުން ހުދޫދުން ބޭރުވި ސެލް "ކަކުންޏަކަށް" ބަދަލުވީ އެވެ. އަދި ދެ ސެލް ދެ ދުޝްމަނުންނަށް ވީ އެވެ. ބިރުވެރި، ހަތުރުވެރި ކަކުނި ހަނގުރާމަ ފެށުނީ އެވެ.
މި އިސްތިއުމާރަށް ނަން ކިޔާފައި ވަނީ ގުރީކުންނެވެ. ނަމަކީ ކާސިނޯސް އެވެ. މާނައަކީ ކަކުންޏެވެ. އެއީ ކަކުންޏެއްގެ ފައިތައްހެން ބަލާބެލުމަށް ސިފަވާތީ އެވެ. ނަމަވެސް މިއީ ކަކުންޏަކާ އަޅައިކިޔޭވަރަށް ވުރެ މާ ނުބައި، މާ ނުރައްކާތެރި އަދުއްވެކެވެ. އެހެނީ އެއީ ކެންސަރެވެ. ޓިއުމަރެވެ.
ކޮންމެ ޓިއުމަރަކީ ކެންސަރެއް ނޫނެވެ. ހަށިގަނޑުގެ ތެރެއަށް ނުފެތުރޭ ނުވަތަ ފެތުރުމުގެ ފުރުޞަތު ކުޑަ ޓިއުމާއަކީ ބިނައިންގް ޓިއުމާ އެވެ. އަދި ޓިއުމާގެ ތެރެއިން ހަށިގަނޑުގެ އެކި ތަންތަނަށް ފެތުރިގަންނަ ވައްތަރަކީ މެލިގްނަންޓް ޓިއުމާ އެވެ. އެއަށް ކިޔަނީ ކެންސަރެވެ.
ކެންސަރަކީ ހަމައެއް ލަމެއްނެތި ސެލްއެއްގެ އާބާދީ އިތުރުވެ ކޮންޓްރޯލްނުވެ ވެރިވެގަތުމުން ކިޔާ ނަމެކެވެ. މި ބަލި ޖެހިފައިވާ ގިނަ މީހުންނަށް ކެންސަރު ޖެހުނީ ސީދާ ކީއްވެގެންކަން ބުނެދިނުމަކީ ކުރިއަރައިފައިވާ މި ޒަމާނުގައި ވެސް އުނދަގޫ ކަމެކެވެ. ނަމަވެސް ކަމުވޮށިގެންވާ ޞިއްހީ މާހިރުން ކޮށްފައިވާ ދިރާސާތަކާއި ތަހުލީލްތަކަށް ބަލާއިރު ކެންސަރު ޖެހެން ދިމާވާ ސަބަބުތައް ވަރަށް ގިނަކަން ފާހަގަކުރެވެ އެވެ.
އާއިލާ ނުވަތަ މައިންބަފައިންގެ ފަރާތުން ދަރީންނަށް ވާރުތަކުރުމާއި، އިންސާނީ މައުލޫމާތު ރައްކާކުރެވިފައި "ޖަގަހަ" ނުވަތަ ޑީއެންއޭ އަށް ހަޔާތުގެ ވަކި ހިސާބަކުން އަންނަ ޅޮޅުމަކުން ނުވަތަ ބަދަލަކުން ވެސް ކެންސަރު ޖެހިދާނެ އެވެ.
ދިރިއުޅޭ މާހައުލުގެ ފެނާއި ވައި ނުސާފުވުމުގެ ސަބަބުން ވެސް ކެންސަރު ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ އާދައިގެ ދެރަ ނިކަމެތި މީހާ ކައްކާ ދަރު އުނދުނާއި އޭނާގެ ޕަޓަޕަޓަ ލައްވާފަ ދުއްވާ ސައިކަލުން ފެށިގެން ގޮސް މުއްސަނދި މީހާ ބާބަކިއު ހަދަން ރޯކުރާ ބޯޓު ދެއްޔާއި، ދުއްވާ ބީއެމްޑަބްލިއު ކާރުތަކާއި، ނާލު ބައްތެލި ފަހަރާއި، އޭނާގެ ލާންޗު ފަހަރުން އަރާ ދުމުން ނުވަތަ ޕޮލިސައިކްލިކް ހައިޑްރޯ ކާބަންނުން ނުވަތަ ބެންޒީން ނަމަކަށް ކިޔާ ކެމިކަލުން ކެންސަރު ޖެހުމަށް މަގުފަހި ކުރުވާކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
ދުންފަތުގެ އިސްތިއުމާލް ކުރުމާއި، ރާބުއިމާއި، ސަރުބީ ގިނައިން ހުންނަ ތަކެތި ގިނައިން ކެއުމާއި ބުއިމަކީ ކެންސަރު ޖެހޭ ކަންކަމެވެ. އަދި މީގެ އިތުރުން ނައިޓްރޭޓްސް /ނައިޓްރައިޓްސް އަޅައިގެން ކުނިނުވާ ގޮތަށް ބަންދުކޮށްފައި ހުންނަ ދަޅުކާނާ އަކީ ވެސް މި ލިސްޓްގައި ކެންސަރަށް އެހީވެދޭ ވަފާތެރީންނެވެ. އަދި ބައެއް ކަހަލަ ފަންގަސްއިން އުފައްދާ ނުރައްކާތެރި ވިހައެއް ކަމަށްވާ އަފްލާ ޓޮކްސިން އިން ވެސް ކެންސަރު ޖައްސަ އެވެ. މިދެންނެވި ވިހަ ގިނަ ފަހަރަށް ހުންނަނީ ޒުވާރި އާއި ޕީނަޓްސް އާއި ޕީނަޓް ބަޓަރު ފަދަ ކާނާގަ އެވެ.
ފަންގަސްގެ އިތުރުން ހެޕަޓައިޓިސް ބީ އާއި ސީ އަދި އެހެނިހެން ބައެއް ވައިރަހާއި ބެކްޓީރިއާ އާއި ޕެރަސައިޓްސް ފަދަ ޖަރާސީމްތަކަކީ ކެންސަރުގެ ލިސްޓުގައި ހިމެނޭ ހަތިޔާރުއެޅި ހަނގުރާމަވެރީންނެވެ. މިގޮތުން ފުރަމޭގެ ކެންސަރާއި ހޮޖްގްކިންސް ލިންފޯމާ އާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި ބަނޑަށާއި މަސާނާއަށް ޖެހޭ ކެންސަރަކީ މިދެންނެވި ހަނގުރާމަވެރި ޖަރާސީމުތަކުގެ ނުރައްކާތެރި ނަތީޖާ އެވެ.
މިހާ ހިސާބުން އިސްތިއުމާރީ ބާރުތަކުގެ ވާހަކަ ނިމުނީކީއެއް ނޫނެވެ. އިރުގެ ނުރައްކާތެރި ދޯދިތައް ނުވަތަ އަލްޓްރާވައިލެޓް ރޭޑިއޭޝަނާއި، ގައިގެ ރިހުންތައް ފިލުވާލުވާލުމަށާއި ވިޓަމިން ޑީ ހޯދުމުގެ ނަމުގައި އިންސާނުން ބޭނުންކުރާ ޓޭނިންގް ބެޑްތަކާއި ބޮކިތަކުން ވެސް ކެންސަރަށް ހުށަހެޅިގެންދެ އެވެ. އަދި އާކު ވެލްޑިންގް އާއި ޕްލަސްމާ ޓޯޗް ނުވަތަ ގަން ނުވަތަ ކަޓާ ފަދަ އެއްޗެހި ރައްކާތެރިކުރުމުގެ ފިޔަވަޅުނާޅައި ބޭނުންކުރުމަކީ ނޭނގި ނަމަވެސް އަމިއްލަ ނަފްޞު ކެންސަރަށް ވެދުންކުރުމެވެ. ޚާއްޞަކޮށް ތިބާއަކީ ހިސާބަށް ވުރެ ފަލަ މީހެއް ނަމަ ލޮލުން ބޮލުން ގަބޫލްކުރަން ކެންސަރު ފަހެއް ނުޖެހޭކަން ދިރާސާތަކުން ދައްކަ އެވެ.
ކުރު ގޮތަކަށް ދަންނަވާ ނަމަ އަޅުގަނޑުމެން މިއުޅޭ ދުނިޔެ މިވަނީ ކެންސަރު ހަނގުރާމައަށް ބެރު ޖަހައިދޭ ފަރާތްތަކުން ފުރިފައޭ ދެންނެވުމަކީ މުޅިއަކުން ކުށަކަށް ނުވާނެ އެވެ. އެހެނީ ބަލިން ދިފާއުވުމަށްޓަކައި ބޭނުންކުރާ ބައެއް ކަހަލަ ބޭހާއި ބައެއް ކަހަލަ ޓެސްޓްތަކުން ވެސް ކެންސަރު ޖެހުމަށް މަގުފަހި ކުރުވާކަން ވަނީ ހާމަވެފަ އެވެ.
ދޭތެރެ ދުރުކުރުމަށާއި އިއްދައިން ކެނޑޭ ދުވަސްވަރު ދިމާވާ އުނދަގޫތަކަށް ބޭނުންކުރާ ބޭހެއް ކަމަށްވާ އީސްޓްރޮޖަން އާއި އަންހެނުންގެ ރަހިމަށާއި އަދި އުރަމައްޗަށް ޖެހޭ ކެންސަރާ ގުޅުމެއް ވާކަން ވަނީ ހާމަވެފަ އެވެ. އަދި ހަމަ މިބީދައިން ފިރިހެން ވަންތަކަން ގެނައުމަށާއި އެހެނިހެން ފަރުވާތަކަށް ބޭނުންކުރާ އެންޑްރޮޖަން ނަމަކަށްކިޔާ ހޯމޯނާއި ފުރަމޭގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރާ ގުޅިފައިވާކަން ވެސް ފާހަގަކުރެވެ އެވެ.
ބަލިދެނެގަތުމަށްޓަކައި ނަގާ އެކްސްރޭ އާއި ހަދާ ސީޓީ އާއި ޕާކިއުޓޭނިއަސް ކޮރޮނަރީ އިންޓާވެންޝަން އާއި މަޔޯކާޑިއަލް ޕާފިއުޝަން އިމާޖިން ފަދަ ޓެސްޓްތަކުން ކުރިމަތިލާން ޖެހޭ ރޭޑިއޭޝަނާއި ކެންސަރާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ވާހަކަ ތިޔަ ބޭފުޅުން އަޑުއެހީމުތޯ އެވެ؟ ހެށަހެޅޭ ރޭޑިއޭޝަނުގެ މިންވަރާއި އެކަމުގެ ތެރޭގައި ހޭދަވާ ވަގުތާއި ތަކުރާރުކުރުންތަކަކީ މިދެންނެވި ރަހުމަތްތެރިކަމުގެ ގުޅުން ބިނާވެފައިވާ މަސްދަރުކަމަށް ކަމާ ބެހޭ މާހިރުން ފާހަގަކުރައްވަ އެވެ.