08 ޖެނުއަރީ 2024 - 06:48

ބަންގްލާދޭޝްގައި އިއްޔެ ބޭއްވި އާންމު އިންތިހާބުގައި ކުރިން ވެސް ނަތީޖާ ފެންނަން އޮތް ގޮތަށް، މިހާރުގެ ވެސް ބޮޑުވަޒީރު ޝައިހް ހަސީނާ ފަސް ވަނަ ފަހަރަށް ވެރިން ހޯއްދަވައިފި އެވެ.
ހަސީނާ މަގާމުގައި ހުންނަވައިގެން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ބުނެ، އިންތިހާބުގެ ކުރިން އޭނާ އިސްތިއުފާ ދެއްވައި އިންތިގާލީ ސަރުކާރެއްގެ ބެލުމުގެ ދަށުން އިންތިހާބު ބާއްވަން ދެކޮޅު ހެދުމުން މައި އިދިކޮޅު ޕާޓީ ބަންގްލާދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އިން ވަނީ އިންތިހާބު ބޮއިކޮޓްކޮށްފަ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން 222 ގޮނޑި ހަސީނާގެ އަވާމީ ލީގަށް ލިބުނެވެ. މިނިވަން ކެންޑިޑޭޓުންނަށް 63 ގޮނޑި އަދި އިދިކޮޅު ޕާޓީއެއް ކަމަށްވާ ޖަތިޔާ އަށް 11 ގޮނޑި ލިބުނެވެ.
ބީއެންޕީން ބުނެފައިވަނީ އިންސާފުވެރި އިންތިހާބެއް ކަމަށް ދެއްކުމަށް އަވާމީ ލީގުން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އަމިއްލަ ޕާޓީގެ އެތައް ބަޔަކު އިންތިހާބަށް ނެރުނު ކަމަށެވެ. އަދި ބައެއް ދާއިރާތަކަށް ވާދަ ނުކޮށް ދޫ ވެސް ކޮށްލި އެވެ.
މިއީ ހަސީނާ ބޮޑުވަޒީރު ކަމަށް، ވިދިވިދިގެން އިންތިހާބުވި ހަތަރު ވަނަ ފަހަރެވެ. އަދި ޖުމްލަ ފަސް ވަނަ ފަހަރެވެ.
ސުވާލުތައް ގިނަ މި އިންތިހާބުގެ ވޯޓުލުން ހަވީރު 4:00 ގައި ނިމުނު އިރު ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ 40 ޕަސެންޓް ވޯޓު ދިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު އޭގެ އެއް ގަޑިއިރު ކުރިން ވެސް މި އަދަދު ހުރީ 28 ޕަސެންޓްގައި ކަމަށް އިލެކްޝަންސް އިން ބުންޏެވެ.
އާންމުން ބުނަނީ މިއީ އާދަޔާ ހިލާފަށް މަދުން މީހުން ވޯޓުލާން ނިކުތް ފަހަރެއް ކަމަށެވެ. މީޑިއާތަކުންނާއި އޮބްޒާވަރުން ވެސް ވަނީ ވަގުތު ހަމަވާން ކައިރިވި އިރު ވަރަށް ގިނަ ފޮށިތަކުގެ ކައިރި އޮތީ ހުސްކޮށް ކަމަށް ބުނެފަ އެވެ. އެހެންވެ ވޯޓު ލީ މީހުންގެ އަދަދު އެއް ގަޑިއިރު ތެރޭ 28 ޕަސެންޓުން 40 ޕަސެންޓަށް ދިޔަ ގޮތެއް ނޭނގޭ ކަމަށް މީހުން ދަނީ ބުނަމުންނެވެ.
ބައެއް މީހުން ބުނި ގޮތުގައި އިންތިހާބެއްގެ ދުވަހަށް ވުރެ އިއްޔެ ބޮޑަށް ސިފަވީ ކޮވިޑްގެ ދުވަސްވަރާ އެވެ.
ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 120 މިލިއަނާ ގާތްކުރާއިރު އޭގެ ތެރެއިން ގާތްގަނޑަކަށް ދެ ބައިކުޅަ އެއް ބަޔަކީ އަންހެނުންނެވެ. މުޅިން އަލަށް ވޯޓު ލެވޭ 15 މިލިއަނެއްހާ މީހުން އެބަ ތިއްބެވެ. ގާނޫނު ހަދާ މަޖިލީހުގެ 300 ގޮނޑިއަށް ގާތްގަނޑަކަށް 2،000 ކެންޑިޑޭޓުން ވާދަކުރިއިރު 5.1 ޕަސެންޓަކީ އަންހެނުންނެވެ. މިއީ ރެކޯޑް މަތި އަދަދެކެވެ.
އިންތިހާބާ ދިމާކޮށް އާންމުކޮށް ބޮޑެތި ހަމަނުޖެހުންތައް ހިނގާ ބަންގްލާދޭޝްގައި މިފަހަރު ވެސް ހަމަނުޖެހުން ހިނގައި ބައެއް މީހުން މަރު ވެސް ވެފައިވެ އެވެ. އެކަމަކު ހަސީނާ ވިދާޅުވީ ހަަމަނުޖެހުން އުފައްދަނީ އިދިކޮޅު ޕާޓީން ކަމަށާއި އެއީ ޓެރަރިސްޓު ޖަމާއަތެއް ކަމަށެވެ.