07 ޖެނުއަރީ 2024 - 16:43

އިންޑިއާ އިން ލަކްޝަދީޕްގެ ޓޫރިޒަމް ފުޅާކުރުމަށް ނިންމުމާ އެކު ސޯޝަލް މީޑިއާގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔައި މަލާމާތްކޮށް ޕޯސްޓްކުރި ދިވެހި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު މިއަދު ސަސްޕެންޑްކޮށްފި އެވެ.
އެ މައްސަލާގައި ގުޅިގެން ސަސްޕެންޑްކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދެވެ.
އެ ބޭފުޅުން ސަސްޕެންޑްކުރީ މޯދީ މިދިޔަ ހަފުތާގައި ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އާންމު ކުރެއްވި ވީޑިއޯއަކާ ގުޅިގެން މޯދީ އަށް އިހްތިރާމް ކުޑަކޮށް، ފާޑުވިދާޅުވި މައްސަލާގަ އެވެ.
ސަރުކާރުން މިއަދު އެ ބޭފުޅުންނަށް ފިޔަވަޅު އެޅީ އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރުކޮށް، ރާއްޖޭގެ ނަން ކިލަނބުވެފައިވާ ކަމަށް ބުނެ، އެ ބޭފުޅުންނަށް ފިޔަވަޅު އަޅަން ގިނަ ބަޔަކު ގޮވާލާފައި ވަނިކޮށެވެ.
އެ މައްސަލާގައި ތިން ބޭފުޅުން ސަސްޕެންޑްކުރި އިރު އިންޑިއާގެ ފިލްމީ ތަރިން ހިމެނޭ ގޮތަށް އެ ގައުމުގެ ގިނަ ބަޔަކު ދަނީ ރާއްޖޭގެ ޓޫރިޒަމްއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުންނެވެ. އެ މައްސަލަ ބޮޑުވީ ރާއްޖޭގެ ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރަށް ސޯޝަލް މީޑިއާގައި ދިމާކޮށްލުމުންނެވެ.
އެއާ އެކު މިހާރު ގިނަ ބަޔަކު ދަނީ އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އަށް އައުމަށް ހަދާފައިވާ ބުކިން ކެންސަލް ކުރުމަށް ވެސް ގޮވާލައި ކެމްޕެއިން ކުރަމުންނެވެ. އަދި ގިނަ ބަޔަކު ބުކިން ކެންސަލް ކުރަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
މި ވަގުތު އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ބޭރުގެ ލީޑަރުންނާއި މަތީ ފަންތީގެ އެކި ބޭފުޅުންނަށް މަލާމަތް ރައްދުވާ ގޮތަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކުރާ ޕޯސްޓުތައް ސަރުކާރުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް ބުނެފަ އެވެ. އެއީ އެގޮތަށް ވާހަކަ ދައްކާ މީހުންގެ އަމިއްލަ ހިޔާލު ކަމަށާއި ދިވެހި ސަރުކާރުން ދެކޭ ގޮތް ނޫން ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ މައްސަލާގައި ސަރުކާރުން ބުނެފައި ވަނީ ބޭރުގެ ވެރިންނާ މެދު އިހްތިރާމް ކުޑަކޮށް، މުއާމަލާތްކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ.