07 ޖެނުއަރީ 2024 - 09:36

ފަލަސްތީނުގެ ޣައްޒާގެ އުތުރުން ހަމާސްގެ އަސްކަރީ "ކޮމާންޑް ސްޓްރަކްޗާ" މިހާރު ނައްތާލާފައިވާ ކަމަށް އިޒްރޭލު ސިފައިން ބުނެފި އެވެ.
"ޣައްޒާގެ އުތުރުން ހަމާސްގެ އަސްކަރީ ފްރޭމްވޯކް ނައްތާލުމުގެ މަސައްކަތް މިހާރު ވަނީ ފުރިހަމަވެފައި،" އިޒްރޭލު ސިފައިންގެ ތަރުޖަމާނު ޑެނިއެލް ހަގާރީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުންޏެވެ.
އޭނާ ބުނީ ފަލަސްތީނުގެ ހަނގުރާމަވެރިން މިހާރު އަބަދު ހަރަކާތްތެރިނުވާ ކަމަށާއި ފެންނަނީ ދޭތެރެދޭތެރެއިން ކަމަށެވެ. އަދި އެ މީހުންގެ ކޮމާންޑަރުން ވެސް ނުތިބޭ ކަމަށް ބުންޏެވެ.
"މިހާރު އަމާޒަކީ ޣައްޒާގެ މެދުތެރެއިން އަދި ދެކުނުން ހަމާސްގެ ބާރު ނައްތާލުން،" ތަރުޖަމާނު ބުންޏެވެ.
އެކަމަކު އޭނާ ބުނީ މިއީ އަދިވެސް ވަރަށް ގިނަ ދުވަސް ހޭދަވާނެ އުނދަގޫ މަސައްކަތެއް ކަމަށެވެ.
ޣައްޒާގެ މެދުތެރޭގައި ހަމާސްއާ ދެކޮޅަށް މަސައްކަތްކުރާނީ ތަފާތު ގޮތަކަށް ކަމަށް ވެސް ތަރުޖަމާނު ބުންޏެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެ އެވެ. އޭނާ ބުނީ ޣައްޒާގެ މެދުތެރޭގައި ހުރި ރެފިއުޖީ ކޭމްޕްތައް އޮތީ ތޮއްޖެހިފައި ކަމަށާއި އޭގެ ތެރޭގައި ގިނައީ "ޓެރަރިސްޓުން" ކަމަށެވެ. ޣައްޒާގެ ދެކުނުގައި ހަމާސް އިން ވަނީ ބިމު އަޑީގެ ޓަނެލްތައް ހަދާފައި ކަމަށާއި އެ ތަންތައް ނައްތާލަން ވަގުތު ނަގާނެ ކަމަށް ބުންޏެވެ.
އިޒްރޭލުން ފަލަސްތީނަށް މި ފަހުން ދޭން ފެށި ހަމަލާތަކަށް ހަތަރު މަސް ވެގެން ދިޔައިރު މިހާރު ވަނީ ސަރަހައްދުގެ އެހެން ގައުމުތައް ވެސް ހަނގުރާމައިގެ ހަމަނުޖެހުމުގެ ތެރެއަށް ވަނުމުގެ ބިރު ބޮޑުވެފަ އެވެ. އިޒްރޭލުން ލުބްނާންގެ އެތެރޭގައި ދިން ހަމަލާއެއްގައި ހަމާސްގެ ނައިބު ލީޑަރަކު އަވަހާރަކޮށްލުމުން އެ މައްސަލަ ހޫނުވެ ހިޒްބުﷲ ޖަމާއަތުން ވަނީ އިންޒާރު ދީފަ އެވެ.
ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ކުއްލި ވަރުގަދަ ހަމަލާތަކަށް ފަހު ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 22،722 މީހަކު މިހާތަނަށް ޝަހީދު ވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. މީގެ ތެރޭގައި ގިނައީ ހަނގުރާމައާ ގުޅުމެއް ނެތް އަންހެނުންނާއި ކުޑަކުދިން ކަމަށް ވިޔަސް އިޒްރޭލުން ބުނަނީ ހަމާސްގެ ގިނަ ބަޔަކު އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. --އޭއެފްޕީ