07 ޖެނުއަރީ 2024 - 08:52

ފަރްހާ ނުކުމެފައި ނިކަން ބާރަށް ދޮރުޖެހިއެވެ. ރަޒީން ހުރީ ގަބުވެފައެވެ. ހިނގައިގަންނާނެ ދިމާއެއް، ކުރަންވީ ކަމެއް ނޭނގިފައެވެ.
އޭނަ ހިތަށްއެރިއެވެ. އެ މައްސަލަގަނޑުގެ ތެރެއަށް ފަރްހާ ވެއްދުން އެއީ ލުބާނާ ކުރި މޮޔަކަމެކެވެ. ކޮޓަރީގެ ތަޅުދަނޑި ފަރްހާއަށް ދިނުން އެއީ ލުބާނާ ދިން ކެހިވެރި ލަނޑެކެވެ. ފުންނޭވައެއް ބޭރުކޮށްލުމަށް ފަހު ރަޒީން އެނދުގައި އިށީނެވެ. ފަރްހާ ގޮސް ލުބާނާ ގާތުގައި ދައްކާނީ ކޮން ވާހަކައެއްކަމެއް ރަޒީނަކަށް ނޭނގެއެވެ. އެ ވަގުތު ކުރަން އެންމެ ރަނގަޅު ކަމަކަށް ރަޒީނަށް ވިސްނުނީ ލުބާނާއަށް ގުޅުމެވެ. ކޮންމެވެސް އެއްޗެކޭ ކިޔައިގެން ފަރްހާގެ ކޮޓަރިން ލުބާނާ ނެރުމެވެ. އެކަމަކު ލުބާނާ ފޯނެއް ނުނެގިއެވެ. އަޑުކަނޑައިލާފައި އޮތުމުން، ފޯނެއް އަންނަކަމެއް ލުބާނާއަކަށް ނުވެސް އެނގެއެވެ. ފަރްހާ ކޮޓަރިއަށް ވަން ގޮތަށް އެ ތަނުގައި ހުރި ގޮނޑިއަށް ވެއްޓިގަތެވެ. ފަރްހާ ހިތަށްއެރިއެވެ. ރަޒީން ދިނީ ލަނޑެކެވެ. ލުބާނާ ވަރިކުރާކަށް ރަޒީން ނޫޅެއެވެ. އެ މަޅީގައި ފަރްހާ ޖެހުނީ ކީއްވެގެންހެއްޔެވެ؟ ސިފަ ރީތި މީހެއްގެ މިޒާޖު ވެސް ރަނގަޅުވާނެކަމަށް ހީކުރެވުނީ ކީއްވެގެންހެއްޔެވެ؟ ނިމޭ އިރު ފަރްހާ ވެސް ހިނގަން މަޖުބޫރުވާނީ ލުބާނާ ހިނގި މަގުންނެވެ. އެއީ ދުނިޔޭގެލަދަށް ޓަކައި ރަޒީންއާ ކައިވެނިކުރުމެވެ. ދެއަންބަށް ވިޔަސްވެހެވެ.
"އޭނަ ކީކޭ ބުނީ؟" ލުބާނާ ސުވާލުކުރިއެވެ.
ދޭނެ ޖަވާބެއް ފަރްހާއަކަށް ނޭނގެއެވެ. ލުބާނާ ދެކެ ރަޒީން ކިހައި ލޯބިވާކަމާއި، ވަރިނުކުރާނެ ވާހަކަ ބުނެގެން ލުބާނާ އުފާކޮށްދިނުމަކީ، ފަހަރެއްގައި ވެސް ފަރްހާ ކުރާނެކަމެއް ނޫނެވެ.
"ނޭހިއްޔާ ރަނގަޅުވާނީ،" ފޫހިވެފައިވާ ރާގެއްގައި ފަރްހާ ބުންޏެވެ. "އަހަރެން ނުދެކެން އެހާ ކަޑަމީހެއް."
"ކީކޭތަ ރަޒީން ބުނީ؟" އަނެއްކާ ވެސް ލުބާނާ އެހިއެވެ. "އަޅެ ބުނެބަލަ!"
"އޭނަ ބުނި އެއްވެސް އެއްޗެއް އަހަރެން ލުބާ ގާތަކު ނުބުނާނަން،" ފަރްހާ ތެދުވެގެން ގޮސް ފާހާނާއަށް ވަންނަމުން ބުންޏެވެ. "ލުބާ އޭނައަށް ގުޅާފަ އަހާ! ނޫނީ ގޮސް އަހާ! އައި ޑޯންޓް ކެއަރ!"
ހެނދުނު ފަރްހާއަށް ހޭލެވުނީ ދޮރުގައި ޓަކިޖަހާ އަޑަށެވެ. ފޯނުން ގަޑިބަލައިލި އިރު ހެނދުނު ދިހައެއްޖަހަނީއެވެ. ރަޒީން އެތައް ފަހަރަކު ގުޅާފައި އޮތެވެ. ފަރްހާ ދޮރުކަޅިން ބޭރު ބަލައިލި އިރު ދޮރުމަތީގައި ހުރީ ރަޒީނެވެ. އޭނަ ހުރީ ވަރަށް ހަމަޖެހިފައެވެ. ރޭގަނޑު ހިނގައިދިޔަ ހާދިސާއަށް ފަހުގައި ރަޒީން އެހައި ހަމަޖެހިފައިހުރުމުން ފަރްހާ ކުޑަކޮށް ހައިރާންވިއެވެ. ވިސްނައިލަން އިރުކޮޅަކު މަޑުކުރުމަށް ފަހު ފަރްހާ ދޮރު ހުޅުވައިލިއެވެ.
"މޯނިންގް! ހިނގާ ބްރޭކްފާސްޓަށް ދަމާ!" ހިނިތުންވެލާފައި ރަޒީން ބުންޏެވެ. "ބުފޭ ނިމިފަ އޮންނާނީ އެކަމަކު.."
"ތީ އިންސާނެއްތަ؟" ފޫހިވެފައި ފަރްހާ އެހިއެވެ. "ހިޔެއްނުވޭ ދޯ ކަމެއްވީހެނެއް ވެސް؟ އަހަރެން ކީއްކުރަން ރަޒީނާ އެއްކޮށް ސައިބޯން ދަނީ؟ ދުނިޔޭގަ އަހަރުމެން ދެމީހުން އެކަނިތިއްބަސް، ރަޒީނާ އެއްކޮށް އަހަރެން ދާނެ އެއްވެސް ތަނެއް ދެނެއް ނޯންނާނެ. ލޯބިލުބާ ގޮވައިގެން ދޭބަލަ! އަހަރުމެންގެ ރިލޭޝަންޝިޕް ރޭގަ ނިމިއްޖޭ! ރަޒީނަށް އަދި ވެސް ގެޓެއް ނުވޭތަ؟ ދި އެންޑް!"
"ޝޫ!" ރަޒީން މަޑުމަޑުން ބުންޏެވެ. "ލުބާއަށް އިވެއްޖެއްޔާ ޔޯ؟ ކޮބާ ލުބާ؟ ހޭލައިފިތަ؟"
ރަޒީން ދޮރުހުޅުވައިފައި އެތެރެއަށް ވަނެވެ. ފަރްހާ ހުރީ ހައިރާންވެފައެވެ. ކަޅިޖަހައި ނުލައި ފަރްހާއަށް ބެލުނީ ރަޒީންގެ މޫނަށެވެ.
"ފާހާނައިގަ ދޯ؟" ރަޒީން އެނދުގައި އިށީންނަމުން ބުންޏެވެ. "ނުކުންނަންދެން މަޑުކޮށްލާނަން."
"ތި ރޫމަކަށް ނޫންތަ ލުބާ ދިޔައީ؟" ފަރްހާ އެހިއެވެ.
"މި ރޫމަކު ނޫންތަ ލުބާ އޮތީ؟" ވަރަށް ހައިރާންވެފައި ރަޒީން ބުންޏެވެ. "ލުބާއެއްނު ރޭގަ ފަރޫ ފޮނުވީ!"
"ވަޓް؟" ފަރްހާ ބުންޏެވެ. "ދަންވަރު އޭނަ ނުކުމެގެން ތި ރޫމަކަށް ނޫންތަ ދިޔައީ؟ އަހަރެން އައި ގޮތަށް ވަނީ ޓޮއިލެޓަށް. ކޮޓަރީގެ ދޮރު ހުޅުވި އަޑުއިވުނު. އައި ތޯޓް.."
"އޭނ؟" ރަޒީނަށް ލިބުނީ ވަރުގަދަ ޝޮކެކެވެ.
ފަރްހާ ސަމާސާކުރަނީހެން ހީވެގެން ބަލާ ކަހަލަ ގޮތަކަށް ފަރްހާއަށް ބަލަމުން ރަޒީން ގޮސް ފާހާނައިގެ ދޮރުގައި ހިފިއެވެ. ދޮރު ހުޅުވައިލިއެވެ. އެ ތާކު ލުބާނާއެއް ނެތެވެ. ރަޒީން ގޮސް އަލަމާރި ހުޅުވައިލިއެވެ. އަނެއްކޮޅުން ފަރްހާއަށް ހީވީ ރަޒީން ސަމާސާކުރަނީހެންނެވެ. ނިދާހެދުމުގައި ކޮޓަރިން ނުކުމެގެން ފަރްހާ ދިޔައީ ރަޒީންގެ ކޮޓަރިއަށެވެ. ފަހަތުން ރަޒީން ވެސް އައެވެ.
"ދޮރު ހުޅުވާ!" ފަރްހާ އަމުރުކުރިއެވެ.
ރަޒީން ދޮރު ހުޅުވިއެވެ. އެ ކޮޓަރިއަކު ލުބާނާއެއް ނެތެވެ.
"މި ރޫމަކަށް ލުބާއެއް ނާދެޔޭ! ސީރިޔަސްކޮށް!" ރަޒީން ބުންޏެވެ.
"އަހަންނަކަށް ތި ސަމާސަ މަޖައެއް ނޫން." ހިތްހަމަނުޖެހިފައި ފަރްހާ ބުންޏެވެ.
ފަރްހާ އަތަކު ފޯނެއް ނެތެވެ. ފަރްހާ އެދުނީ ރަޒީންގެ ފޯނުން ލުބާނާއަށް ގުޅާށެވެ. ރަޒީން ވަގުތުން ލުބާނާއަށް ގުޅިއެވެ. ފަރްހާ އެ ފޯނު ޖަހައިގަތެވެ. އަންނަމުންދިޔައީ މެސެޖެކެވެ. ލުބާނާގެ ފޯނު އޮތީ ނިއްވާލައިފައެވެ.
"މި ރޫމަކަށް ލުބާ ނާދެޔޭ ފަރޫ!" ރަޒީން ތަކުރާރުކޮށް ބުންޏެވެ. "އަހަރެން ވެސް އެތައް ފަހަރަކު ލުބާއަށް ގުޅިން. ފޯނު އޮފްކޮށްފަ އޮންނަނީ. އަހަރެން ހީކުރީ ރުޅިއައިސްގެން ނިވާލީކަމަށް. އޭނަ ހަދާނެ އެހެން."
"ބުނަން ރަޒީން!" ވަރަށް ސީރިޔަސްވެފައި ފަރްހާ ބުންޏެވެ. "ފަހު ފަހަރަށް މި ބުނަނީ. އަހަންނަކަށް ތި ސަމާސަ މަޖައެއް ނޫން. ލުބާއަކީ ވަރަށް އެހެން ކަހަލަ ކުއްޖެއް. ކޮންމެ ކަމެއް ވެސް އޭނަ ކޮށްފާނެ. ވަރަށް ވަރަށް މޫޑީވެފަ ރޭގަ އޭނަ ހުރީ. އަހަރެން މި ދާގޮތަށް ގޮސް ލުބާގެ މަންމައަށް ގުޅާނީ. އޭރުން ވަރަށް ފަނިވާނެ އިނގޭ!"
"ދެން ކޮން އެކްޓެއް ތި ޖައްސަނީ؟" ރަޒީން ވެސް ސީރިޔަސްވެފައި ބުންޏެވެ. "އަހަންނަށް އެނގޭ ފަރޫ ތި އުޅެނީ ލުބާ ފޮރުވައިގެންކަން. ތެދަށް ބުނޭ! އެހެންނޫނީ އަހަރެން ހަމަ މިހާރު މި ގުޅަނީ ލުބާ މަންމައަށް.
"ގުޅާ! ހަމަ މިހާރު ގުޅާ!" ފަރްހާ އަމުރުކުރިއެވެ.
ގުޅަންވެގެން ރަޒީން ފޯނު ނަގައިފައި ވެސް ނުއެއް ގުޅިއެވެ.
"އޭރުން ފަނިވެދާނެ،" ރަޒީން ބުންޏެވެ. "ހިނގާ ލުބާ ހޯދަން ދަމާ! ރަނގަޅަށްވެއްޖެއްޔާ އޭނަ އިންނާނީ ބާރގަ ނޫނީ ކޮފީޝޮޕްގަ. އޭނަ ބޭނުންވާނީ އަހަރެންގެ ސްޓްރެސް ލެވަލް މަތިކުރަން. ހަނީމޫނަށް ގޮސްގެން އުޅުނު އިރު ވެސް ކިތައް ކަންތައް އޭނަ ކުރީ. ޗޭންޖުކޮށްލައިގެން ހިނގާބަލަ!"
"މަ ކީއްކުރަން ދަނީ؟" ފަރްހާ ބުންޏެވެ. "ދޭބަލަ ލޯބިލުބާ ހޯދަން. އަހަރެން ބޭނުމެއް ނޫން ތީގެ ތެރެއަށް ވަންނާކަށް."
ފަރްހާ އެ ކޮޓަރިން ނުކުމެގެން ގޮސް ފަރްހާގެ ކޮޓަރިއަށް ވަނެވެ. ކޮފީއެއް ހަދައިގެން ގޮނޑީގައި ހަމަޖެހިލިއެވެ. ފަރްހާ ވިސްނީ ފަރްހާއަށެވެ. ދެން ކަންތައްވާނެ ގޮތަކަށެވެ. ރަޒީން މަތިން ހަނދާންނައްތައިލުމަކީ ފަރްހާއަށް ކުރެވިދާނެކަމެކެވެ. ޖަހައިގަނެގެން ގެންދިޔުމަކަށް ވެސް ހުރަހެއް ނެތެވެ. ފަރްހާގެ ސުވާލަކީ، ރަޒީންއަކީ ފަރްހާ ލޯބިވާން ކަމުދާ ފެންވަރުގެ މީހެއްހެއްޔެވެ؟ އެހައި މުހިންމު މީހެއްހެއްޔެވެ؟ ސިފަ ކިތަންމެހައި ވެސް ރީއްޗެވެ. އެހެނަސް، އިތުބާރުކުރެވިދާނެހެއްޔެވެ؟ އެކި ހިޔާލުކުރަމުން ފޯނު ނަގައިގެން ކުޅެމުން ގޮސް ރަޒީންގެ އިންސްޓަގްރާމް އެކައުންޓަށް ވަދެވުނެވެ. ލުބާނާގެ އެފްބީ ޕޭޖަށް ވަދެވުނެވެ. ކުރީ ރޭ ހިތްހަމަނުޖެހިގެން އޮވެ އެތައް އެއްޗެއް ފޭސްބުކްގައި ލުބާނާ ލިޔެފައިހުއްޓެވެ. އިނގެރޭސިން ލިޔެފައިވާ އެކިއެކި ފޮޓޯ ވެސް ލާފައި ހުއްޓެވެ. އެއިން ދޭހަވަނީ މި ކަހަލަ މާނަތަކެކެވެ. ލޯތްބަށް ލުބާނާގެ ހިތުގައި އޮތް އިހުތިރާމު ގެއްލިއްޖެއެވެ. މީހަކަށް އިތުބާރުކުރުމަކީ ދެން ލުބާނާއަށް ފަސޭހަކަމަކަށް ނުވާނެއެވެ. ރަޒީންގެ އިންސްޓަގްރާމް ޕޭޖުގައި މުޅީން ވެސް ހުރީ ލުބާނާޔާ އެކުގައި ނަގާފައިހުރި ފޮޓޯއާއި މަންޒަރުތަކެވެ. ސަކަރާތްޖަހާތަނާއި ސަމާސާކުރާ ތަނެވެ. ހެނިކޮށާއި ވައްތަރުޖައްސަނިކޮށް ނަގާފައިވާ ފޮޓޯތަކެވެ. ދެމަފިރިންގެ މެދުގައި އެއްވެސް މައްސަލައެއްޖެހިގެން އުޅޭހެން ހީ ވެސް ނުވެއެވެ. ކުއްލިއަކަށް ދޮރުގައި ޓަކިޖެހުމާއެކު ފަރްހާ ސިއްސައިގެންދިޔައެވެ. ދޮރު ހުޅުވައިލިއެވެ. ރަޒީން ހުރީ ވަރަށް ކަންބޮޑުވެ، މާޔޫސްވެފައެވެ.
"ނުފެނުނު. މުޅި ރަށް ބަލައިފިން،" އެތެރެއަށް ވަންނަމުން ރަޒީން ބުންޏެވެ. "ތި ދެމީހުން ރާވައިގެން އަހަރެން ބިރުގަންނަވަން އުޅެންޏާ އަސްލު ވެސް އަހަރެން ބިރުގެންފި. ދެން ހުއްޓާލާ!"
"ތެދަށް ބުނަން؟ އަހަރެން މިހާރު ރަޒީނަކަށް ޓްރަސްޓެއް ނުކުރަން،" ފަރްހާ ބުންޏެވެ. "އަހަންނަށް ހީވަނީ ތި ހަދަނީ ހުސް ދޮގުހެން. އެކަމަކު ދެން ތި ސަމާސަ ހުއްޓާލާ ނޫނީ ހަމަ މިހާރު ލުބާ މަންމައަށް މި ގުޅަނީ."
ރަޒީން ވަގުތުން ލުބާނާގެ މަންމައަށް ގުޅިއެވެ.
"ލުބާ އެބަހުރިތަ؟" ރަޒީން އެހިއެވެ. "ނެތޭ؟ އޭނަ ވީ ތަނެއް ނޭނގިގެން މި އުޅެނީ. ފޯނު ނިއްވާލާފަ އޮތީ."
"އަހަނ!" ހަފީޒާއަށް ބުނެވުނެވެ. "ބީޗްގަ ވެސް ހުރެދާނެ! ރަނގަޅަށް ބަލާބަލަ! ރިސޯޓަކަށް ނުއެއް ގެއްލޭނެއްނު."
"ދެންމެއަކު ނޫނޭ ގެއްލުނީ. ރޭ ދަންވަރު ފަރޫގެ ރޫމްގަ އެ ދެމީހުން ވާހަކަދައްކަން ތިބެފަޔޯ ލުބާ ނުކުތީ،" ރަޒީން ކިޔައިދިނީ ހުރިހައި ހުޅުނބެއްޖަހައި އޮމާންކޮށްފައެވެ. "ފަރޫ ހީކުރީ އަހަރެންގެ ރޫމަށްކަމަށޯ ދިޔައީ. އެކަމަކު އަހަރެން ހޭލި އިރަކު ވެސް ލުބާއެއް ނެތް. އަހަރެން ހީކުރީ ފަރޫގެ ރޫމްގަކަމަށް ވީ. ދެންމެ މި އެނގުނީ ދަންވަރު ލުބާ އެ ރޫމުން ނުކުތްކަން. ހިތަށްއެރީ އޭނަ އިނދެދާނޭ ކޮފީޝޮޕްގަ ވެސް. މުޅި ރަށް ބަލައިފިން. ނުފެނުނު."
މައްސަލަ ރަތްކުލައިގެން ދިއްލުނީ އެ ހިސާބުންނެވެ. ރަޒީން ވާހަކަދައްކައި ނިންމައިފައި ފޯނުކަނޑައިލިއެވެ.
"ކީކޯ؟" ފަރްހާ އެހިއެވެ.
"އެބަ އާދޭ މި ތަނަށް!" ރަޒީން ބުންޏެވެ. އަދި މަޑުމަޑުން އެހިއެވެ. "ލުބާއަށް ކީއްކުރީ؟"
"އާ ޔޫ ކިޑިން މީ؟" ހައިރާންވެފައި ފަރްހާ ބުންޏެވެ. "މަ ކީއްކުރަން އޭނައަށް ކަމެއްކުރަންވީ؟ ކީއްވެ ތިހެން ހިތަށް ވެސް އެރީ؟ ކީއްވެ ތި ދެމީހުން މައްސަލަޖެހުނު ވާހަކަ ލުބާ މަންމަ ކައިރީގަ ނުބުނީ؟ އަހަރެންތަ އެ ވާހަކަ ބުނަންވީ؟"
"އެއީ މާ ރީތި ވާހަކައެއްތަ ދައްކަން؟ ޑިވޯސްގެ ވާހަކަ ބުނެފިއްޔާ ލުބާގެ މަންމައަށް މި ވެސް ފެންނާނެ،" ފޯނުން ފޮޓޯތަކެއް ދައްކައިލަމުން ރަޒީން ބުންޏެވެ. "އެންމެންގެ ކުރިމަތީގަ އަހަރެން ފަރޫ ކައިރީގަ އަހާނަން ލުބާއަށް ކިހިނެއްހޭ ހެދީ؟"
ނުނިމޭ