08 ޖެނުއަރީ 2024 - 06:48

މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ޖިނާއީ އެހެން ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން ދެނެގަތުމަށް ސްރީލަންކާގެ މައި އެއާޕޯޓް ކަމަށްވާ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮޓޮމެޓިކް ފޭސް ރިކޮގްނިޝަން ސިސްޓަމެއް ބަހައްޓައިފި އެވެ.
ފުލުހުން ބުނީ މޫނު ދެނެގަނެ، އެއީ ކާކުކަން ބުނެވޭ ސިސްޓަމް ބެހެއްޓީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކާއި ރާވައިގެން ހިންގާ ބޮޑެތި ޖަރީމާތަކާ ދެކޮޅަށް ލަންކާގައި މިހާރު ހިންގާ "ޔުކްތިޔާ" ގެ ނަން ދީފައިވާ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.
ފުލުހުން ބުނީ ޒަމާނީ ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް ހިމެނޭ މި ސިސްޓަމް ބޭނުންކޮށްގެން، ވަގު ލިޔެކިޔުން ބޭނުންކޮށްގެން ގައުމުން ބޭރަށް ދާން އުޅޭ ކުށްވެރިން ދެނެގަނެ ހައްޔަރު ކުރުމަށް އެހީއަކަށް ވާނެ އެވެ.
ލަންކާ އިން ވަނީ ގައުމުން ބޭރުގައި ތިބެގެން ލަންކާގައި ޖަރީމާތައް ރާވައި ހިންގާ ގޭންގު ލީޑަރުން ހައްޔަރުކުރުމަށް އެކި ގައުމުތަކާ ގުޅިގެން މަސައްކަތް ވެސް ފަށައިފަ އެވެ.
ޔުކްތިޔާ ނުވަތަ އިންސާފްގެ ނަމުގައި މިދިޔަ މަހުގެ 17 ގައި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއި އެކި ކުށްތަކާ ގުޅުން ހުރި 25،000 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. މި އޮޕަރޭޝަންގައި ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކުރުމާއި ތަންތަން ފާސްކުރުން ކުރިއަށް ގެންދަނީ ސިފައިންނާއި ފުލުހުން ބައިވެރިވެގެންނެވެ.