07 ޖެނުއަރީ 2024 - 18:29

އިޒްރޭލުން މިއަދު ޣައްޒާގައި ދިން ވައިގެ ހަމަލާއެއްގައި އަނެއްކާވެސް ދެ ނޫސްވެރިޔަކު މަރާލައިފި އެވެ.
މިއަދު މަރާލީ އޭއެފްޕީ އަށް ވީޑިއޯ ނަގައިދޭ ފަލަސްތީނުގެ ނޫސްވެރިއެއް ކަމަށްވާ މުސްތަފާ ތުރިއާ އާއި އަލްޖަޒީރާ ޓީވީގެ ނޫސްވެެރިއެއް ކަމަށްވާ ހަމްޒާ ވާއިލް ދަހްދޫހް އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ މި ނޫސްވެރިން މަރުވީ ކާރެއްގައި ދަތުރުކުރަނިކޮށް ވައިގެ މަގުން ދިން ހަމަލާއެއްގައި ކަމަށެވެ.
މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އޭއެފްޕީން އިޒްރޭލު ސިފައިންގެ ކިބައިން އެދުމުން ޖަވާބެއްގެ ގޮތުގައި ދިނީ ހަމަލާ އަމާޒުކުރި ތަނުގެ ޖިއޮގްރަފިކް ކޯޑިނޭޓްސް އެވެ.
މިއަދު މަރުވި ހަމްޒާގެ ބައްޕަ އަކީ އަލްޖަޒީރާގެ ޣައްޒާ ބިއުރޯ ޗީފް ވާއިލް ދަހްދޫހް އެވެ. އޭނާ ވެސް މީގެ ކުރިން އިޒްރޭލުގެ ހަމަލާއެއްގައި ޒަހަމްވެފައި ވާއިރު އަނބިމީހާ އާއި ދެ ދަރިން ވަނީ މަރުވެފަ އެވެ.
"އަހަރެންގެ ހުރިހާ ވެސް މީހަކީ ހަމްޒާ. އަހަރެމެންގެ ކިބައިގައި އިންސާނިއްޔަތުކަން ނޫނީ ނެތް. އެކަމަކު އިޒްރޭލު ފުރިފައި އޮތީ މީހުން މެރުމާއި ނަފްރަތުން،" އަލްޖަޒީރާގައި ދަހްދޫހް ބުންޏެވެ.
އޭނާ ބުނީ ދަރިފުޅުގެ ލެޔަކީ މި ހަމަލާތަކުގައި ނޫސްވެރިއެއްގެ ގައިން އޮހޮރޭނެ އެންމެ ފަހު ލެޔަށް ވުމަކީ އޭނާގެ ދުއާ ކަމަށެވެ.
އުމުރުން ތިރީހަކަށް އަހަރުގެ ތުރިއާ އަކީ 2019 އިން ފެށިގެން އޭއެފްޕީ އަށް މަސައްކަތްކޮށްދޭ ވީޑިއޯ ޖާނަލިސްޓެކެވެ. އޭނާ މީގެ ކުރިން ވަނީ އޭޕީ، ރޮއިޓާސް، އަލްޖަޒީރާ އަދި ސީއެންއެން އަށް ވެސް މަސައްކަތްކޮށްދީފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 7 ގައި އިޒްރޭލުން ހަމަލާތައް ދޭން ފެށި ފަހުން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ފަލަސްތީނުގައި 77 ނޫސްވެރިޔަކު ވަނީ މަރާލައިފަ އެވެ. މީގެ ތެރެއިން 70 މީހުންނަކީ ފަލަސްތީނު މީހުންނެވެ. ދެން ހިމެނެނީ އިޒްރޭލުގެ ހަތަރު މީހަކާއި ލުބްނާނުގެ ތިން މީހެކެވެ. -- އޭއެފްޕީ